ދުނިޔެ

އޮސްޓްރޭލިޔާގެ ލީޑަރަކު މަޖިލީހަށް ވަޑައިގަތީ މޫނު ބުރުގާ އަޅައިގެން

އޮސްޓްރޭލިއާގެ ކަނާތު ފިޔައިގެ ހަރުކަށި ވިސްނުމުގެ ޕާޓީއެއްގެ ލީޑަރު މޫނު ބުރުގާ އަޅައިގެން އެގައުމުގެ ޕާލަމެންޓްގެ މަތިގެ "'ސެނެޓް"ގެ ޖަލްސާއަކަށް ހިނގައްޖެއެވެ.

ޕައުލިން ހެންސަން ނަމަކަށް ކިޔާ އެ މެމްބަރު މޫނުބުރުގާ އަޅައިގެން ސެނެޓެޓަށް ދިޔައީ އޮސްޓްރޭލިއާގައި މޫނުބުރުގާ އެޅުން މަނާ ކުރަން އޭނާގެ ޕާޓީން ހުށަހަޅާފައިވާ ބިލެއްގެ ބަހުސް ފަށަން އޮތް ޖަލްސާއަށެވެ.

ހެންސަން މޫނުބުރުގާ އަޅައިގެން ސެނެޓަށް ވަނުމުން ގިނަ މެމްބަރުންނަށް ބޮޑު ޝޮކެއް ލިބުނެވެ. އަދި ގިނަ މެމްބަރުން އޭނާގެ އެ އަމަލާ މެދު ނުރުހުން ފާޅުކުރެއްވި ކަމަށް ބީބީސީ ބުންޏެވެ. ބީބީސީ ބުނީ އޮސްޓްރޭލިއާގެ އެޓާނީ ޖެނެރަލް ޖޯޖް ބްރެންޑިސް ހެންސަންގެ އަމަލު ކުށްވެރިކުރައްވައި ވަރަށް އަސަރުގަދަ ތަގުރީރެއް ދެއްވި ކަމަށެވެ. އެގޮތުން ވަކި ދީނެއްގެ މީހުންނަށް ފުރައްސާރަ ނުކުރުމަށް ބްރެންޑިސް ހެންސަން އަށް އިންޒާރުކުރެއްވިއެވެ.

އޭނާ ވިދާޅުވީ ހެންސަންގެ އެ އަމަލުގެ ސަބަބުން އޮސްޓްރޭލިއާގެ ރައްޔިތުންގެ ތެރެއިން އިސްލާމްދީނަށް އުޅޭ 500000 މީހުން އެކަހެރި ކުރެވުމުގެ ނުރައްކާ އެބަ އޮތް ކަމަަށެވެ.

" އެ މުޖުތަމައަށް މަލާމާތްކުރުމަކީ، އެމީހުން އެކަހެރިކޮށްލުމަކީ، އެމީހުންގެ ދީނީ އަންނައުނަށް ފުރަައްސާރަކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް،" ބްރެންޑިސް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ. އޮސްޓްރޭލިއާގައި ބުރުގާ މަނާ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބްރެންޑިސްގެ ވާހަކަފުޅަށް ސެނެޓްގެ ގިނަ މެމްބަރުންތަކެއް ތާއީދުކުރައްވައި އަތް ޖެއްސެވިއެވެ.

ހެންސަން ސެނެެޓަށް ވެއްދީ ކާކުކަން ދެނެގަތުމަށް ފަހުގައި ކަމަށް ސެނެޓްގެ ރައީސް ސްޓެފަން ޕެރީ ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވަނީ ޖަލްސާގެ ވަކި ހިސާބަކުން މޫނުބުރުގާ ނަގާފައެވެ.

.

ސެނެޓަރު ޕައުލިން ހެންސަން އަކީ 1996 ވަނަ އަހަރު އޭނާ އިންތިހާބުވީއްސުރެ، މުސްލިމުންނާ ދެކޮޅަށް ހަރުކަށި ވާހަކަތަކެއް ދައްކަމުން އަންނަ މީހެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ގޮތުން ވެސް އޭނާ ވަނީ ބޭއިންސާފު ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން މީގެ މަހެއްހާ ދުވަސް ކުރިން އޭނާ ވަނީ އޯޓިޒަމް ހުންނަ ކުދިން ކްލާސްރޫމްތަކުން ނެރެން ފެންނަކަމަށް ބުނެފައެވެ