ރިޕޯޓް

ވަގު ފައިސާ ގެއަށް ވައްދާ ވެރިންނަށް ވަނީ މިހެން

ވަގު ފައިސާ ނުވަތަ ކޮރަޕްޝަނުގެ ފައިސާ ވެރިންގެ ގޭގެއަށް ވައްދާ ވާހަކައަކީ މިޒަމާނުގައި ވަރަށް އާއްމު ވާހަކައެކެވެ. އެއީދުނިޔޭގެ އެކި ކަންކޮޅުތަކުން އަބަދުމެ އިވޭ ވާހަކައެކެވެ. ނަމަވެސް އެފަދަ ނަފާތައް ލިބި ގަތުމުން އެކި ގައުމުތަކުގައި ވާގޮތް ތަފާތެވެ.

ދެކުނު އެފްރިކާގައި ދާދި ފަހުން ވަނީ އެގައުމުގެ ރައީސް ޖޭކޮބް ޒޫމާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ޕާލަމެންޓްގައި މަސައްކަތްކޮށްފައެވެ. ސަބަބަކަށްވީ ދައުލަތުގެ ހަޒާނާއިން ހަރަދުކޮށްގެން އަމިއްލަފުޅު ގެ ފައްކާކުރެއްވި ކަމަށް ކުރެވޭ ތުހުމަތުތަކާގައި މުއްސަނދި ގުޕްތާ ޚާންދާންނާ އޮންނަކަމަށް ތުހުމަތު ކުރެވޭ ގުޅުންތަކެވެ.

ޒޫމާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަސައްކަތް ކުރި އަށް ވަނަ ފަހަރެވެ. ނަމަވެސް ޒޫމާ ވަނީ މަގާމު ދިފާއު ކުރައްވާފަ އެވެ. އެއާ އެކުގައި ވެސް ވެރިކަން ކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭ އެންސީީ)ގެ ޕާލަމެންޓް މެމްބަރުންގެ ތެރެއިން ބަޔަކު ޒޫމާއާ ދެކޮޅުކަން އެ ވޯޓުން ވަނީ ސާފުވެފަ އެވެ.

ބްރެޒިލްގައި ރައީސް ވަކިކުރި

ބްރެޒިލްގެ ކުރީގެ ރައީސާ ދިލްމާ ރުސޯފްއަށް ހިޔާނާތުގެ ތުހުމަތު ކުރެވުމުން ކަންތައް ވީ ދެކުނު އެފްރިކާއާ ތަފާތު ގޮތަކަށެވެ. އެގައުމުގައި އަދި މުޅި ދުނިޔޭގައި ވެސް މިހައިތަނަށް ހިންގި ހިޔާނާތުގެ އެންމެ ބޮޑު ޖަރީމާ ކަމަށް ބެލެވޭ މަޝްހޫރު " ކާވޮޝް ސްކަންޑަލް" ގައި ބައިވެރިވި ކަަމަށް ކުރެވުނު ތުހުމަތާ އެކު ރުސޯފް މަގާމުން އަޒުލް ކުރީ އެއް ލަކިންނެވެ.

ރުސޯފްގެ ހިޔާނާތުގެ މައްސަލަ އެގައުމުގެ ޕާލަމެންޓުން ބަލައި، އޭނާ މަގާމުން އަޒުލުް ކުރީ އެގައުމުގެ ރައްޔިތުންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށް އެކަމަށް ގޮވައިލުމުންނެވެ. އޭނާއާ ދެކޮަޅަށް ޕާލަމެންޓުން ކުރި ތަހުގީގުން އެނގިފައި ވަނީ ބްރެޒިލްގެ ބަަޖެޓާ ބެހޭ ގާނޫނާ އޭނާ ހިލާފުވެވަޑައިގެންފައިވާ ކަމެވެ. މަގާމުން ދުރުކުރީ އެ ސަބަބާ ހެދިއެވެ. ތެޔޮ ކުންފުނި ޕެޓްރޮބަސްގެ އެކި އެކި މަޝްރޫއުތައް ހަވާލުކުރުމުގައި ބޮޑެތި އަދަދު ތަކުން ރިޝްވަތު ހިފި މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް އަންނަނީ ދައުވާ ކުރުމަށް ވެސް ތައްޔާރުވަމުން އެވެ.

ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ރައީސް

ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ރައީސް ޕާކް ގޫން ހައިގެ މައްޗަށް އުފުލުނީ އަރިސް ބޭފުޅެއް ކަމަށްވާ ޗޮއި ސޫން މެދުވެރިކުރައްވައިގެން އެގައުމުގެ މަޝްހޫރު ސެމްސަން ގްރޫޕުން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯއްދެވި ކަމުގެ ތުހުމަތެވެ. ރައީސާ ކަމަށް 2013 ވަނަަ އަަހަރު އިންްތިހާބުވެވަޑައިގެންނެވި ޕާކް މަގާމުން އަޒުލްކޮށް ދެކުނު ކޮރެއާގައި މިހާރު ވަނީ އާ ރައީސަކު އިންތިހާބުވެސް ކޮށްފަ އެވެ.

ޕާކްގެ ޝަރީއަތް ވެސް ދެކުނު ކޮރެއާގައި ފަށައިގެން މިހާރު ދަނީ ކުރިއަށެވެ. ހޯއްދެވި ފައިސާގެ ފޮނި ކަނޑުއްވާކަށް މަގާމެއްގައި ހުރުމުގެ ފުރުސަތެއް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެކަމަނާއަކަށް ނުދިނެވެ. ހިޔާނާތުގެ ކުށުގައި ދެކުނުކޮރެއާގައި ދޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމެވެ.

ނަވާޒް ޝަރީފަށް ދައުރު ނިމެންދެނެއް ނުހުންނެވުނު

ނަވާޒް ޝަރީފަކީ ޕާކިސްތާނުގެ ބޮޑުވަޒީޒުކަމަށް ތިން ފަހަރެއްގެ މަތިން ވަޑައިގެންނެވި ބޭަފުޅެކެވެ. ތިން ވަނަ ފަހަރު މަގާމަށް ވަޑައިގެންނެެވުމުން ވެސް ދައުރު ނިމެންދެން އޭނާއަށް މަގާމުގައި ހުންނެވޭ ގޮތެއް ނުވި އެވެ. އޭނާ މަގާމުން ދުރުކުރި ތިން ފަހަރުގެ ތެރެއިން އެއް ފަހަރު އެކަން ހިނގީ ރަނގަޅަކަށް ނޫނޭ ބުނެވިދާނެއެވެ. އެފަހަރު (1999) ވަނަ އަހަރު އޭނާ މަގާމުން ދުރުކުރީ އަސްކަރީ ބަޣާވާތަކުންނެވެ.

ޝަރީފު ތިންވަނަ ފަހަރަށް ވެރިކަމަށް ވަޑައިގެންނެވީ 2013 ވަނަ އަހަރުއެވެ. އެހެންކަމުން އަންނަ އަހަރަކީ އޭނާގެ ފަސް އަހަރުގެ ދައުރު ނިމޭ އަހަރެވެ. ނަމަވެސް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިހާރު ވަނީ އޭނާ މަގާމުން ދުރުކޮށްފައެވެެ.

ޕާކިސްތާނު ޕާލަމެންޓް މެމްބަރު ކަމާއި ބޮޑުވަޒީރުކަމަށް ޝަރީފުގެ ޝަރުތުހަމަނުވާ ކަމަށް ނިންމީ އޭނާގެ ދަރިދަރިކަލުންގެ މުދަލުގެ ތެރެއިން ގައުމުން ބޭރުގައިވާ މުދާތަކުގެ ތަފުސީލު ސިއްރުކުރައްވާފައި އޮތް ކަމަށް ޓަކައެވެ. އެކަން ފަޅާ އެރީ މަޝްހޫރު ޕެނަޕާ ޕޭޕާސް ލީކްވުމުންނެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެކަން ބެލުމަށް ފަހު ނިންމީ ޕާލަމެންޓް މެމްބަރެއްގެ އަދި ބޮޑުވަޒީރެއްގެ ހުންްނަންވާނެ ތެދުވެރިކަން ޝަރީފްގެ ގައިގައި ނެތް ކަމަށެވެ.

ވަގު ފައިސާ ނުވަތަ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގަންނަވާ ކަމަށް ތުހުމަތު ކުރެވިގެން ބައެއް ގައުމުތަކުގެ ވެރިކަން ބަދަލުވިޔަސް، އަނެއްބައި ގައުމުތަކުގައި އެފަދަ ބޭބޭފުޅުން އަދިވެސް ތިއްބެވީ މަގާމުގައެވެ. އެއީ އެގައުމުތަކުގެ ޝައުރީ ނިޒާމާއި މިނިވަން މުއައްސަސާތަކުގެ ދޯހަޅިކަމުން ކަމަށް ވެދާނެއެވެ. ނޫނީ އެއީ އެ ގައުމު ތަކުގެ ސިޔާސީ ނިޒާމު އިންތިހާއަށް ކޮރަޕްޓްވެފައި އޮތްކަމުގެ ދަލީލެކެވެ.