ހަބަރު

ޓީޗަރުންނަށް ހާއްސަކޮށް އައިލޭންޑާޒްއިން މަހާސިންތާއެއް ފަށައިފި

އައިލޭންޑާސް އެޑިއުކޭޝަނާއި ފައުންޑޭޝަން ފޯ ބެޓާ ފިއުޗާ އާއި ގުޅިގެން ޓީޗަރުންނަށް އަމާޒުކޮށް އިނަވޯޓް އެޑިޔުކޭޝަން ސިމްޕޯސިއަމް 2017ގެ ނަމުގއި ވޯކްޝޮޕެއް ފަށައިފި އެވެ.

މީގެ ދެ އަހަރު ކުރިން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ މި ސިމްޕޯސިއަމްގައި މިއަހަރު މާލޭގެ ތިން ސުކޫލަކާއި އަތޮޅު ތެރޭގެ ފަސް ސުކޫލަކުން ބައިވެރިވެރިވެފައި ވެއެވެ. އެއް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ވޯކްޝޮޕްގައި މިއަހަރު 300 އަށް ވުރެ ގިނަ ޓީޗަރުން ބައިވެރިވެފައި ވެއެވެ. އެ ވޯކްޝޮޕަކީ ކިޔަވާދިނުމުގެ އިތުރު ހުނަރުތައް ދަސްކޮށްދިނުމާއި ކިޔަވާދިނުމުގައި މޮޅު އަދި އާ ގޮތްތައް ބޭނުން ކުރުމަށް ޓީޗަރުންނަށް އުގަންނައި ދެވިގެންދާނެ އެވެ.

ބިލަބޮން ހައި އިންޓަނޭޝަނަލް ގައި ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވޯކްޝޮޕް ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ކުރީގެ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ މިކަހަލަ ވޯކްޝޮޕެއްގެ އެންމެ ބޮޑު މަގުސަދަކީ ޓީޗަރުންނަށް ރަނގަޅު ހުނަރު ދަސްކޮށްދީ ކުރިއަށް ދިއުމުގައި މަގުފަހި ކުރުން ކަމަށެވެ. އަދި އައިލޭންޑާސް އިން ވަނީ ކިޔަވާދިނުން އިތުރު ހަރުފަތަކަށް ގެންގޮސްފަައި ކަމަށާއި ހަރުދަނާ ތައުލީމެއް ދިނުމުގައި އައިލޭންޑާސް އިން ވަނީ ނަމޫނާ ދައްކައިދީފައި ކަމަށް މަރިޔަމް ޝަކީލާ ވިދާޅުވި އެވެ.

"އައިލޭންޑާސްއިން ވަނީ ކިޔަވާދިނުން އިތުރު ހަރުފަތަކަށް ގެންގޮސްދީފައި، އައިލޭންޑާސްގެ ދަށުން ހިންގާ ސުކޫލުތަކުގައި ކިޔަވަން ބޭނުންވާ ކުދިންގެ ނިސްބަތް ދަނީ އިތުރުވަމުން،" މަރިޔަމް ޝަކީލާ ވިދާޅުވި އެވެ.

އެ ވޯކްޝޮޕްގައި ރާއްޖޭ އާއި ރާއްޖެއިން ބޭރުގެ ލެކްޗަރާއިން ލެކްޗާދިނުމަށް ހަމަ ޖެހިފައި ވެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ނަން މަޝަހޫރު ލެކްޗަރާއެއް ކަމަށްވާ އަބުދުލް އަޒީޒް ޗޯހާން ހިމެނެ އެވެ. ޗޯހާން އަށް ވަނީ އެޕަލް ގެ ފަރާތުން ދުނިޔޭގެ އެންމެ އިނޮވޭޓިވް އެޑިޔުކޭޓާގެ ލަގަބް ދެއްވާފަ އެވެ. އަދި މީގެ އިތުރުން މަސްއޫދު އަލީ އާއި ޑރ. އިސްކަންދަރު ރިޒާލް ހަމްޒާ އާއި ހިދާޔާ މުހައްމަދު ޒާހިރު އަދި އަހުމަދު ނާސިރު ވެސް ލެކްޗަރާއިންގެ ތެރޭގައި ހިމެނެ އެވެ. ވޯކްޝޮޕް ނިންމުމާއި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކުރުން ހަވީރު އޮންނާނެ އެވެ.