ހަބަރު

ނިހާންގެ ހިސާބުން އިންތިހާބުން ކުރި ހޯދީ ރައީސް ޔާމީން

މިއަދު ކުރިއަށް ގެންދިޔަ ބ. ކަމަދޫ ބައި އިލެކްޝަނުގައި ކުރި ހޯދާފައިވަނީ ރައީސް އަބްދުﷲ ޔާމީންކަން ހާމަކޮށްދޭ ގޮތަށް ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ހިސާބު ޖައްސަވައިފި އެވެ.

ނިހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އިންތިހާބުގައި ވޯޓުގެ 46 ޕަސެންޓް ލިބިވަޑައިގަތީ ޕީޕީއެމް ނުވަތަ ރައީސް ޔާމީނަށް ކަމަށެވެ. ކުރީގެ ރައީސް މައުމޫނަށް ލިބިވަޑައިގަތީ 13.5 ޕަސެންޓް ކަމަށެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއަށް ވެސް ކޮންމެ ޕާޓީއަކަށް 13.5 ޕަސެންޓް ކަމަށެވެ.

ނިހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ކަމަދޫގެ މެޖޯރިޓީ ވެސް ހޯދާނީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެގޮތަށް ނިހާން ވިދާޅުވިއިރު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކަމަދޫ ބައި އިލެކްޝަނުން އެނގިގެން ދިޔައީ ސަރުކާރާމެދު މުޅި ގައުމު ދެކޭ ގޮތް ކަމަށެވެ.

ބ. ކަމަދޫގެ ބައި- އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ސާޖިދު ކާމިޔާބުކުރީ ޕީޕީއެމްގެ އަލީ ނާއިޒާ ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެމްޑީޕީ ކެންޑިޑޭޓް ސާޖިދުއަށް ލިބިފައި ވަނީ، 169 ވޯޓެވެ. ޕީޕީއެމް ކެންޑިޑޭޓް ނާއިޒަށް ލިބިފައި ވަނީ 142 ވޯޓެވެ. ކަމަދޫ ކައުންސިލްގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ، އެ ކައުންސިލަށް ހޮވުނު މެންބަރަކު ހުވާކުރިތާ ދެ ދުވަސް ތެރޭގައި ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމުން އެވެ.

މި ބައި-އިލެކްޝަނާ ދިމާކޮށް ކަމަދޫގައި ދެ ޕާޓީ އިން ވަނީ ފޯރިގަދަ ކެމްޕޭންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ހާއްސަކޮށް އިދިކޮޅު ޕާޓީތަކުގެ ވަރަށް އިސް ބޭފުޅުން އެ ރަށަށް ވަޑައިގެން ޑޯޓުޑޯ ހަރަކާތްތައްފަދަ ގިނަ ހަރަކާތްތަކެއް ހިންގި އެވެ. އެ ބޭފުޅުން ވޯޓުލުން ކުރިއަށް ދިޔައިރު ވެސް ތިއްބެވީ ކަމަދޫގަ އެވެ.