ދުނިޔެ

ޔަމަނަށް މުދާ އެތެރެކުރިޔަ ނުދޭތީ އދ. އިން ސައުދީއަށް ފާޑުކިޔައިފި

ރަތްކަނޑުގައިވާ ޔަމަނުގެ ބަނދަރުމަތީ ރަށް ހުދައިދާއަށް ގެންދާ މުދާ ޝިޕްމަންޓްތައް އެތެރެވިޔަ ނުދިނުމާއި ލަސްކުރުން ފަދަ އަމަލުތައް ހިންގާތީ ސައުދީ އަރަބިއްޔާއަށާއި އެގައުމުން ވާގިދޭ ޔަމަނު ސަރުކާރަށް އދ. އިން ފާޑުކިޔައިފިއެވެ.

އދ.ގެ އެހީއާ ބެހޭ ވެރިޔާ ސްޓެފައން އޮބްރިއެން ވިދާޅުވި ކަމަށް ރޮއިޓާސް ބުނީ ޔަމަނަށް ގެންދާ މުދާ ހަމަ އެކަނި އަދަނަށް ގެންދަން ޖެއްސުމަކީ ގޯސްކޮށް ކުރާ ކަމެއް ކަމަށެވެ.

އަދަނަކީ ސައުދީން ވާގިދޭ ޔަމަނު ސަރުކާރުގެ ބާރުގެ ދަށުގައިވާ ރަށެކެވެ. ހުދައިދާ ކޮންޓްރޯލް ކުރަނީ އިދިކޮޅު ހަނގުރާމަވެރިންނެވެ.

" ހުދައިދާއަކަށް ނޫން، ހަމަ އެކަނި އަދަނަށް މުދާ ގެންދަން ބާރު އެޅުމަކީ ހަމަ ގޯސް ކަމެއް،" ޔަމަނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުން ކޮންޓްރޯލް ކުރާ ސަރަހައްދަށް އދ. މެދުވެރިގެން މުދާ އެތެރެކުރުމަށް ހަމަ ޖައްސާފައިވާ ނިޒާމަށް ގައުމުތަކުން ތާއީދުކޮށް ކޮށްދިނުމަށް އެދިވަޑައިގެން ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އޮބްރިއެން ވިދާޅުވިއެވެ.

ޔަމަނުގެ ރައްޔިތުންނަށް ބޭނުންވާ ކާނާގެ 80 ޕަސެންޓް އެ ބަނދަރަކުން އެތެރެކުރާ ހުދައިދާ ބަނދަރަށް ހަމަލާ ދިނުން ހުއްޓުވުމަށް އދ. އިން ވަނީ މަސައްކަތް ކޮށްފައެވެ. އެ ބަނދަރުގައިވާ ގިނަ ކެރޭނުތައް ސައުދީ އިއްތިހާދުން ދިންް ހަމަލާތަކުގައި ވަނީ ހަލާކުކޮށްލާފައެވެ. އެ އިއްތިހާދުން ތުހުމަތުކުރާ ގޮތުގައި ހުދައިދާ ބަނދަރަކީ ޔަމަނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުން ހަތިޔާރު އެތެެރެކުރުމަށް ބޭނުންކުރާ ބަނދަރެކެވެ.

ޔަމަނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހޫސީ ދަރިކޮޅުގެ ހަނގުރާމަވެރިން އެގައުމުގެ ވެރިރަށް ސަންއާއަށް ވެރިވެގަތުމުން، އެމީހުންްނާ ދެކޮޅަށް ސައުދީން ހަމަލާ ދޭން ފެށީ 2015 ވަނަ އަހަރުއެވެ. އެހަމަލާތަކުގައި ޔަމަނުގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ ބޮޑުބައެއް ހަލާކުވެފައި ވާއިރު އެގައުމުގައި ކޮލެރާ ފަދަ ނުރައްކާތެރި ބަލިތައް ދަނީ ބާރަށް ފެތުރެމުންނެވެ. ޔަމަނު ހަނގުރާމައަށް ދެ އަހަރު ވެފައި ވާއިރު އެހަނގުރާމައިގައި މަރުވި އާއްމުންގެ އަދަދު ވަނީ 10000 އަށް ވުރެ މަތިވެފައެވެ.