ހަބަރު

ފާރިސް ހައްޔަރުކުރި މައްސަލާގައި ހުކުމް އިއްވުން އާދިއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރި އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރުގެ އިސްތިއުނާފު މައްސަލާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

މި ދެ އަމުރުގެ އިސްތިއުފާނު އަޑުއެހުންތައް ވެސް ހައިކޯޓުން ވަނީ ނިންމާލާފަ އެވެ. އެހެންކަމުން އާދިއްތަ ދުވަހު ބާއްވާ އަޑުއެހުމަކީ މައްސަލާގައި ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ބެލެވެ އެވެ.

ފާރިސް ހައްޔަރުކުރި އަމުރަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ޝަރީއަތުގައި ފާރިސްގެ ފަރާތުން ފާހަގަކުރި ކަމަށެވެ. އެ އަމުރަކީ ގާނޫނާ ހިލާފު އަމުރަކަށް ވަނީ ވަކީލު ދެކެވަޑައިގަންނަވާ ގޮތުގައި، އެ އަމުރު ނެރެފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށްވާތީ އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގަ ބަޔާން ކުރޭ ކޯޓު އަމުރެއް ނެރެެގެން ނުކުރެވޭނެ ކަންކަމުގަ ކޯޓު އަމުރު ނެރެންޖެހޭ އިޖުރާއަތުތަކެއް ކަނޑައަޅާ ގަވައިދެއް އެކުލަވާލަން ޖެހޭނެ، އެގޮތުން ކޯޓު އަމުރު ނެރޭ ފަނޑިޔާރުން ވެސް ކަނޑައަޅަންޖެހޭނެ، މިހާތަނަށް ވެސް މި ގަވައިދު ހެދިފައެއް ނެތްކަން ފާހަގަކުރިން، އެހެންކަމުން މި އަމުރަކީ އެ ގާނޫނާ ހިލާފަށް ނެރުނު އަމުރެއްކަން ފާހަގަކުރިން،" ފާރިސްގެ ވަކީލް ވިދާޅުވި އެވެ.

ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށްފައިވާއިރު، ޝަހުސު އޮޅުވާލުމުގެ ދައުވާގައި މިހާރު ވެސް ފާރިސްއަށް ޝަރީއަތް ދަނީ ހިންގަމުންނެވެ. ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި މިހާރު ފާރިސްގެ މައްޗަށް ދައުވާކުރަން ވެސް ވަނީ ފޮނުވާފަ އެވެ.