މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް، ހަމަޖައްސަން ރައީސް އަބްދުﷲ ޔާމީން ނަން ފޮނުވި، ނީޒާ އިމާދު، ނަން އަނބުރާ ގެންދެވުމުން އެކަމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އެކަމަނާ ހުންނެވީ އެސިސްޓެންޓް ގަވަރުނަރު ކަމުގެ މަގާމުގަ އެވެ.
އެމްއެމްއޭގައި 31 އަހަރު މަސައްކަތް ކުރައްވާފައިވާ ނީޒާ "އަވަސް" އަށް ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމެވީ އިތުބާރު ނެތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
"އެމްއެމްއޭގެ އިސް މަގާމެއްގައި މިހާރު ހުރުމަކީ އެހާ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ އަޅުގަނޑު އިސްތިއުފާ ދިނީ. މިއަދަކީ ވަރަށް ދެރަ ދުވަހެއް މިއީ. މިހާ ދުވަހު މަސައްކަތް ކުރަމުން މިދިޔައީ އެއްވެސް މައްސަލައެއް ދިމަލެއް ނުވޭ،" ނީޒާ ވިދާޅުވި އެވެ.
ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނީޒާއަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަގާމުވެސް ފުރުއްވާ ބޭފުޅާ އެވެ.