ހަބަރު

"ހައްގެއް އަތުލަންވީމަ ފާރިސް ޕީޕީއެމްގެ މެންބަރަކަށް އެބަވޭ"

ހައްގެއް ނުވަތަ މަސްއޫލިއްޔަތަކުން އެކަހެރި ކުރަން ބޭނުންވެއްޖެނަމަ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނަކީ "ރަތްލާޖެހި" ޕީޕީއެމް މެންބަރަކަށްވާ ކަމަށާއި ކުށެއް ސާބިތުކުރަން ޖެހިއްޖެނަމަ ފާރިސްއަކީ އެ ޕާޓީގެ މެންބަރަކަށް ނުވާ ކަމަށް ވިދާޅުވެ، އޭނާގެ ވަކީލް މައުމޫން ހަމީދު ޕީޕީއެމްގެ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލާފައިވާ ސަހުޝު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ، މި މަހުގެ ދެވަނަ ދުވަހު ވެސް ޕީޕީއެމްއިން އެދިގެން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ފާރިސް ވަކިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްއިން އަދިވެސް ބަލަނީ ފާރިސްއަކީ ޕީޕީއެމްގެ މެންބަރެއްކަން އެނގިގެންދާ ކަމަށެވެ. އަދި ޕީޕީއެމްއިން އެދުމުން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ކޮށްފައިވަނީ އެއީ ޕީޕީއެމްގެ މެންބަރެއް ކަމަށް ބަލާ ކަމަށެވެ. އެހެން ކަމަށްވާނަމަ ސަހުޝު އޮޅުވާލި ދައުވާ ފާރިސްއަށް ނުވެސް ކުރެވޭނެ ކަމަށެވެ.

"ކުށެއް ސާބިތުކުރަންވެއްޖެނަމަ އަހުމަދު ފާރިސް މައުމޫނަކީ ޕީޕީއެމް މެންބަރެއް ނޫން، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް އަތުލަން ވެއްޖެނަމަ އަހުމަދު ފާރިސް މައުމޫނަކީ ރަތްލާޖެހި ޕީޕީއެމް މެންބަރެއް، ޕީޕީއެމްއަށް ފާރިސްގެ ހައްގުތަކަށް އަރައިގަނަވޭ، ޕީޕީއެމްއިން ފާރިސްއަށް ލިބޭ ހައްގެއް ނެތް،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، އެކަންކަމަކީ ޕްރޮސިކިއުޓާ ޖެނަރަލް ބައްލަވަންޖެހޭނެ ކަންކަން ކަމަށެވެ. ޕީޕީއެމްއަށް އެފަދަ އަމަލުތައް އެގޮތަށް ނުހިންގޭނެ ކަމަށެވެ. ހައްގުތައް ނެގެހެއްޓުމަކީ ޕީޖީގެ ވާޖިބަކަށްވާއިރު ފާރިސްގެ ހައްގުތައް ގެއްލިގެންދާއިރު އެކަންކަން ޕީޖީއިން ބަލަންޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވަކި ބަޔަކު ކަމެއް ކުރުމުން އެކަން ނުބަލާ، ވަކި މީހަކު ކަމެއް ކުރުމުން އެކަމަށް ގާނޫނުގެ ތަންތަންކޮޅު ހިމަނައިގެން އެމީހަކު ކުށްވެރިކުރަން ޕީޖީއިން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފާރިސްގެ އަނެއް ވަކީލް އިބްރާހިމް ޝަމީމް މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، ފާރިސް، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދައާއެކު ކަމަށެވެ. އެހެންކަމުން ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ދައުވާގައި ބުނާ ފަދައިން ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރެއްވި ކަމަށް އެއްބަސްވާ ކަމަށާއި އެ ތަކެތި ފާރިސް ބޭނުން ކޮށްފައިވަނީ ސިވިލް ކޯޓުން ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީންއާ ހަވާލުކޮށްފައިވަނީކޮށް އެމަނިކުފާނު ހުއްދަ ނުހޯދާ ކަމަށެވެ. އެހެންކަމުން ޝަހުސު އޮޅުވާލުމުގެ ދައުވާ ފާރިސްއަށް ކުރެވޭނެ ކަމަށެވެ.

ދައުލަތުގެ އެ ވާހަކައަށް ރައްދު ދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ، ދައުލަތުން ހުރިހާ ކަމެއް ބަލަންޖެހޭނެ ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕީޕީއެމް ހިންގުމުގެ އެއްވެސް ބާރެއް މުސްތަޝާރަށް ނެތް ކަމަށެވެ. މުސްތަޝާރަށް ޕާޓީ ހިންގުމާ ގުޅޭ ގޮތުން ދެވޭނެ އެއްވެސް ހުއްދައެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.