ރިޕޯޓް

ހަލާލް ނޫން ފައިސާގެ ވާހަކައާ އެކު މުއައްސަސާތައް ހިމޭނުން

Aug 17, 2017
22

ރައީސް އަބްދުﷲ ޔާމީންއާ ވަރަށް އަރިސްކޮށް އުޅުއްވި، ކުރީ ނައިބު ރައީސް އަހުމަދު އަދީބު ގެންގުޅުއްވީ "ހަލާލު ނޫން ފައިސާ" ކަމަށާއި އެ ފައިސާ ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް އެކަނި ނޫން ކަމަށް އެމަނިކުފާނު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. އާންމުން ބުނާ ގޮތުން ނަމަ، ހަލާލް ނޫން ފައިސާ އެ މަނިކުފާނުގެ ގެކޮޅަށް ލިބުނު ކަމަށް މި ވަނީ "އިއުތިރާފް"ވެފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗައް ހުކުމްކޮށްފައިވާ އިރު، ރައީސް ޔާމީން މިހެން ވިދާޅުވުމުން އެ މައްސަލަ ނުބަލާތީ ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ ކަމާ ބެހެ މުއައްސަސާތަކަށް އަމާޒުވެފަ އެވެ. ނަމަވެސް މިހާތަނަށް މުއައްސަސާތަކުން އެކަމާ ގުޅޭ ގޮތުން ތިބެނީ ވަކި އެއްޗެއް ނުބުނެ ހިމޭނުންނެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައަށް މިހާތަނަށް ރައީސް ޔާމީން އައީ "ރެކިވަޑައިގެން" އެކަން އަދީބުގެ ބޮލުގައި އަޅުވަމުންނެވެ. ނަމަވެސް ޕީޕީއެމްގެ ޖަގަހަ "ރުމާލު 2" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ އަލްޖަޒީރާ އިން ތައްޔާރު ކުރި "ސްޓީލިން ޕެރެޑައިޒް" ރިޕޯޓުގައި ހާމަވީ ކަންކަމުގެ މައްޗައް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން ފޮށި ފޮށީގައި ފައިސާ ވަނީ ދޫވެއްސަށް، އެމަނިކުފާނުގެ އަމިއްލަގެއަށް އެކަނި ނޫން ކަމަށާއި އެ ފައިސާ ދެން ވަތް ތަންތަން ވެސް އެނގޭ ކަމަށް ވިދާޅުވެފަ އެވެ.

"ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން، ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފަ ހުންނާނީ އަހުމަދު އަދީބު، އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން، މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލު ކުރެވޭނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލަ ތަހުގީގު ކުރާނެތޯ ސުވާލު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންގެ ފަރާތުން ވެސް ބަހެއް ލިބޭތޯ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ކޮމިޝަންގެ އިސްބޭފުޅުންނަށް ފޯނުން ގުޅުމުން ވެސް އަދި މެސެޖް ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ. އެހެން ނަމަވެސް އޭސީސީއަކީ ހިޔާނާތުގެ ތުހުމަތުތައް ތަހުގީގު ކުރަން ޖެހޭ މުއައްސަސާއެކެވެ. އެކަމުގައި ވަކި މީހަކު އެ ކޮމިޝަނުން ތަފާތުކޮށްގެން ނުވާނެ އެވެ.

މީގެ ކުރިން އެ ކޮމިޝަނުން ބުނެފައި ވަނީ އެމްއެމްޕިއާރުސީގެ ބޮޑު ތަހުގީގު ލަސްވަނީ، އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިޒްއާ ގުޅިގެން އިތުރު ކަންކަން ބަލަން ޖެހުމުން ކަމަށެވެ. އެކަމާ ގުޅިގެން ރައީސް ތަފްސީލްކޮށް އާންމުތަނެއްގައި ވާހަކަފުޅު ދެއްކެވި އިރު އޭސީސީ އިން އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ނުޖެހޭނެ ހެއްޔެވެ؟ މީގެ ކުރިން ޕޯޑިއަމްތަކުގައި ސިޔާސީ ފަރާތްތަކުން ދެއްކެވި ވާހަކަތަކާ ގުޅިގެން މައްސަލަ ފުލުހުން ތަހުގީގުކޮށް ދައުވާ ކުރަން ޕީޖީއަށް ވެސް ފޮނުވި އެވެ. ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކޮށް ޝަރީއަތް ހިންގަނީ އެމަނިކުފާނު އިދިކޮޅު ޕޯޑިއަމްގައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން އެވެ. އެހެންވީ އިރު ރައީސުލްޖުމްހޫރިއްޔާ ހިޔާނާތާ ގުޅޭ ގޮތުން މުހިންމު ވާހަކަފުޅުތަކެއް ހާމަ ކުރެއްވުމުން އެކަން ފުލުހުން ސީރިއަސްކޮށް ބަލަން ނުޖެހޭ ހެއްޔެވެ؟

އޭގެ ބަދަލުގައި ފުލުހުން ވެސް އޭސީސީ ވެސް އެ މައްސަލައިގައި އެންމެކުޑަމިނުން އެއްޗެއް ބުނަން ބޭނުމެއް ނުވި އެވެ. އަދި އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެ މުއައްސަސާތަކަށް ހުށަހަޅާފައި ހުރި މައްސަލަތައް ވީހިސާބެއް ވެސް ނޭނގެ އެވެ. އެއީ ވެސް އެ މުއައްސަސާތަކުން ވާހަކަދައްކަން ބޭނުންވާ ކަމެއް ނޫނެވެ. އެކަމަކު ޑިމޮކްރަޓިކް ވެއްޓެއްގައި މުއައްސަސާތައް އުފައްދާފައި ހުންނަނީ އެއްބާރުން އަނެއް ބާރަށް ފާރަވެރިވުމަށެވެ. ހާއްސަކޮށް އޭސީސީ ފަދަ މިނިވަން މުއައްސަސާތައް އުފައްދާފައި ހުރި ރޫހަކީ އެއީ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީން ހިޔާނާތަށް އިއުރިރާފްވެވަޑައިގަތް މައްސަލަ ވަކި ތަހުގީގުކޮށްދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާފަ އެވެ. އެގޮތުން އޭސީސީއަށާއި ފުލުހަށާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ވެސް ވަނީ އެ މައްސަލަ ހުށަހަޅާފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މިފަދަ މައްސަލަތައް ނުބަލާތީ އިދިކޮޅު ފަރާތްތަކުން ވަނީ އޭސީސީގެ ފަސް މެންބަރުން މަޖިލީހަށް ހާޒިރު ކުރުމަށާއި ޕޮލިސް ކޮމިޝަނާ އަހުމަދު އަރީފްގެ މައްސަލަ ބަލައިދިނުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.

"ތަކުރާރުކޮށް އެމަނިކުފާނު އެކި ފޯޑިއަމްތަކުގައި އެބަ ވިދާޅުވޭ އެ ފައިސާއާމެދު އަމަލުކުރެވުނު ގޮތް، އެ ފައިސާ ހަރަދުކުރި ކަމާއި ހަރަދުކުރި ގޮތް، އަޅުގަނޑުމެން ކަންބޮޑުވޭ މުއައްސަސާތަކުން މި މައްސަލަ ނުބަލާތީ، އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީން ހިސާބުތައް ދައްކަވާށޭ، އެމަނިކުފާނަށް އެ މައުލޫމާތު އެނގޭކަން އެބަ އެނގޭ،" އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާހަކަދައްކަވަމުން ވަކީލު ހިސާން ހުސެއިން ވިދާޅުވި އެވެ.

އެ މައްސަލާގައި މުއައްސަސާތަކުން ހިމޭނުން ތިބޭ އިރު އޭސީސީން އޭޕްރިލް މަހު ފަހުކޮޅު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގާ ބެހޭ މައުލޫމާތުތައް ދައުވާކުރުމަށް ޕީޖީ އޮފީހާ ހިއްސާ ކުރަން ފަށައިފަ އެވެ. ނަމަވެސް މިހާތަނަށް އެ މަސައްކަތް އެކީ ނިންމާނުލެވެ އެވެ. އަދި އެކަމާ ބެހޭ އިތުރު ތަފްސީލެއް ވެސް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސްއަށް ހިޔާނާތުގެ ތުހުމަތުތައް ކުރެވިގެން އަންނަ އިރު އެމަނިކުފާނު ދާދި ފަހުން ވަނީ އެފަދަ މައްސަލަތައް ބަލާ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެއް އަހަރުގެ މުއްދަތަކަށް ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ. އެ ކޮމިޝަނުގެ މައިގަނޑު މަސައްކަތަކީ އޭސީސީ ފަދަ މުއައްސަސާތަކުން ބަލާ މައްސަލަތަކުން ވެސް ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ހަލުވި ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރުމެވެ.