ދުނިޔެ

ޓްރަމްޕް ސަރުކާރުގެ އެތެރޭގެ މައްސަލަ ގަނޑު، އެއް ފޮޓޯއިން

އެމެރިކާގެ ރައީސްކަމުގެ ހުވައި ކުރެއްވިތާ އަށް ދުވަސް ފަހުން ޑޮނަލްޑް ޖޭ ޓްރަމްޕް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ފޯނުން ވާހަކަފުޅު ދެއްކެވިއެވެ. އެ ފޯންކޯލް ކުރެއްވި އިރު، ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ގޮތަށް އެންމެ އިސް ފަސް މުޝީރުން ޓްރަމްޕްގެ ވަށައިގެން ތިއްބެވިއެވެ.

އޭގެ ތެރެއިން ހަތަރު ބޭފުޅަކު މިހާރު ވަނީ ވައިޓްހައުސް ދޫކުރައްވައި ވަޑައިގެންފައެވެ.

ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ޗީފް ސްޓްރެޓެޖިސްޓް ސްޓީވް ބެނަން މިދިޔަ ހުކުރު ދުވަހު މަގާމުން ވަކިކުރުމަކީ އަވަސް ބަދަލުތަކެއް އަންނަމުންދާ ޓްރަމްޕް ސަރުކާރަށް އެންމެ ފަހުން އައި ބަދަލެވެ.

ފޮޓޯގައި ދެން ތިއްބެވި ބޭފުޅުން:

ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ފްލިން

އޭނާއަށް އެންމެ މަހެއް ވަންދެން ވެސް މަގާމުގައި ދެމި ނުހުންނެވުނެވެ. ވެރިކަމުގެ ބާރުތައް އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވި ދުވަސްވަރު ، އެމެރިކާގައި ހުންނެވި ރަޝިޔާގެ ސަފީރާ ކުރެއްވި މުއާމަލާތްތަކަކާ ބެހޭ ގޮތުން ނައިބު ރައީސަށް ދޮގު މައުލޫމާތު ދެއްވި ކަމުގެ ހަބަރު ފެތުރުމާއި އެކު އޭނާ މަގާމުން ވަކިކުރެއްވީ ފެބްރުއަރީމަހުއެވެ.

ޗީފް އޮފް ސްޓާފް ރިއިންސް ޕްރީބަސް، ޕްރެސް ސެކްރެޓަރީ ސްޕައިސާ

އެދެބޭފުޅުން ވައިޓްހައުސް އިން ނުކުމެވަޑައިގެންނެވީ ކޮމިއުނިކޭޝަންސް ޑައިރެކްޓަރް ކަމުގެ މަގާމަށް އެންތަނީ ސްކަރަމޫޗީ އިސްކުރުމާ ގުޅިގެން މިދިޔަ ޖުލައިމަހުއެވެ. ސްޕައިސާ މަގާމު ދޫކޮށްލެއްވީ އެކަމާ ހިތްޕުޅުހަމަޖެހިވަޑައި ނުގެން އަމިއްލަފުޅަށެވެ. ޕްރީބަސް މަގާމުން ވަކިކުރެއްވީއެވެ.

ފޮޓޯގައި ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން ޓްރަމްޕް ފިޔަވައި ވައިޓްހައުސްގައި މިހާރު ހުންނެވި ހަމަ އެކަނި ބޭފުޅަކީ ނައިބު ރައީސް މައިކް ޕެންސް އެވެ. އޭނާއަކީ އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އެހެންވީމާ ޕާލަމެންޓް މެެދުވެރިކޮށް އަޒުލުކޮށްގެން ނޫނީ ޓްރަމްޕަކަށް އޭނާ މަގާމުން ދުރެއް ނުކުރެއްވޭނެއެވެ.

ޓްރަމްޕް ސަރުކާރު ފެށުނު އިރު ތިއްބެވި އިސްބޭފުޅުންގެ ތެރެއިން މިފޮޓޯގައި ނެތް އެތައް ބޭފުޅުންނެއް ވެސް ވަނީ ބޭރުވެވަޑައިގެންފައެވެ.
އޭގެ ތެރޭގައި އާއްމުންނަށް އެހާބޮޑަށް ނޭނގޭ މައިކް ޑޫބްކީ ހިމެނިވަޑައިގަންނަވައެވެ. އެއީ ކޮމިއުނިކޭޝަންސް ޑައިރެކްޓަރަކަށް ޓްރަމްޕް ހަމަޖެއްސެވި ބޭފުޅެކެވެ. އޭނާ މަގާމުން ވަކިވެވަޑައިގެންނެވީ މޭމަހުއެވެ. އޭގެ ބަދަލުގައި ގެންނެވި އެންތަނީ ސްކަރަމޫޗީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ 10 ދުވަހުގެ ތެރޭގައި ވަކިކުރެއްވީ ވައިޓްހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އަލަށް ވަޑައިގެންނެވި ޖޯން ކެލީއެވެ.

ވައިޓްހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްކަމުގެ މަގާމުގައި ހުންނެވި ކެޓޯ ވޯޝް މަގާމު ދޫކުރައްވައި ވަޑައިގެންނެވީ މާޗްމަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއަކީ ސިއްރު ބޭޒާރު ކުރައްވާ ބޭފުޅެއް ކަމަށް ވައިޓް ހައުސް ތެރޭގައި ތިބި ވާދަވެރިން ބުނަން ފެށުމުންނެވެ. -ވޮކްސް