ވިޔަފާރި

މާސްޓާ އޮފް ސީޒަނިންގެ ކާމިޔާބީއާއެކު ފަތީން ދުބާއީ އަށް!

ދުނިޔޭގެ އެތަށް ގައުމަކުން ގިނަ އަދަދެއްގެ ކައްކާ އިން ބައިވެރިވެގެން ބޭއްވި "ކޯނޯ ދަ މާސްޓާ އޮފް ސީޒަނިން" ގައި ޝެފް އަހުމަދު ފަތީން ހޯދީ ކާމިޔާބީއާއެކު، ދުބާއީގައި އޮންނަ މާސްޓަ ކްލާހެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ބެސްޓް ބައި މޯލްޑިވްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ކޯނޯ ޕްރޮޑަކްޓުން ސްޕޮންސާ ކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުންނާއެކު ބައިވެރިވި މި މުބާރާތުގައި ފަތީން އުފެއްދި "ޓްރިއޯ އޮފް މީޓްސް" ވަނީ މުހިންމު ވަނަ އެއް ހޯދާފަ އެވެ. މީގެ އިތުރުން އިތުރު ނުވަ ކައްކާއެއް ވަނީ މި މުބާރާތަށް ޝޯޓްލިސްޓް ވެސް ކޮށްފަ އެވެ.

މި މުބާރާތުގައި ކެއުންތައް ތައްޔާރު ކޮށްފައިވަނީ ކޯނޯ ބްރޭންޑުގެ ކުކުޅު ސުރުވާ ބޭނުންކޮށްގެންނެވެ.

ބީބީއެމް އިން ބުނީ މިއީ ބައިވެރިންނާއި އެ ކުންފުންޏަށް ވެސް ލިބުނު ތަޖުރިބާއެއް ކަމަށެވެ.

މި ކާމިޔާބު ހޯދުމުގައި ބީބީއެމްގެ ސީއީއޯ އަދި ޑިރެކްޓަރު މުހައްމަދު މަޒްލޫމްގެ އެހީތެރިކަން ވަރަށް ފުރިހަމަ އަށް ވަނީ ބައިވެރިންނަށް ދީފަ އެވެ.

ފަތީން ދުބާއީ އަށް ގޮސް ބައިވެރިވާ "ކަލިނަރީ މާސްޓް ކްލާހު" ގައި މީގެ ކުރިން ދިވެއްސެއް ބައިވެރިވެފައެއް ނުވެ އެވެ. އެހެންކަމުން މިއީ ދިވެހި ކައްކާއެއްގެ ހުނަރު ބައިނަލްއަގުވާމީ ބޮޑު ޕްލެޓްފޯމެއްގައި ދައްކާލަން މިހާތަނަށް ލިބޭ އެންމެ ބޮޑު ފުރުސަތަށްވާނެ އެވެ.

ރާއްޖޭގެ ބަނޑޮސް މޯލްޑިވްސްގައި ވަޒީފާ އަދާކުރާ ކުޅަދާނަ ކައްކާވަނީ މީގެ ކުރިން ވެސް ރާއްޖެއަށް ފަހުރުވެރި ގިނަ ވަނަތަކެއް ގެނެސްދީފަ އެވެ. މިގޮތުން ހޮޓެލް އޭޝިޔާގެ ވަނަތަކެއް ހޯދުމުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މޮޅެތި ޝެފުން ބައިވެރިކޮށްގެން ހޮންކޮންގައި ބޭއްވި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުން ރިހި މެޑަލް ވެސް ހޯދާފައިވެ އެވެ.