ހަބަރު

"ސްނައިޕަރު" މައްސަލައިގެ އަޑުއެހުން ކެންސަލް

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާވައިގެން ރާއްޖެ ގެނައި ކަމަށް ތުހުމަތު ކުރާ، ސްރީލަންކާގެ ލަހިރޫ މަދުޝަންކާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައިވަނީ މަދުޝަންކާގެ ތަރުޖަމާނު ހާޒިރުނުކުރެވިގެންނެވެ.

މި މައްސަލާގައި އަދީބާއި މަދުޝަންކާގެ އިތުރުން ދައުވާ ކޮށްފައިވަނީ މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިންގެ މައްޗަށެވެ. މައްސަލާގެ އަޑުއެހުންތައް މީގެކުރިން ގެންދިޔައީ ސިއްރުންނެވެ. ނަމަވެސް މިއަދު ބާއްވަން އުޅުނު އަޑުއެހުން އޮތީ އާންމުކޮށް އެންމެންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ގޮތަށެވެ.

މަދުޝަންކާ ރާއްޖެ ފޮނުވުމުގައި ދިވެހިންގެ މެދުވެރިއަކަށްވީ ލަންކާ މީހާ އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ، ފަސް ދިވެއްސަކު އޭނާ ކައިރީ އެދުނީ ޕްރައިވެޓް ބޮޑީ ގާޑެއްގެ ވަޒީފާއަށް މީހަކު ހޯދައިދިނުމަށް ކަމަށެވެ. އަދި އެ ވަޒީފާއަށް މީހުން ހޯދުމަށް އޭނާ ކުރި މަސައްކަތުގައި އެކަމާ މެދު ވާހަކަ ދެއްކި ލަންކާ މީހުންގެ ތެރެއިން ވަޒީފާއަށް ރާއްޖެ ދާން އެއްބަސްވީ މަދުޝަންކަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ދިވެހިން ބޭނުންވީ، އަސްކަރިއްޔާގައި މަސައްކަތް ކޮށްފައި ހުރި މީހެއް ނަމަވެސް، މަދުޝަންކަ ވަޒީފާއެއް ބޭނުންވެފައި ހުރިލެއް ބޮޑު ކަމުން، އޭނާ އަކީ އަސްކަރިއްޔާގައި އުޅުނު މީހެއް ކަމަށް ދޮގު ހަދައިގެން މަދުޝަންކަ ރާއްޖެ އައީ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭނާއަށް ވަޒީފާ ދޭނެ ކަމަށް ބުނި ދިވެހި މީހުން މަދުޝަންކަ އާ ބައްދަލުވެސް ނުކުރި ކަމަށާއި ރައީސް އަވަހާރަކޮށްލުމަށް ރޭވުމެއް އޮތް ކަމަށް މަދުޝަންކަ އަށް ނޭނގޭ ކަމަށް ވެސް ލަންކާ އެޖެންޓް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ދައުލަތުން ބުނެފައި ވަނީ މަދުޝަންކާ ރާއްޖެ އައީ ރައީސް އަވަހާރަކޮށްލަން އެއްބަސްވެ އެކަމުގައި ކަމަށެވެ.