ހަބަރު

ޝަރުތުތަކަކާއެކު އަމީތު އާއި ސައުދު މިނިވަންކޮށްފި

Aug 20, 2017
3

މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ޝަރުތުތަކަކާ އެކު ކޯޓުން މިއަދު މިނިވަންކޮށްފި އެވެ.

އެބޭފުޅުން މިނިވަން ކުރީ މިއަދު ކްރިމިނަލް ކޯޓަށް އެބޭފުޅުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހާޒިރުކުރުމުން އެވެ. އެދެބޭފުޅުންގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލައިފަ އެވެ. އެދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރަންހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅިކަމުގެ ދައުވާ އެވެ.

ދެ ބޭފުޅުން ވެސް ދޫކޮށްލީ، ތިން ޝަރުތެއް ކުރިމަތިކޮށްފަ އެވެ. އެއީ ރޭގަނޑު 9:00 ން ހެނދުނު 6:00 ށް ގެއިން ބޭރަށް ނުނިކުތުމާއި އެއްވެސް ހެއްކަކާ ބައްދަލުނުކުރުމާއި ކޯޓަށް ހާޒިރުވުމެވެ.

ދެ ބޭފުޅުން ބަންދުކުރި މައްސަލާގައި ބަންދުކުރި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް މިހާރު ވަނީ މިނިވަންކޮށްފަ އެވެ. މި ތިން ބޭފުޅުން ވެސް ވަނީ އެ ބޭފުޅުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލާގައި ދެން އޮތީ ހުކުމެވެ.