ހަބަރު

ގަވާއިދުތައް ނެތަސް ޝަރީއަތް ހިންގަން ހުރަހެއް ނެތް: ގާޒީ

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވައިދުތައް ނުހަދާ އޮތް ނަމަވެސް ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމައި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފި އެވެ.

ފާރިސްގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ގޮތުން ޝަރީއަތުން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ. ފާރިސްގެ ފަރާތުން ހުށަހަޅާފައިވަނީ ޖުމްލަ ހަ ކަމެކެވެ.

އެގޮތުން ފުރަތަމަ ހުށަހެޅި ކަމަކީ ސުޕްރީމް ކޯޓުން އެކުލަވާލަންޖެހޭ ގަވައިދުތައް ހަދާފައި ނެތުމެވެ. ފާރިސްގެ ފަރާތުން އެދުނީ އެ ގާނޫނުތައް އެކުލަވާލެވެންދެން ފާރިސްގެ ޝަރީއަތް ފަސްކުރުމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ހިންގާނެ ގޮތުގެ ގަވައިދުތައް ހަދަންޖެހޭނީ ސުޕްރީމް ކޯޓުންނެވެ. މިހާތަނަށް ގާނޫނުން ލާޒިމްކުރި ގަވައިދުތައް ސުޕްރީމް ކޮޓުން އެކުލަވާލާފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ގަވައިދުތައް ނެތުމުން މައްސަލަ ކުރިއަށް ނުގެންދާނަމަ އަދުލުގެ ނިޒާމަށް ހުރަސް އެޅިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ފޯމް ނެތަސް އެ ހުށަހެޅުންތައް ލިޔުމުން ހުށަހަޅަން ފުރުސަތު ދީފައިވާނެ ކަމަށާއި އެކަންކަމާ ގުޅޭ ގޮތުން ވާހަކަ ވެސް ދެއްކިފައިވާތީ އެކަމަކީ ޝަރީއަތް ހިންގުމަށް ހުރަހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ގާޒީ ވިދާޅުވީ، އެކެއްގެ ހައްގަށްވުރެ މުޖުތަމައުގެ ހައްގު މުހިންމު ކަމަށް ދެކޭ ކަމަށެވެ. މައްސަލަ މެދުކަނޑާލައިފިނަމަ އަދުލުގެ ނިޒާމް ހުއްޓި، ގިނަ ބަޔަކަށް އޭގެ ގެއްލުން ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދަން ނިންމީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްގެ ފަރާތުން ދެން ހުށަހެޅި ހުށަހެޅުންތައް ވެސް ޝަރީއަތުން ވަނީ ބޭރުކޮށްލާފަ އެވެ. އަދި މި މައްސަލާގައި ޝަރީއަތް ފެށުމަށް ވަނީ ނިންމާފަ އެވެ. މައްސަލާގައި ޝަރީއަތް ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހު އެވެ.