ވިޔަފާރި

ޔޫކޭގައި ރާއްޖޭގެ މަހުގެ އަގު ރެކޯޑް މިންވަރަކަށް އުފުލުމަށް ފަހު ދަށަށް

Apr 18, 2015

ޔޫރަޕަށް ސްރީ ލަންކާގެ މަހުގެ ބާވަތްތައް އެތެރެކުރުން މަނާކުރުމާ އެކު އިނގިރޭސި ވިލާތުގައި މަހުގެ އަގު މައްޗަށް ގޮސް ރާއްޖޭގެ މަހުގެ ބާވަތްތަކަށް ޑިމާންޑް ބޮޑުވުމުން އަގުތައް މަތީގައި ހުރުމަށް ފަހު ދަށަށް ހިނގައްޖެ އެވެ.

ތިމާވެއްޓާ ރަހުމަތްތެރި ނޫން ގޮތްގޮތަށް މަސްވެރިކަންކުރާ މައްސަލާގައި ލަންކާގެ މަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުން މަނާކުރުމާ އެކު އިނގިރޭސި ވިލާތުގައި ކަނޑުމަހުގެ ސަޕްލައި ދަށްވެ މަހުގެ އަގު ފެބްރުއަރީ މަހު ވަރަށް ބޮޑަށް އުފުލުނެވެ. އެހެންވެ ރާއްޖެ އާއި އެހެން ބައެއް ގައުމުތަކުގެ މަހަށް ޔޫކޭގައި ޑިމާންޑް ބޮޑުވެ އަގު މައްޗަށް ދިޔަ އެވެ. ނަމަވެސް ޔޫރަޕުން ލަންކާ އަށް އެޅި ފިޔަވަޅު އުވާލުމަށް މިހާރު ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އެކު މިހާރު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގައި މަހުގެ ހުރި ވަރާ ދާދި އެއް ހަމަޔަކަށް އަގު ތިރިވެފަ އެވެ.

"މިހާރު ދަނީ ބޭނުންވާ ވަރަށް މަސް ލިބެމުން. ފެންވަރު ވެސް ރަނގަޅު،" ޑައިރެކްޓް ސީފުޑްސްގެ އޮފިޝަލަކާ ހަވާލާދީ އަންޑަ ކަރެންޓް ނިއުސްގައި ބުނެފައިވެ އެވެ.

ސީފުޑްގެ ވިޔަފާރިއާ ބެހޭ ހަބަރުތައް ގެނެސްދޭ އެ ވެބްސައިޓުގައި ވިޔަފާރިވެރިންނާ ހަވާލާދީ ބުނެފައި ވަނީ މަހުގެ އަގު މިހާރު ދަށްވެފައި ވިޔަސް އަދިވެސް އެންމެ ކުރިން ހުރި މިންވަރާ އަޅާބަލާއިރު 5-10 ޕަސެންޓް އަގު ބޮޑު ކަމަށެވެ.

ޑައިރެކްޓް ސީފުޑްގެ އޮފިޝަލް ވިދާޅުވެފައި ވަނީ ޔޫކޭގައި، ތާޒާ އަދި ފިނިކުރި ކަނޑުމަހުގެ އަގު މިހާރު ހިފެހެއްޓިފައި ވިޔަސް ހުޅަނގު މޫސުމާ އެކު ރާއްޖޭގެ މަސްވެރިކަން ދަށްވެ ސަޕްލައި އަށް އަނެއްކާވެސް ބުރޫ އެރުން އެކަށީގެންވާ ކަމަށެވެ.

ފެބްރުއަރީ މަހު ޔޫކޭގައި ވަނީ ރާއްޖޭގެ މަހަށް ލިބޭ އަގު 60 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި އިންޑިއާ މަހުގެ އަގު 20 ޕަސެންޓް އުފުލުނެވެ. މިހާރު މަސް ކިލޯއެއް 11-12 ޕައުންޑަށް އިމްޕޯޓްކުރަން ލިބޭއިރު ކުރިން ވަނީ 18-20 ޕައުންޑާ ދެމެދުގެ އަގެއްގައި ގަނެފަ އެވެ. ޔޫކޭ އަށް މަސް އިމްޕޯޓްކުރާ މީހުން ބުނަނީ އަގު ދަށަށް ދާން ފެށީ ލަންކާ އަށް އަޅާފައިވާ ފިޔަވަޅު އުވާލުމުގެ ކުލަވަރުތައް ފެންނަން ފެށުމުން ކަމަށެވެ.