ވިޔަފާރި

ގެސްޓްހައުސް ކޮންފަރެންސްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު

ގެސްޓްހައުސް ކޮންފަރެންސުގެ ޓައިޓްލް ސްޕޮންސަރަކަށް ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) ހަމަޖައްސައިފި އެވެ.

އަންނަ ބާއްވާ "މޯލްޑިވްސް ގެސްޓްހައުސް ކޮންފަރެންސު 2017" ގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީއެމްއޯ އިޒަބެލް ހަޖްރީ އެވެ. އަދި ގެސްޓްހައުސް ކޮންފަރެންސް ބާއްވާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އިބްރާހިމް އަރީފު އެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއެފްއޯ އިޒަބެލް ވިދާޅުވީ ޓޫރިޒަމްއަކީ ރާއްޖޭގެ އިގްތިސާދުގެ މުހިންމު ބައެއް ކަމަށާ އެހެންކަމުން ގެސްޓްހައުސް ކޮންފަރެންސުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

"މިއީ ގެސްޓްހައުސްތަކަށް މިގޮތަށް ބާއްވާ އެންމެ ބޮޑު އިވެންޓް. އެހެންވެ މި އިވެންޓުގައި ދިރާގުން ބައިވެރިވާން ނިންމީ،" އިޒަބެލް ވިދާޅުވި އެވެ.

މޯލްޑިވްސް ގެޓަވޭސްގެ ޑިރެކްޓަރު އަރީފު ވިދާޅުވީ މިދިޔަ އަހަރާ ހިލާފަށް މި އަހަރު ތިމާވެއްޓަށް އިސްކަން ދިނުމަށް ހާއްސަ ބައެއް ގެސްޓްހައުސް ކޮންފަރެންސުގައި ހިމަނާނެ ކަމަށެވެ.

"ތިމާވެއްޓަށް އިސްކަން ދިނުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވަން މިދަނީ މަސައްކަތް ކުރަމުން ހާއްސަކޮށް ގެސްޓްހައުސްތަކުން،" އަރީފު ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ ގެސްޓްހައުސް ކޮންފަރެސުގައި 200 އަށްވުރެ ގިނަ ގެސްޓްހައުސްތައް ބައިވެރިވާއިރު 50 އެޖެންޓުން ބައިވެރިވެ އެވެ.