ހަބަރު

ގާނޫނީ މުއްދަތު ހަމަވިއިރު ހުރިހާ މައްސަލައެއްގައި ދައުވާކޮށްފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށިތާ 45 ދުވަސްވެފައިވާތީ، މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށް ނަމަވެސް މިހާރު ދޫކޮށްފައި ތިބި މީހުންނަށް ދައުވާކުރުމުގެ ގާނޫނީ މުއްދަތު ހަމަވެއްޖެ އެވެ. އެ މުއްދަތު ހަމަވިއިރު ދައުވާކުރަންޖެހޭ އެންމެންގެ މައްސަލަތައް ކޯޓުތަކަށް ޕީޖީ އޮފީހުން ވަނީ މިހާރު ފޮނުވާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާއިރު ތަހުގީގުގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ނިންމައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަންވާނެ ކަމަށެވެ. އަދި ހައްޔަރުކުރެވި، އެހެންނަމަވެސް ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތައް ނިންމައި، މި ގާނޫނަށް އަމަލުކުރަން ފަށާތާ 45 ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަންވާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް ލާޒިމުކުރި 30 ދުވަހުގެ ތެރޭގައި އެ ގާނޫނަށް އަމަލުކުރަން ފެށިއިރު ހައްޔަރުގައި ތިބި މީހުންގެ މައްޗަށް ދައުވާކޮށް، އެ މުއްދަތަށް އެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެއްވިކަން ޕީޖީ އައިޝަތު ބިޝާމް ނޫސްވެރިންނާ ބައްދަލުކުރައްވައި، މީގެ ކުރިން ވަނީ އިއުލާން ކުރައްވައިފަ އެވެ. އެގޮތުން ދައުވާ އުފުލި ބޮޑެތި މައްސަލަތަކުގެ ތަފްސީލްތައް ވެސް ޕީޖީ ދެއްވި އެވެ.

އެ ދުވަހު ޕީޖީ ވިދާޅުވީ، އޮގަސްޓް 15 އަކީ ވެސް ހާއްސަ ތާރީހެއް ކަމަށާއި، އެ ދުވަހުގެ ނިޔަލަށް ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް ދައުވާކުރާނަމަ ދައުވާ ކުރަން ޖެހޭނެ ކަމަށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގާނޫނަށް އަމަލުކުރަން ފެށިއިރު ދައުވާނުކޮށް ތިބި މީހުންގެ ތެރެއިން ދައުވާކުރުމަށް ފެންނަ ކަމަށް ޕީޖީ އޮފީހަށް ފެންނަ ހުރިހާ މީހުންގެ މައްސަލަތައް ކޯޓުތަކަށް ރޭ މެންދަމު 12:00ގެ ނިޔަލަށް ފޮނުވާފައިވާ ކަމަށެވެ. އެ މަސައްކަތުގައި ރޭ ވެސް ޕީޖީ އޮފީހުގެ މުވައްޒަފުން ވަނީ ވަރަށް ދަންވަންދެއް މަސައްކަތްކޮށްފައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ ތަފާސްހިސާބުތައް ފަހުން އާންމުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ތަހުގީގަށާއި ދައުވާކުރުމަށް ހޭދަވާ މުއްދަތު ވަނީ ވަރަށް ބޮޑަށް ކުރުކޮށްފަ އެވެ. މީހެއްގެ މައްޗަށް ދައުވާ އުފަލަން ޖެހޭނެ މުއްދަތުތައް އެ ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން އެ ގާނޫނުގެ 94 ވަނަ މާއްދާގައިވާ ގޮތުން ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުލަން ޖެހޭނެ އެވެ. އަދި ޖިނާއީ ކުށެއްގެ ދައުވާ ލިބޭ ފަރާތަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ.

މީގެއިތުރުން ގާނޫނުގައިވާ ގޮތުން ހައްޔަރުކޮށްފައިވާ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެ މައްސަލައިގެ ބާވަތުން އެ އަކުރުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓާ ޖެނެރަލްއަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 30 ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި އެ މީހެއްގެ މައްޗަށް އެ 30 ދުވަސް ހަމަވުމުގެ ކުރިން ދައުވާ އުފުލަންވާނެއެވެ. ހަމައެހެން ހައްޔަރުން ދޫކޮށްލާފައިވާ މީހަކު ކޮށްފައިވަނީ ބޮޑު ކުށެއްނަމަ ވަގުތު އިތުރު ކޮށްދޭން ޕީޖީއަށް ހުށަހަޅައިފިނަމަ 45 ދުވަހަށްވުރެ އިތުރުނުވާ ގޮތަށް މުއްދަތު އިތުރުކޮށްދެވޭނެ އެވެ.