ހަބަރު

ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރަން ފޮނުވައިފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާކުރަން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ. ފާރިސް މިހާރު ހުރީ އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

ރިޝްވަތު ހުށަހެޅުމަށް އުޅުނު ކަމުގެ ތުހުމަތު ފާރިސްއަށް ފުލުހުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއިދު ހޯދަން މަޖިލީހުގެ އެހެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުމަށް އިސްވެ އުޅުނު ކަމަށް ބުނެ އެވެ.

މި މައްސަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށް މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ.

ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ މައްސަލާގެ ޝަރީއަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެ ދައުވާ އޭނާއަށް ކުރަނީ ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ އެވެ.