ހަބަރު

ކަސްޓަމްސްގެ ޔުނިފޯމަށް ބަދަލު ގެނެސްފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބަދަލުތަކާ އެކު އާ ޔުނިފޯމެއް ތައާރަފްކޮށްފި އެވެ. ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި އެ ސާވިސްގެ އާ ޔުނިފޯމް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އެވެ.

ކަސްޓަމްސްގެ ފަސް ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒިފުންގެ ޔުނިފޯމްއަށް ވަނީ ބަދަލު ގެނެސްފަ އެވެ. އޭގެ ތެރޭގައި ކަސްޓަމްސް ގެ ރަސްމީ ޔުނީފޯމާއި މުދާ ކްލިއާ ކުރުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޔުނީފޯމާއި ކަނޑު އުޅަނދު ފަހަރުގައި މަސައްކަތް ކުރާ އޮފިސަރުންނާއި ސެރެމޯނިއަލް ޔުނީފޯމާއި ސަޕޯޓް ސާވިސް މުވައްޒަފުންނަށް އާ ޔުނިފޯމްގެ އިތުރުން ކަސްޓަމްސްގެ އެކްޓިވިޓީ ޔުނިފޯމް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން އަންހެން މުވައްޒިފުންނާއި ފިރިހެން މުވައްޒިފުންގެ އިތުރުން ބުރުގާ އަޅާ މުވައްޒިފުންނަށް ވެސް ހާއްސަކޮށް ހަދާފައި ހުރި ވަކި ޔުނިފޯމްތަކެއް ވެސް ތައާރަފް ކުރި އެވެ.

ޔުނިފޯމްތަކުގެ ރަސްމީ ކުލައަށް ބަދަލު ގެނެސްފައި ނުވާ ނަމަވެސް ރަސްމީ ޔުނިފޯމްގައި ދަނބު ކުލާގެ ޓައިއެއް އާ ޔުނީފޯމްގައި ހިމެނެ އެވެ. ކަސްޓަމްސް އިން ބުނީ ޔުނިފޯމްތަކަސް ބަދަލު ގެންނަން ނިންމީ ޒަމާނާއެއްގޮތަށް މުއައްޒިފުން ވެސް ޔުނިފޯމް އެޅުމަށް ކަމަށެވެ.