ހަބަރު

ރީތި ރަށް ކައިރީ އޮތް ދޯންޏެއްގައި ރޯވެއްޖެ

ރީތިރަށް ރިސޯޓު ބޭރުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރީތިރަށް ރިސޯޓު ބޭރުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 8:50 ހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި ރޯވެފައި ވަނީ ކޯސްޓްލައިން ގެ 95 ފޫޓުގެ ދޯންޏެއްގައި ކަމަށާއި މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގި އިރު ދޯނީގައި ތިބީ ކިތަށް މީހުން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް އާޒިމް ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

މި އަހަރު ތެރޭގައި ވެސް ކަނޑުމަތީގައި އެތަށް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި މާލެ ކައިރީ އޮތް ލޯންޗެއްގައި ވެސް ވަނީ ރޯވެ އަނދާފަ އެވެ.