ހަބަރު

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލިތާ ގިނަ ދުވަސްތަކަކަށް ފަހު މާދަމާއަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފި އެވެ. މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވަނީ އެ އިދާރާގެ ފާހަނާގައި އޮތް ޓިޝޫތަކެއްގައި އަލިފާން ރޯވުމާ ގުޅިގެން މިދިޔަ މަހު 31 ވަނަ ދުވަހުގަ އެވެ.

މަޖިލީހުގައި މާދަމާ އެޖެންޑާކޮށްފައި ވަނީ ސްރީލަންކާގެ ސަފީރު ކަމަށް މުހައްމަދު ހުސެން ޝަރީފް (މުންދު) ހަމަޖެެއްސުމަށް ރައިސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލައައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރު ކަމަށް އަހުމަދު ނަސީރުގެ ނަން ހުށަހެޅުމެވެ. އޭގެ އިތުރުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ރާއްޖެ ބައިވެރިވުމާ ބެހޭ މައްސަލައަށް ދިރާސާ ކުރަން ފޮނުވުން ވެސް މަދަމާ އަށް ވަނީ ތާވަލުކޮށްފަ އެވެ.

ދުވަސްތަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާ އިރު އެންމެ ފަހުން ބޭއްވި ޖަލްސާގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖު ކުރުމާ ގުޅިގެން ވަނީ މަސައްކަތްތައް ކުރިޔަށް ގެންދެވޭ ގޮތް ނުވެފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހުގެ ޖަލްސާތައް ބާއްވަން ފުރުސަތު ދިނުމަށް ޝަރުތުކަތެއް ވެސް ކަނޑައަޅާފަ އެވެ.

ޖަލްސާތައް އަލުން ފަށާއިރު އިދިކޮޅު ފަރާތްތަކުން ވަނީ އެޓާނީ ޖެނަރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް މައްސަލަ ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އެ މައްސަލާގެ ނޯޓިސް ވެސް މެންބަރުންނަށް ފޮނުވާފައެއް ނުވެ އެވެ.