ހަބަރު

ޕީޕީއެމްއާ ވާދަކޮށް އެމްޑީޕީއިން ކަމަދޫ ބައި-އިލެކްޝަން ކާމިޔާބުކޮށްފި

Aug 19, 2017
1

ބ. ކަމަދޫގެ ބައި- އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސާޖިދު ކާމިޔާބުކޮށްފި އެވެ. އޭނާ މި އިންތިހާބު ކާމިޔާބު ކުރީ އޭނާއާ ވާދައަށް ނިކުތް ހަމައެކަނި ކެންޑިޑޭޓް، ޕީޕީއެމްގެ އަލީ ނާއިޒާ ވާދަކޮށްގެން އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެމްޑީޕީ ކެންޑިޑޭޓް ސާޖިދުއަށް ލިބިފައި ވަނީ، 169 ވޯޓެވެ. ޕީޕީއެމް ކެންޑިޑޭޓް ނާއިޒަށް ލިބިފައި ވަނީ 142 ވޯޓެވެ. ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ، އެ ކައުންސިލަށް ހޮވުނު މެންބަރަކު ހުވާކުރިތާ ދެ ދުވަސް ތެރޭގައި ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުން އެވެ.

ކަމަދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ވޯޓްލުން މާލެ އާއި އެ ރަށުގައި ފަށާފައި ވަނީ މިއަދު ހެނދުނު 8:00ގަ އެވެ. އެ އިންތިހާބުގައި 338 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އިރު ކަމަދޫ ސުކޫލާއި މާލޭ އިލެކްޝަން ސެންޓަރުގައި ވެސް ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.

މި ބައި-އިލެކްޝަނާ ދިމާކޮށް ކަމަދޫގައި ދެ ޕާޓީ އިން ވަނީ ފޯރިގަދަ ކެމްޕޭންތަކެއް ކުރިއަށް ގެންގޮސްފަ އެވެ ފޯރިގަދަ ކެމްޕޭންތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، މިއަދު ވޯޓްލުން ކުރިއަށް ދިޔައީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ވަރަށް އަމާން ކަމާ އެކު އެވެ. އަދި ވޯޓްލުމުގެ ތެރޭގައި ވެސް އެއްވެސް މައްސަލައެއް ޖެހިފައެއް ނުވެ އެވެ.