ދުނިޔެ

ސައުދީ ގަައި އަނެއްކާވެސް މާސްރޯގާ އިތުރުވެއްޖެ

ސައުދީ އަރަބިއްޔާއިން 2012 ވަނަ އަހަރު ފެނުނު ނުރައްކާތެރި ބައްޔެއް ކަމަށްވާ މިޑުލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް ( މާސް) ރޯގާ އެގައުމުގައި އަނެއްކާވެސް އިތުރުވެއްޖެއެވެ.

ސައުދީ އޮފިޝަލުންނާ ހަވާލާދީ އަރަބް ނިއުސް ބުނީ މިހިނގާ ޒުލްގައިދާ މަހު 23 މީހަކަށް މާސްރޯގާ ޖެހުނު ކަމަށް ރެކޯޑްކުރެވިފައިވާ ކަމަށެވެ. ކޮރޯނާ ވައިރަސް އިން ޖެހޭ އެރޯގާ ޖެހުނު 23 މީހުންގެ ތެރެއިން 13 މީހުންނަކީ ދައުމަތުލް ޖަންދަލުގައި ދިރިއުޅޭ މީހުންނެވެ. އަދި އޭގެ ތެރެއިން ދެމީހުންނަކީ ވެރިރަށް ރިޔާޒުގައި ދިރިއުޅޭ މީހުންނެވެ. ދެން ތިބި މީހުންނަކީ ޚާމިޝްއާއި މުޝްޔާތު އަދި ހާއިލު ނަމަކަށް ކިޔާ ރަށުގެ މީހުންނެވެ. ރޯގާ ޖެހުނު މީހުންގެ ތެރޭގައި މާތްވެގެންވާ މަދީނާގެ މީހުން ވެސް ހިމެނެއެވެ.،

އަށް މީހަކަށް އެރޯގާ ޖެހުނީ ސިއްހީ ހިދުމަތްދޭ ތަނަކުން ކަމަށާއި 12 މީހަކަށް ރޯގާ ޖެހުނީ ޖަމަލުން ކަމަށް ސައުދީ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންޏެވެ. އެހެން މީހުންނަށް ރޯގާ ޖެހުނީ ކިހިނެތްތޯ އަންނަނީ ތަހުލީލުކުރަމުންނެވެ.

ސައުދީ އަރަބިއްޔާގައި މާސްރޯގާ އިތުރުވާން ފެށީ މިދިޔަ ޖުލައިމަހުއެވެ. ޖުލައިމަހުގެ ހަތަރުުވަނަ ދުވަހުން ފެށިގެން އޮގަސްޓް 12 ވަނަ ދުވަހާ ހަމައަށް 26 މީހަަކަށް އެރޯގާ ޖެހިފައި ވެއެވެ.

ސައުދީގައި 2012 ވަނަ އަހަރު މާސް ރޯގާ ފެތުރެން ފެށިފަހުން މިހައިތަނަށް އެރޯގާ ޖެހުނު މީހުންގެ އަދަދަކީ 1667 އެވެ. އޭގެ ތެރެއިން 680 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.