ވިޔަފާރި

ވީއައިއޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ހާއްސަ ހަފުތާއެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް "ސޭފްޓީ ވީކް" ފަށައިފި އެވެ.

ވީއައިއޭގައި ހަފުތާއެއްގެ ނިޔަލަށް ކުރިއަށްދާ ސޭފްޓީ ވީކްގައި މުޅި އެއާޕޯޓް އެއްކޮށް ބައިވެރިވާނެ އެވެ. މި ހަފުތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓުން ހިދުމަތް ހޯދާ ހުރިހާ އެއާލައިންތަކުގެ ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ވީއައިއޭގައި ކުރިއަށްދާ ސޭފްޓީ ވީކުގައި އެއާޕޯޓަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީންތައް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކަމަށްވާ ވީއައިއޭއަކީ އިކާއޯ އާއި އަަޔާޓާ ގަބޫލުކުރާ މިންގަނޑުތަކަށް ހިންގަމުން ގެންދާ އެއާޕޯޓެވެ. އަދި ވީއައިއޭއިންދޭ ހިދުމަތްތަކަށް ދުނިޔޭގެ އެކި އިދާރާތަކުން ދަނީ ތަފާތު އެވޯޑުތައް ދެމުންނެވެ. މިގޮތުން އެންމެ ފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގައިވެސް ވީއައިއޭއަށް ވަނައެއް ލިބިފައިވެ އެވެ.

ސަރުކާރުން ދަނީ ވީއައިއޭގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށް ހާއްސަ މަޝްރޫއެއް ފަށާފައެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓުގައި އާ ރަންވޭއަކާއި ޓާމިނަލްއެއް އަޅާނެ އެވެ. މި މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮރަށް އަރަ އެވެ.