ހަބަރު

ނިއުޔޯކް ޓައިމްސްއާ ގުޅިގެން އަވަސް އިން "އައިލްސް" ގެނެސްދީފި

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ނޫސް، ދަ ނިއުޔޯކް ޓައިމްސްއާ ގުޅިގެން އަވަސްއިން "އައިލްސް" ގެ ނަމުގައި ކޯޕަރޭޓް މެގަޒިންއެއް މިއަދު ނެރެފި އެވެ. މި މެގަޒިންގެ މަގުސަދަކީ ރާއްޖެއާ ގުޅޭ މައުލޫމާތުތައް ބޭރު ދުނިޔެއަށް ފޯރުކޮށްދިނުމެވެ.

ނިއުޔޯކް ޓައިމްސް އާއި އަވަސް ގުޅިގެން ނެރޭ "އައިލްސް" މެގަޒިން މިއަދު ލޯންޗުކޮށްދެއްވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އަބްދުﷲ ގިޔާޒެވެ. މެގަޒިންގެ ފުރަތަމަ އަދަދު މިއަދު ނެރުނުއިރު ކޮންމެ މަހަކު "އައިލްސް" މެގަޒިންގެ އަދަދެއް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް އަވަސްއިން ނެރުނު މި މެގަޒިންގެ އެޑިޓާ މުހައްމަދު ވިޝާމް ވިދާޅުވީ، "އައިލްސް" ވާނީ ބައިނަލްއަގްވާމީ ނިއުސް އެޖެންސީއަކާ ގުޅިގެން ރާއްޖޭގައި ނެރޭ ފުރަތަމަ މެގަޒިންއަށް ކަމަށެވެ. މި މެގަޒިން އިން ރާއްޖޭގެ އިގްތިސޯދާއި ޓޫރިޒަމް އަދި ޝަގާފަތްތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދޭނެ އެވެ.

"ބޭރު މީހުންނަށް ނޭނގޭ ރާއްޖޭގެ ގިނަ މައުލޫމާތުތަކެއް ވަރަށް އިންޑެޕްތްކޮށް އެއަަށް ފީޗާ އާޓިކަލްތަކުގެ ގޮތުގައި އިންޓަނޭޝަނަލް ޕްލެޓްފޯމްއަކަށް އައިލްސްގެ މި ގްލޯބަލް ބްރޭންޑް މެދުވެރިކޮށް މި ފޯރުކޮށްދެވެނީ، މި މެގަޒިން މެދުވެރިކޮށް ރާއްޖޭގެ މި މައުލޫމާތުތައް ވަރަށް ބޮޑު އޯޑިއެންސަކަށް ފޯރުކޮށްދެވޭނެ،" ވިޝާމް ވިދާޅުވި އެވެ.

"އައިލްސް" މެގަޒިން ހަތަރު ގައުމެއްގެ 150 އަށްވުރެ ގިނަ ތަންތަނުގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިނގިރޭސިވިލާތް ހޮންކޮންގް އަދި ސިންގަޕޫރުގެ ހާއްސަ ތަންތަނުގައި މި މެގަޒިން ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މެގަޒިން ނެރުމަށް މިއަދު ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެސެޖެއްގެ ޒަރިއްޔާއިން ނިއުޔޯކް ޓައިމްސްގެ ޖެނަރަލް މެނޭޖާ ނިއުސް ސާވިސެސް އެންޓް ޕްރިންޓް އިނޮވޭޝަން މައިކަލް ގްރީންސްޕޮން ވިދާޅުވީ، ނިއުޔޯކް ޓައިމްސްއާއެކު "އައިލްސް" ނެރުމަކީ އެ ބްރޭންޑަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި، މިއީ އެ ނޫހުން ރާއްޖޭގައި ފަށާ ފުރަތަމަ މަޝްރޫއުކަން މައިކަލް ފާހަގަކުރެއްވި އެވެ.

"އައިލްސް މެދުވެރިކޮށް ރާއްޖޭގެ ޓޫރިޒަމްއާއި ބިޒްނަސް އިންޑަސްޓްރީގެ މައުލޫމާތުތައް ނިއުޔޯކް ޓައިމްސް އިން ބައިނަލްއަގްވާމީ އޯޑިއެންސްއަށް ފޯރުކޮށްދެވޭނެ،" މައިކަލް ވިދާޅުވި އެވެ.

އަވަސްގެ ސީއީއޯ އަހުމަދު ނަޒްމީ ވިދާޅުވީ، "އައިލްސް" ނެރުމަކީ އަވަސްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ނޫހާއާއެކު އަވަސްއަށް މަސައްކަތް ކުރަން ލިބުނީ އަވަސްގެ ވަރަށް ގިނަ މަސައްކަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހާ ބޮޑު ނޫހެއް އަވަސްއާ ގުޅިގެން ދިޔުމަކީ އަވަސްގެ ދެ އަހަރާއި ބައިގެ ކުރު ތާރީހުގައި ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަވަސްގެ މި އަހަރުގެ އެންމެ ބޮޑު އެއް އަމާޒަކަށްވެފައި އޮތީ ބައިނަލްއަގްވާމީ ޕްލެޓްފޯމެއްގައި އަވަސް ތަމްސީލުކުރުމެވެ. "އައިލްސް"އާއެކު އެ އަމާޒަށް އަވަސްއަށް ވާސިލުވެފައިވާއިރު ކުރިއަށް ވެސް އަވަސްގެ ގިނަ އަމާޒުތަކެއް އެބަހުއްޓެވެ. "އައިލްސް" ފަދަ އިތުރު ކަންކަން ވެސް އަވަސްގެ ކިޔުންތެރިންނާ ހަމައަށް ކުރިމަގުގައި ވެސް ގެނެސްދޭނެ އެވެ.

މި އަހަރަށް އަވަސްއިން ކަނޑައެޅި އިތުރު އަމާޒުތައް ވެސް ހާސިލުކޮށްފައިވާއިރު އަވަސްއަކީ މިހާރު ގޫގަލް ނިއުސްއާ ވެސް ގުޅާލެވެފައިވާ ނޫހެކެވެ. އާ އަހަރަށް އަވަސްގެ އެންމެ ބޮޑު އަމާޒަކީ ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ނޫހަށް އަވަސް ހެދުމެވެ. އެކަމުގެ ބޮޑު އިންގިލާބެއް އަވަސްއިން ގެނައުމަށް ވަނީ އަމާޒު ހިފާފަ އެވެ.