ހަބަރު

28 ރަށެއްގައި ޕީޕީއެމްގެ ރެލީތައް ބާއްވައިފި

ސަރުކާރު ތިމްސީލު ކުރާ ޕާޓީ، ޕީޕީއެމް އިން ރާއްޖޭގެ 28 ރަށެއްގައި ކެމްޕެއިން ރެލީތައް މިއަދު ބާއްވައިފި އެވެ.

ޕީޕީއެމްއިން މި ރެލީ ބޭއްވީ ރައީސް އަބްދުﷲ ޔާމީން ގެނެސް ދެއްވަމުންދާ ތަރައްގީއާއެކު ރައްޔިތުން ތިބިކަން ހާމަ ކުރުމުގެ ގޮތުންނާއި ގާނޫން އަސާސީއަށް ނުވަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެގޮތުން މާލެ އާއި ބޮޑެތި ރަށްތައް ހިމެނޭ ގޮތަށް 25 ރަށެއްގައި ލޮރީ ބުރާއި ސައިކަލު ބުރު ޖެހުން އަދި ހިނގާލުންތައް ކުރިޔަށްދިޔަ އެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޕީޕީއެމްގެ ލީޑާޝިޕާއި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިތުރުން ކުންފުނިތަކުގެ އިސްވެރިން ވަނީ އެކި ރަށްތަކަށް ކެމްޕެއިން ކުރުމަށް ވަޑައިގެންފަ އެވެ. ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓަރީ ޖެނަރަލް އިގްބާލް ވިދާޅުވީ، ހުރިހާ ރަށެއްގައި ވެސް ވަރަށް ކާމިޔާބު ކަމާއެކު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ރެލީތައް ކުރިއަށް ދިޔަ ބައެއް ރަށްތައް:

  • ހއ. ހޯރަފުށި، ދިއްދޫ
  • ހދ. ކުޅުދުއްފުށި
  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • ޅ. ހިންނަވަރު
  • ކ. ތުލުސްދޫ، ގުރައިދޫ
  • އއ. ތޮއްޑޫ
  • އދ. ދަނގެތި
  • ވ. ފެލިދޫ
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • މ. މުލަ
  • ތ. ގުރައިދު
  • ލ. ފޮނަދޫ
  • ގއ. ވިލިނގިލި
  • ގދ. ތިނަދޫ
  • ޏ. ފުވަމުލަކު
  • ސ. ހިތަދޫ، ހުޅުދޫ
  • މާލެ
  • ވިލިމާލެ
  • ހުޅުމާލެ

މިއީ މިފަހުން ޕީޕީއެމްއިން އެއް ފަހަރާ އެންމެ ގިނަ ރަށްތަކުގައި ސިޔާސޫ ހަރަކާތްތައް ކުރިއަށް ގެންދިޔަ ފަހަރެވެ. ޕީޕީއެމްއިން ބުނާ ގޮތުގައި އެ ޕާޓީގެ ހަރަކާތްތައް ކުރިއަށް އޮތްތާވެސް އިތުރުވެ ފުޅާވެގެންދާނެ އެވެ.