ރައްޔިތުންގެ މަޖިލިސް

މާދަމާގެ ޖަލްސާއަށް ފާރިސް ހާޒިރުކޮށްދޭން އެދިއްޖެ

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހައްޔަރުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހާޒިރުކޮށްދޭން އޭނާގެ ވަކީލް މައުމޫން ހަމީދު ކަރެކްޝަން ސާވިސްގައި އެދިވަޑައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއަށް މައުމޫން ހަމީދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މާދަމާގެ ޖަލްސާއަށް ހާޒިރުވާން ފާރިސް ބޭނުންފުޅުވާތީ، އެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

މީގެކުރިން ވެސް ފާރިސް މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމް ހަމަޖައްސައިދީފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ކަރެކްޝަން އިން ކުރިން ނެރުން ބަޔާނުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރުމަށް އެ މުއައްސަސާއިން އަމަލު ކުރަމުން އަންނަނީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން ގެޒެޓުކޮށްފައިވާ ގަވައިދުގެ ދަށުން ކަމަށެވެ. އަދި 2013 ވަނަ އަހަރު ނުވެމްބަރު މަހު ސުޕްރީމް ކޯޓުން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އާއި 13 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާ ބާތިލުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މާއްދާތަކަށް އަމަލު ނުކުރާނެ ކަމަށް ކަރެކްޝަން އިން ބުންޏެވެ.

އެ މާއްދާތަކުގައި ބުނާ ގޮތުން މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއަކަށް ނުވަތަ ރަސްމީ މަސައްކަތަކަށް ހުރަސް އެޅޭ ގޮތަށް ޝަރުއީ ކޯޓަކުން ނުވަތަ އެހެންވެސް މުއައްސަސާއަކުން މެންބަރުން ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ. އަދި މަގާމުން ދުރު ކުރުމުގެ ނުވަތަ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި މެންބަރަކު ބަންދުކޮށްފައި ހުރި ނަމަ އެ މައްސަލަތަކާ މެދު ގޮތެއް ނިންމުމަށް ބާއްވަ ޖަލްސާއަށް އެ މެންބަރަކު ހާޒިރު ކުރަން ޖެހެ އެވެ. އޭގެ އިތުރުން ކުށެއްގައި އަހަރަކަށް ވުރެ ކުރު ހުކުމެއްގައި މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފައިވާނަމަ ޖަލްސާތަކާއި ކޮމިޓީތަކަށް ހާޒިރުކޮށްދޭން ވެސް ޖެހެ އެވެ.