ވިޔަފާރި

ސޮނޭވާ ގްރޫޕަށް ގްލޯބަލް ސަމިޓު ތިމާވެށީގެ އެވޯޑު ލިބިއްޖެ

Apr 18, 2015

ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި މިމަހުގެ 15-16 އަށް ކުރިއަށް ދިޔަ ޑަބްލިއުޓީޓީސީ "ގްލޯބަލް ސަމިޓު" ގައި ސޮނޭވާ ގްރޫޕަށް ލިބިފައި ވަނީ "ދަ އެންވަޔަރުމަންޓް" އެވޯޑެވެ.

ރާއްޖެ އާއި ޗައިނާގައި ރިސޯޓް ހިންގާ ސޮނޭވާ ގްރޫޕުގެ ސީއީއޯ އަދި ޗެއާމަން ސޯނޫ ޝިވްދަސާނީ ވިދާޅުވީ އެންމެ މުހިންމު ކަމަކީ ރަނގަޅު ހިދުމަތެއް ދިނުމަށް މަސައްކަތް ކުރުމުން ކަމަށާއި މި ފުރިހަމަ ހިދުމަތް ދެމުން ގެންދާ ކަމަށެވެ.

ލަގްޒަރީ މަތީ ފަންތީގެ ރިސޯޓުތައް ހިންގާ ސޮނޭވާ ގްރޫޕަކީ ތިމާވެއްޓާއި ރަހުމަތްތެރި ގޮތަކަށް ރިސޯޓު ފަރުމާކޮގެން ހިންގުމަށް މަޝްހޫރު ކުންފުންޏެކެވެ. ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ފެހިކަން ފަދަ މި ހިތްގައިމު ރިސޯޓަށް މީގެ ކުރިންވެސް މިފަދަ އެވޯޑުތައް ވަނީ ލިބިފަ އެވެ.

ޑަބްލިޔުޓީސީ އެވޯޑު ލިބުނު އެހެން ފަރާތްތަކުގެ ތެރޭގައި މަޝްހޫރު އޮންލައިން ބުކިން ސައިޓް ޓްރިޕް އެޑްވައިޒާ ހިމެނެވެ. މި ވެބްސައިޓަށް ލިބުނީ "ގްރީން ލީޑާ ސަސްޓޭނަބަލް ހޮޓެލް ޕްރޮގްރާމް" އެވޯޑެވެ. އަދި ޓޫރިޒަމް ފޯ ޓުމޯރޯ ކޮމިއުނިޓީ އެވޯޑު ލިބުނީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ރިއަލިޓީ ޓުއާ އެންޑް ޓްރެވަލް އަށެވެ.