ހަބަރު

ގަވާއިދުތަކެއް ނަހަދާ ހުރުމުން ޝަރީއަތް މެދުކަނޑާލަން އެދެފި

މިދިޔަ މަހު އަމަލުކުރަން ފެށި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ހިންގާނެ ގަވާއިދުތައް ހަދާފައި ނެތުމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ހައްގަށް އުނިކަން އަންނަ ކަމަށް ބުނެ އޭނާގެ ޝަރީއަތް މެދުކަނޑާލަން އެދެފި އެވެ.

ފާރިސްގެ ފަރާތުން މިގޮތަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުރުސަތު ލިބޭ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ލިޔެކިޔުންތައް ހުށަހަޅަން ބޭއްވި އަޑުއެހުމުގަ އެވެ. ފާރިސްގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ހަ ކަމެއް ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.

އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާރިސްގެ ވަކީލް މައުމޫން ހަމީދު ފާހަގަކުރެއްވީ، ސުޕްރީމް ކޯޓުން އެކުލަވާލަންޖެހޭ ގަވައިދުތައް ހަދާފައި ނެތުމެވެ. މައުމޫން ހަމީދު އެދިވަޑައިގަތީ އެ ގާނޫނުތައް އެކުލަވާލެވެންދެން ފާރިސްގެ ޝަރީއަތް ފަސްކުރުމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ހިންގާނެ ގޮތުގެ ގަވައިދުތައް ހަދަންޖެހޭނީ ސުޕްރީމް ކޯޓުންނެވެ. މިހާތަނަށް ގާނޫނުން ލާޒިމްކުރި ގަވައިދުތައް ސުޕްރީމް ކޮޓުން އެކުލަވާލާފައެއް ނުވެ އެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހަޅުންތައް ވެސް ހުށަހަޅަންޖެހެނީ ސުޕްރީމް ކޯޓުގެ ގަވައިދުގައި ހިމަނާ ފޯމެއްގަ އެވެ. ނަމަވެސް އެ ގަވައިދާއި ފޯމް ނެތުމުން މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވަނީ ހުށަހެޅުންތައް ވަކި ފޯމެއްގައި ހުށަނޭޅި ނަމަވެސް އެ ބަލައިގަންނާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މައުމޫން ހަމީދު ވިދާޅުވީ، އެކަންކަން ކުރިމިނަލް ކޯޓުން އެގޮތަށް ނިންމޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ، ގާނޫނަކުން ވަކި ގޮތަކަށް އަމަލުކުރަން ލާޒިމްކުރުމުން އެއިން ބަރީއަތްވެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އެ ގަވައިދުތައް ހެދުމަކީ ސުޕްރީމް ކޯޓަށް އިހުތިޔާރެއް ނޫން ކަމަށާއި ޒިންމާއެއް ކަމަށެވެ. ސުޕްރީމް ކޯޓުން ގަވައިދުތައް ހަދާފައި ނެތިސް، ޝަރީއަތް ހިންގާނެ ގޮތް ކުރިމިނަލް ގާޒީން ކަނޑައަޅަނީ ކޮން ގާނޫނީ ހަމައެއްގެ މަތިންތޯ ވެސް މައުމޫން ހަމީދު ސުވާލުކުރެއްވި އެވެ.

"ކުރިމިނަލް ކޯޓަށް ނެތް ޝަރީއަތް ހިންގާނެ ގޮތް ކަނޑައެޅެން، އެ ގަވައިދުތައް ހަދަންޖެހޭނީ ސުޕްރީމް ކޯޓުން، އެހެންކަމުން ކުރިމިނަލް ކޯޓުންގެ ގާޒީންގެ މަޖިލީހަށް ނުނިންމޭނެ ޝަރީއަތްތައް ކުރިއަށް ގެންދާނެ ގޮތެއް، ސުޕްރީމް ކޯޓުން ހަދާ ގަވައިދުތަކާއި މިހާރު އެ ގާޒީއަކު ހިތަށް އަރައިވަޑައިގަތް ގޮތަކަށް ޝަރީއަތް ހިންގުން ތަފާތުވާނަމަ ކުށުގެ ތުހުމަތުވާ މީހާގެ ހައްގަށް އިޔާދަނުކުރެވޭވަރުގެ ގެއްލުން އެ ލިބިގެން ދަނީ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ފާހަގަކުރެއްވި ނުކުތާއާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް ގަވައިދުތައް ހެދުމަށް ތިން މަސް ލިބޭ ކަމަށެވެ. އެ ގާނޫނަށް އަމަލުކުރަން ފެށިތާ އަދި ތިން މަސް ނުވާ ކަމަށެވެ. އެހެންކަމުން އެ ގަވައިދުތައް އެކުލަވާލުމަށް ވަގުތު އަދިވެސް އެބަ އޮތް ކަމަށެވެ.

"ގަވައިދުތައް ހަދަން ފުރުސަތު އެބަ އޮތް، ގަވައިދުތައް ނެތީމަ ޝަރީއަތް ހުއްޓާލާނަމަ މުޅި ނިޒާމް ހުއްޓިގެން ދާނެ، ފާރިސްގެ މައްސަލަ މެދުކަނޑާލައިފިނަމަ އެހެން މައްސަލަތައް ވެސް މެދުކަނޑާލަން ޖެހޭނެ، އެހެންކަމުން މުޅި ނިޒާމް ހުއްޓުމަކަށް އައިސް ޝަރީއަތް ލަސްވެ ކުށުގެ ތުހުމަތުގައިވާ މީހުންގެ ހައްގަށް އުނިކަން އަންނާނެ،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން އެއަށް ރައްދު ދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ މި އަހަރުގެ ޖެނުއަރީ މަހު އަމަލުކުރަން ފަށަން ޖެހޭ ގާނޫނެއް ކަމަށެވެ. އަމަލުކުރަން ފަސްކޮށް، ދިގު މުއްދަތެއް ހޭދަކުރީ ކީއްކުރަންތޯ މައުމޫން ސުވާލު ކުރެއްވި އެވެ. އެ ހުރިހާ ވަގުތެއް ދިޔައިރު، ގަވައިދުތައް ނުހަދަ އޮތީ ކީއްވެގެންތޯ ވެސް އެއްސެވި އެވެ. ނިޒާމް ހުއްޓުމަކަށް އަންނާނެކަން ދައުލަތަށް އެނގޭއިރު ގަވައިދުތައް ބާރު ނޭޅީ ކީއްވެތޯ ވެސް މައުމޫން ސުވާލު ކުރެއްވި އެވެ.

"ހަމައެކަނި މައްސަލަ އަވަސްވުމެއް ނޫން، އިންސާފުވެރިކޮށް ކުރިއަށް ގެންދަން ޖެހޭނީ، ޝަރީއަތް ކުރިއަށް ހިންގާނީ ކޮން ގޮތަކަށް ކަމެއް ނޭނގެ، އެ ދުވަހަކު މި ކަނޑައަޅަނީ ދެން ކުރިއަށް ދާނެ ގޮތަކާމެދު، މިއީ ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިގެން ދިޔުން، ހައްގުތައް ނެގެހެއްޓުމަކީ ޕީޖީގެ ޒިންމާއަކަށްވާއިރު މިގޮތަށް ހައްގުތައް ނެތިގެންދާނެކަން އެނގި ތިބެ ގަވައިދުތައް ހެދުމަށް ސުޕްރީމް ކޯޓުގައި އެދެން ޖެހޭނެ، ސުޕްރީމް ކޯޓަށް އެ ގަވައިދުތައް ހެދުމަށް އުޒުރުވެރިއެއް ނުވެވޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މުޅި ނިޒާމް ހުއްޓިގެން ދާނެކަން އެނގޭ ކަމަށްވާނަމަ އެކަން ކުރިން ތައްޔާރުވާން ޖެހޭނެ ކަމަށާއި އަމަލުކުރަން ފަށަން އޮތް ތާރީހުގެ އިތުރަށް ހަ މަސް ލިބުނުއިރު ތައްޔާރުނުވެ ތިބުމަކީ މުޅި ދައުލަތާއި ހުރިހާ ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ފަދަ ކަމެއް ކަމަށެވެ.

މީގެއިތުރުން ފާރިސްގެ ފަރާތުން ހުށަހަޅާފައިވަނީ ދައުލަތުން ފާރިސްގެ މައްސަލާގައި އޭނާއަށް ހައްގުތައް ފޯރުކޮށްދީފައިނުވާތީ ކަމަށާއި ތަހުގީގު ހިންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ދައުވާ ބާތިލުކޮށްދިނުމަށެވެ. އެއަށް ހުށަހެޅުމަށް ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާޒީ ވަނީ މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މީގެކުރިން ކަނޑައަޅާފަ ކަމަށާއި އެހެންކަމުން ދައުވާ ބާތިލުކުރަން ހުށަހެޅޭނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.

ފާރިސްގެ އަނެއް ވަކީލް އިބްރާހިމް ޝަމީމް ވިދާޅުވީ، ފާރިސް، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދައާއެކު ކަމަށެވެ. އެހެންކަމުން ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުވާގައި ބުނާ ފަދައިން ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރެއްވި ކަމަށް އެއްބަސްވާ ކަމަށާއި އެ ތަކެތި ފާރިސް ބޭނުން ކޮށްފައިވަނީ ސިވިލް ކޯޓުން ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީންއާ ހަވާލުކޮށްފައިވަނީކޮށް އެމަނިކުފާނު ހުއްދަ ނުހޯދާ ކަމަށެވެ. އެހެންކަމުން ޝަހުސު އޮޅުވާލުމުގެ ދައުވާ ފާރިސްއަށް ކުރެވޭނެ ކަމަށެވެ.

ދައުލަތުގެ އެ ވާހަކައަށް ރައްދު ދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ، ދައުލަތުން ހުރިހާ ކަމެއް ބަލަންޖެހޭނެ ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕީޕީއެމް ހިންގުމުގެ އެއްވެސް ބާރެއް މުސްތަޝާރަށް ނެތް ކަމަށެވެ. މުސްތަޝާރަށް ޕާޓީ ހިންގުމާ ގުޅޭ ގޮތުން ދެވޭނެ އެއްވެސް ހުއްދައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން މައުމޫން ހަމީދު ވިދާޅުވީ، މި މަހުގެ ދެވަނަ ދުވަހު ވެސް ޕީޕީއެމްއިން އެދިގެން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާރިސް ވަކިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްއިން އަދިވެސް ބަލަނީ ފާރިސްއަކީ ޕީޕީއެމްގެ މެންބަރެއްކަން އެނގިގެންދާ ކަމަށެވެ. އެހެން ކަމަށްވާނަމަ މި ދައުވާ ނުވަސް ކުރެވޭނެ ކަމަށެވެ.

"ކުށެއް ސާބިތުކުރަންވެއްޖެނަމަ އަހުމަދު ފާރިސް މައުމޫނަކީ ޕީޕީއެމް މެންބަރެއް ނޫން، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް އަތުލަން ވެއްޖެނަމަ އަހުމަދު ފާރިސް މައުމޫނަކީ ރަތްލާޖެހި ޕީޕީއެމް މެންބަރެއް، ޕީޕީއެމްއަށް ފާރިސްގެ ހައްގުތަކަށް އަރައިގަނަވޭ، ޕީޕީއެމްއިން ފާރިސްއަށް ލިބޭ ހައްގެއް ނެތް،" މައުމޫން ހަމީދު ވިދާޅުވި އެވެ.

އެންމެފަހު ކަމެއްގެ ގޮތުގައި ފާރިސްގެ ފަރާތުން ހުށަހަޅާފައިވަނީ، މައްސަލާގައި ހިމެނޭ ހެކި ހާމަކުރުމަށް ޕީޖީގެ މައްޗަށް އަމުރުކުރުމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، ފާރިސްއާ އެއްކޮޅަށް މައްސަލާގައި އެއްވެސް ހެއްކެއް ނެތް ކަމަށާއި ހާމަނުކޮށްވާ ހެކިތަކަކީ ސިއްރު ހެކި ކަމަށެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ހަ ނުކުތާގެ މައްޗަށް ޝަރީއަތުން ގޮތެއް ނިންމުމަށް މި މަހުގެ 20 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ އެވެ.