ހަބަރު

ފާރިސްއާމެދު ކަންބޮޑުވޭ، ސަރުކާރުން އިސްތިއުފާއެއް ނުދެން: ދުންޔާ

ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުމަށް މިއަދު ދުންޔާ މައުމޫން ވަޑައިގެންނެވުމުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަވަމުންދާތީ ދުންޔާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ދުންޔާ މިއަދު "އަވަސް"އަށް ވިދާޅުވީ، ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެންނެވީ ކޮއްކޯފުޅު ކަމަށްވާތީ އޭނާއާމެދު ކަންބޮޑުވުންވާތީ ކަމަށެވެ. ސަރުކާރާ ހިޔާލު ތަފާތުވެގެން ނޫން ކަމަށެވެ.

"އަޅުގަނޑު އަދިވެސް މި ހުރީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ، އެކަމަށް ބަދަލެއް ނާދޭ، އިސްތިއުފާއެއް ނުދެން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ މައުމޫން މިއަދު ކޯޓަށް ވަޑައިގެންނެވުމުން އެކަމަނާ ސަރުކާރާ ހިޔާލު ތަފާތުވެފައިވާ ކަމަށް ދޭހަވާ ގޮތަށް ދަނީ ވާހަކަ ދައްކަވަމުންނެވެ. އެކަމަނާ ކޯޓަށް ވަޑައިގެންނެވިއިރު އެތަނުގައި އިދިކޮޅު ގިނަ ފަރާތްތަކެއް ތިއްބެވި އެވެ.

ފާރިސްގެ ޝަރީއަތެއްގެ އަޑުއެހުމަށް ދުންޔާ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުއްދަ ނެތި ބޭނުންކުރި ކަމަށް ބުނެ އެވެ. ދުންޔާ ކޯޓަށް ވަޑައިގަންނަވާފައިވަނީ އޭނާގެ ފިރިކަލުންނާ އެކީގަ އެވެ.

ފާރިސް އާއި ޔުމްނާ މައުމޫން ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވަމުންދާއިރު، ދުންޔާގެ އިތުރުން ގައްސާން މައުމޫން ވެސް ހުންނެވީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.