ބޮލީވުޑް

40 އަހަރު ފަހުން ޕާކިސްތާނުގައި "ޝޯލޭ" އަޅުވައިފި

Apr 19, 2015

ހިންދީ ކްލެސިކް ފިލްމުތަކުގެ ތެރެއިން ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ މޮޅު ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ފިލްމް "ޝޯލޭ" އިންޑިއާގައި ރިލީޒްކުރިތާ 40 އަހަރު ފަހުން ޕާކިސްތާނުގައި އަޅުވައިފި އެވެ.

ރަމޭޝް ސިޕީ ޑައިރެކްޓްކޮށްފައިވާ އަމީތާބް ބައްޗަން އާއި ދަރުމެންދުރަ ލީޑްރޯލުން ފެނިގެންދާ މިފިލްމު ޕާކިސްތާނުގައި އަޅުވާފައިވާނީ މިދިޔަ ހުކުރު ދުވަހު އެވެ.

އިންޑިއަން ސިނަމާގެ އެންމެ މޮޅު ފިލްމުގެ ގޮތުގައި މަޝްހޫރުވެފައިވާ މިފިލްމު ޕާކިސްތާނުގެ ހުރިހާ ސަރަހައްދެއްގައި ރިލީޒްކޮށްފައިވާއިރު، ކަރާޗީގައިވަނީ މިފިލްމު ރިލީޒްކުރުމުގެ ގޮތުން ބޮޑު ހަފްލާ އެއްވެސް ބާއްވާފަ އެވެ. މިހަފްލާގައި ޕާކިސްތާނުގެ ގިނަ ފިލްމީ ތަރިން ވާނީ ބައިވެރިވެފަ އެވެ. އަދި މިފިލްމް ރިލީޒްކޮށްފައިވަނީ ޖިއޯ ފިލްމްސް އާއި މަންޑްވިއްވަލާ އެންޓަޓެއިންމަންޓް ގުޅިގެންނެވެ.

ޕާކިސްތާނުގައި މިފިލްމް 2ޑީ އަދި 3ޑީ ކޮށް ރިލީޒްކުރި ހަފްލާގައި މީޑިއާ އާއި ވަހާކަ ދައްކަމުން ޕާކިސްތާން ފިލްމް ކްރިޓިކް އޮމެއިރް އަލަވީ ބުނީ "ޝޯލޭ" އިންޑިއާގައި އެޅުވި ޒަމާނުގައި ޕާކިސްތާނުގައި ހިންދީ ފިލްމުތަކަށް ސަޕޯޓްކުރާ އެތަކެއް ފޭނުންނެއް ތިބިކަމަށާއި ހިންދީ ފިލްމުތައް އޭރު ދެއްކުން މަނާކޮށްފައި އޮތުމުން ބައެއް މީހުން ވީސީއާރް ބޭނުންކޮށްގެން ބަލާފައިވާކަމަށެވެ.

މީގެއިތުރުން އަލަވީ ބުނީ "ޝޯލޭ" އާއި ބެހޭގޮތުން އެމީހުންގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެ ފަރާތުން ވަރަށް ގިނަ ވާހަކަތައް އަޑުއިވިފައިވާކަމަށާއި، އެހެންކަމުން މިފިލްމް ސިނަމާގައި ބަލާލަން އެމީހުންނަށް ފުރުސަތު ލިބިގެން ދިއުމަކީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ތަޖުރިބާއެއް ކަމަށެވެ.

“މިފިލްމު 2ޑީ އާއި 3ޑީ ކޮށް ބަލާލަން ފުރުސަތު ލިބިގެން ދިއުން މީ ވަރަށް ބޮޑު އުފަލެއް" އަލްވީ ބުންޏެވެ.

އާއިލާގެ އެތައް ބަޔަކު މަރާލާ ގާތިލު ގައްބަރު ސިންގްގެ ކިބައިން ބަދަލުހިފުމަށްޓަކައި ޕޮލިސް އޮފިސަރު ފައިސާ ދީގެން ހޯދާ ދެވަގުންގެ މިވާހަކައަށް ޕާކިސްތާނުގައި ބޮޑު ތަރުހީބެއް ލިބޭނެކަމަށް މިފިލްމް ޕާކިސްތާނުގައި އެކްޕޯޓްކޮށް އަދު ޑިސްޓްރިބިއުޓްކުރާ ނަދީމް މަންޑްވިއްވަލާ ބުންޏެވެ.

ކުރިއަށްއޮތް ހަފްތާގައި ބޮޑެތި ފިލްމްތަކެއް ރިލީޒްކުރަން ހަމަޖެހިފައިވީ ނަމަވެސް މފިލްމަކީ ގިނަ ބަޔަކު ބެލުމަށް އެދެމުންދާ ފިލަމަކަށް ވުމުން މިފިލްމް ބަލަން ގިނަ ބަޔަކު ވަންނާނެ ކަމަށް ގަބޫލުކުރެވޭކަމަށް ނަދީމް ބުންޏެވެ.

މިހާރު ގިނަ ފިލްމް ތިއޭޓަރުތަކެއްގައި މިފިލްމް ދައްކަމުން ދާއިރު، މީގެތެރެއިން އެއް ތިއޭޓަރުގެ ވެރިފަރާތުން ވަނީ މިފިލްމުގެ އެންމެ މުހިންމު ތިން ތަރިން ކަމަށްވާ ގައްބާރު ސިންގް، އަމީތާބް ބައްޗަން އަދި ދަރުމެންދުރަގެ ކުރެހުންތަކެއް އަވަށެއްގެ ގޮތަށް ހަދާފައިވާ ތަނެއްގައި ފިލްމް ބަލަން އަންނަ މީހުންނަށް ފޮޓޯ ނެގޭނެ ގޮތަށްވެސް ހަދާފައިވާ ކަމަށެވެ.

މިފލްމް މީގެ 40 އަހަރުކުރިން އިންޑިއާގައި ރިލީޒްކުރި އިރު އިންޑިއާގެ ސިނަމާތަކުން ނުނަގާ ފަސް އަހަރު އޮތެވެ.