ދުނިޔެ

ހައްޖާޖީންގެ ހިދުމަތަށް 17000 މީހުން، 3000 އުޅަނދު

ހައްޖުވެރިންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ، މޮޅަށް ތަމްރީނުކޮށްފައިވާ 17000 މީހުން ހާއްސަކޮށްފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް ޑިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސް އިން އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނީ ހައްޖުވެރިންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ނެރޭ މީހުންނަށް 3000 އެއްގަމު އުޅަނދުވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.

ހައްޖުގެ އަޅުކަމުގެ ކަންތައްތަކަށް ހާއްސަކޮށްފައިވާ ލަޝްކަރުތަކުގެ ޑައިރެކްޓަރު މޭޖާ ޖެނެރަލް ހާމިދު އަބުދުލް މުބައްދިލާ ހަވާލާދީ އަރަބް ނިއުސް ބުނީ ލަޝްކަރުތައް ހުރުމަތްތެރިވެގެންވާ ތަންތަނަށް ލަޝްކަރުތައް މިހާރު ފޮނުވާފައިވާ ކަަމަށެވެ. އަދި ބުނީ ހައްޖުގެ ކަންތައްތައް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ޓަކައި ސައުދީ ސަރުކާރުން ހާއްސަކޮށްފައިވާ 32 އިދާރާއަކާ ގުޅިގެން މަސައްކަތް ކުރަން އެ ލަޝްކަރުތައް ތިބީ ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ޒަމާނީ ޓެކްނޮލީގެ ބޭނުން ކުރާނެ ކަަމަށް ވެސް އޭނާއާ ހަވާލާދީ ނޫހުން ބުންޏެވެ.

ހައްޖުވެރިންގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި މައްކާއާއި މަދީނާއާއި މިނާގައި ހަރަކާތެރިވާ ލަޝްކަރުތަކުގެ އިސްވެރިން ވިދާޅުވެފައިވަނީ ކުރިން ކުރެވިފައިވާ ތަޖުރިބާ ތަކުގެ އަލީފައި ހާދިސާތައް ހިނގުން މަދުކުރެވޭތޯ މިފަހަރު ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ 2015 ވަނަ އަހަރު މިނާގައެވެ. ގިނަ ބަޔަކު އެއް މަގަކުން ދާން މަސައްކަތްކުރުމުގެ ސަބަބުން ހިނގި އެހާދިސާގައި ފިތިގެން 2000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އެހާދިސާއާ ގުޅިގެން ސައުދީ ސަރުކާރަށް އޭރުގައި ފާޑުކިއުންތައް އަމާޒުވިއެވެ.