ހަބަރު

ޕީޕީއެމްއިން ނާދިރާ ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ނުދިން

ޕީޕީއެމްގެ ނައިބު ރައީސަކަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް އައްޔަންކުރެއްވި އައިމިނަތު ނާދިރާ އެ ޕާޓީން ވަކިކިރުމަށް ސުލޫކީ ކޮމެޓީން ނިންމި ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ނިންމުމެއް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓަށް ނާދިރާ މައްސަލަ ހުށަހެޅީ ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށަހެޅުމަށް ވަކި އުސޫލެއް ކަނޑައަޅާފައިވާއިރު، އޭނާގެ މައްސަލަ ކޮމެޓީއަށް ހުށަހަޅާފައިވަނީ އުސޫލުތަކާއި ހިލާފަށް އިޖުރާއަތްތައް ވެސް ފުރިހަމަ ނުކޮށް ކަމަށް ބުނެ އެވެ. އެހެންކަމުން އެ ކޮމެޓީގެ ނިންމުން ބާތިލުކޮށްދިނުމަށް ވަނީ އެދިފަ އެވެ.

އެ މައްސަލާގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ނާދިރާއާ ދެކޮޅަށް ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށަހެޅުމުން އެ ކޮމެޓީން ނާދިރާއަށް ދޭންޖެހޭ ހައްގުތައް ދީފައިވާ ކަމަށެވެ. އެގޮތުން ޖަވާބުދާރީވާން ފުރުސަތު ދީފައިވާކަމާއި ކޮމެޓީއަށް އޭނާގެ ފަރާތުން އައްޔަންކުރަން ބޭނުންވާ ދެ މެންބަރުން އައްޔަންކުރަން ފުރުސަތުދިންކަން އެނގެން އޮންނަ ކަމަަށް ހުކުމުގައިވެ އެވެ.

ސުލޫކީ ކޮމެޓީގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލަ 15 ދުވަސް ތެރޭގައި އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅިދާނެ ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާއިރު ނާދިރާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅި ކަމެއް ނުވަތަ ހުށަހަޅަން އުޅުނު ކަމެއް އޭނާ ފާހަގަކޮށްފައިނުވާ ކަމަށް ހުކުމްގައިވެ އެވެ.

ސުލޫކީ ކޮމެޓީގެ ނިންމުން ގަބޫލުނުކުރާނަމަ އެކަން އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅެން އޮތްވާ ޝަރުއީ ކޯޓަށް މައްސަލަ ހުށަހެޅުމަކީ، ޕާޓީގެ އަސާސީ ގަވައިދުން ތަރުތީބުކޮށްފައިވާ އިޖުރާއަތްތަކުގެ ބާރުކެނޑިގެންދާ ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ. އެހެންކަމުން ސުލޫކީ ކޮމެޓީގެ ނިންމުކަކީ ގަވައިދާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ނާދިރާގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީ ބަލައި ނިންމުމަށްފަހު ބުނެފައި ވަނީ ޕީޕީއެމްގެ އަގު ވެއްޓޭ ގޮތައް ވާހަކަ ދެއްކި މައްސަލާގައި ނާދިރާ އެ ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ. ނާދިރާ މިހާރު ވެސް ގެންދަވަނީ ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.