ހަބަރު

ފާރިސްއާ ބައްދަލު ކުރަން ފުރުސަތު ނުދޭތީ ކަންބޮޑުވެއްޖެ

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާ ބައްދަލު ކުރުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނުދޭ ކަމަށް އޭނާގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކީލުން ފާރިސްއާ ބައްދަލު ކުރުމަށް އެދި މިދިޔަ ހަފްތާ އަނގާރަ ދުވަހު ކަރެކްޝަންއަށް ލިޔުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް ފާރިސްއާ ބައްދަލު ކުރުމުގެ ފުރުސަތު ނުދޭ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ފާރިސްއަށް ނުލިބޭ އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއިދު ހޯދަން މަޖިލީހުގެ އެހެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުމަށް އިސްވެ އުޅުނު ކަމަށް ބުނާ މައްސަލާގައި އޭނާގެ މައްޗައް މިހާރު ވަނީ ރިޝްވަތުގެ ދައުވާކޮށްފަ އެވެ.