ރިޕޯޓް

ފްލެޓް އަޅަންވީ މުއްސަދިންނަކަށް ނޫން، އާންމު ރައްޔިތުންނަށް

Aug 22, 2017
28

ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި މީހުން މި ކުޑަ ކުޑަ މާލެ ސިޓީގައި ދިރިއުޅެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އާއިލާގެ ގޮތުންނާއި އުޅޭ ވަޒީފަގެ ގޮތުން ނުވަތަ ކިޔެވުމުގެ ގޮތުން މުޅި ރާއްޖެއިން ގިނަ ބަޔަކު އަބަދުވެސް އޮންނަނީ މާލެ ބަދަލުވާން ޖެހިފަ އެވެ. ނަމަވެސް މިހާރު އެކަމަކީ އާންމު ދިވެއްސަކަށް ކުޅަދާނަވާ ކަމެއް ނޫނެވެ. މާލޭ ގެދޮރުގެ ދަތިކަން އިންތިހާ ދަރަޖައަށް ބޮޑުވެ، ކުޑަ ކޮޓަރިއަކަށް ދައްކަން ޖެހޭ ކުލީގެ އަގުތައް ވެސް އަތް ނުފޯރާ ފަށަށް ވަނީ ގޮސްފަ އެވެ.

އެ ހާލުގައި ވެސް މާލޭގައި ދިރިއުޅެން އޮތީ މަޖުބޫރު ކަމަކަށް ވެފަ އެވެ. ބޯހިޔާވެހި ކަމުގެ މައްސަލަ ހައްލުވާނެ ކަމަށް ކުރާ އުންމީދު އަދިވެސް އޮތީ "ހިޔާލީ ދުނިޔެއެއް"ގަ އޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެއީ ހައުސިންގެ މަޝްރޫއުތަށް ނުހިންގާތީ އެއް ނޫނެވެ. އަދި ފްލެޓުތައް ނާޅަނީކީ އެއް ވެސް ނޫނެވެ. ނަމަވެސް އެ މަޝްރޫއުތަކުން މިހާތަނަށް ވެސް ބޯހިޔާވެހިކަމުގެ ބޮޑު މައްސަލަ ހައްލުވާ ގޮތެއް ނުވާތީ އެވެ. މި މައްސަލަތައް ހައްލުވާނެ ހަރުދަނާ ފިޔަވަޅެއް އަދި އެޅޭތަނެއް ނުފެނެ އެވެ.

ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާފައި އެހަރަ ފްލެޓުތަކަށް ވީ ގޮތުން ފަށަމާ ހިނގާށެވެ؛ އެ ފްލެޓްތައް އަޅަން ފެށިއިރު، ސަރުކާރުން އިއުލާން ކުރީ ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 7000 ރުފިޔާ ކަމަށެވެ. އެއާ އެކު އެތަށް ސަތޭކަ ބަޔަކު ކުރިމަތިލައިގެން 200 އެއްހާ މީހުންނަށް އެތަނުން ފްލެޓު ލިބޭ ގޮތް ހަމަޖެހުނެވެ. އޭގެ ތެރޭގައި މާލޭގައި ވަރަށް ދަތި ހާލުގައި ތިބޭ މީހުން ވެސް ހިމެނުނެވެ. ނަމަވެސް ފަހުވަގުތު އެކަން ނިމިގެން ދިޔައީ ހިތްދަތި ގޮތަކަށެވެ. ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަނަށް ދައްކަން ޖެހުނު ފައިސާގެ އަދަދު ބޮޑުވެގެން ފްލެޓް ގަންނާނެ ލޯނު ލިބި ފްލެޓަށް ވަދެވޭ ވަރުވީ 60 ހަކަށް މީހަކަށެވެ. މިއީ ބޮޑު ފިލާވަޅެއް ލިބިގަންނަން ޖެހޭ މައްސަލަ އެކެވެ.

ސޯޝަލް ހައުސިންގެ ބޮޑެތި މަޝްރޫއުތައް ފަށައިގެން އެތަށް ހާހުން ހައުސިން ޔުނިޓުތައް އެޅިގެން ދިޔުމަކީ ވަރަށް އުފާވެރި ހަބަރެކެވެ. ނަމަވެސް އެ ހަބަރު ލިބުނަސް އެއިން ފްލެޓަކަށް ވަދެވޭނެ ނުވަތަ އަތް ފޯރާނެ ކަމުގެ އުންމީދު ކުރަން ތިބެނީ މަދު ބައެކެވެ. އެއީ ބެންކުން ދައްކަން ޖެހޭ ބޮޑު ލޯނާއި ޑައުން ޕޭމަންޓުގެ ގޮތުގައި ކުރަން ޖެހޭ ހަރަދުތައް ބޮޑު ކަމުންނެވެ. މާލޭގެ ކުދި ކުދި ގެތަކުގައި އުޅެމުން އަންނަ ހަގީގަތުގައި ވެސް ބޯހިޔާވެހި ކަމަށް ބޭނުންވެފައި ތިބޭ ކޮންމެ ބަޔަކަށް ލައްކައިން ރުފިޔާ އެއްކޮށްގެން އެ ފްލެޓްތަކަށް ވަދެވޭނެ ގޮތެއް ނެތެވެ.

ގާކޮށްޓާއި އަރަބިއްޔާ ބިމުގައި އެޅި ފްލެޓުތަކަށް ވެސް ދިމާވީ މިފަދަ މައްސަލައެކެވެ. ދެ މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ހަތަރު ލައްކަ ރުފިޔާ ޑައުންޕޭމަންޓަށް ދައްކަން ސަރުކާރުން ދިނީ އެންމެ ދެ މަސް ދުވަހުގެ މުއްދަތެވެ. އަދި ފްލެޓުތަކަށް ކުރިމަތިލާފައި ތިބި މީހުންގެ މާލީ ހާލަތަށް ބަލައި ފްލެޓު ލިބެނީ މުސާރާގެ ގޮތުގައި 40،000 ލިބޭ ފަރާތްތަކަށް އެކަންޏެވެ. އޭރުން ފްލެޓަށް ބަދަލުވެ ލޯނުގެ ގޮތުގައި މަހަކު 16،000 ރުފިޔާ ދައްކަން ޖެހެ އެވެ.

"ފްލެޓް ހޯދަން ބެންކަށް ލައްކައިން ފައިސާ ދައްކާނީ ކިހިނެތް، މިހާރު ވެސް މާލޭގައި ބޯހިޔާވެހިކަމެއް މި ލިބެނީ އާއިލާގެ ހުރިހާ އެންމެން އެއްކޮށްގެން ކުލި ދައްކައިގެން ދެން ކަރަންޓަށާއި ފެނަށް ހަރަދުކޮށްފަ އަދި އެ ދެމެދު ލައްކައިން ކިހިނެތް ސޭވް ކުރެވޭނީ، ފްލެޓެއް ލިބޭނެ ކަމަށް ވެސް އުންމީދު ކުރަނީ ތަންކޮޅެއް ރަނގަޅު ލުއި ފަސޭހަ ނިޒާމެއް ގާއިމް ކުރެވުނީމަ، އާދައިގެ މީހަކަށް ބޯހިޔާވެހިކަން ހޯދުމުގެ ފުރުސަތު ލިބޭ ފަދަ ގޮތަކަށް ހެދީއާ،" ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން ފްލެޓު ދޫކޮށްލި އާއިލާއެއްގެ މެންބަރަކު ބުންޏެވެ.

މިފަދަ މައްސަލަތަކާ ހެދި ހަގީގަތުގައި އެންމެ އާދައިގެ ދިވެއްސަކަށް އަމާޒުކޮށްގެން އަޅާ ސޯޝަލް ހައުސިންއަށް ހާއްސަ ނިޒާމެއް ގާއިމް ކުރަން ޖެހެ އެވެ. ނުވަތަ ފައިސާ ދެއްކުމުގެ ފަސޭހަ އުސޫލުތަކެއް ތައާރަފްކޮށްދޭން ޖެހެ އެވެ. ހައުސިންގެ ބިޔަ މަޝްރޫއުތަކާއެކު އެ ގެތަކަށް ވަދެވޭނެ ފަހި މަގެއް ވެސް ކޮށާ ދިނުން މުހިންމެވެ.

ދެން އޮތީ އަނެއް ބޮޑު މައްސަލަ އެވެ. އާދައިގެ މީހަކަށް ސޮޝަލް ހައުސިންއަށް ފައިސާ ދައްކަން ވެސް ގޮންޖެހުންތަކެއް ހުރި އިރު އަދިވެސް އިންތިހާއަށް ލަގްޒަރީ ކްލާސްގެ ހައުސިން ޔުނިޓުތައް ދަނީ އިތުރު ކުރަމުންނެވެ. ސޯޝަލް ސެންޓަރުގެ އެއްބައި ނަގައިގެން އަޅަނީ ވެސް ލަގްޒަރީ ފްލެޓުތަކެކެވެ. އަދި ހުޅުމާލޭގައި ވެސް އެކި ކުންފުނިތަކަށް ދޫކޮށްގެން އަޅާ ޕްލެޓިނަމް ފްލެޓުތަކުގެ އަދަދު ވެސް ވަރަށް ގިނަ އެވެ.

ހަގީގަތުގައި ވެސް މަތީ ފެންވަރުގެ ހައުސިން ޔުނިޓުތައް ކޮންމެހެން ވެސް ހުންނަން ޖެހެ އެވެ. ނަމަވެސް ރާއްޖޭގެ ގޮތުންް މިހާތަނަށް ވެސް އެ ގަންނަ ބަޔަކަށް އުޅެނީ އެއްބައެކޭ ބުނެވިދާނެ އެވެ. ބޮޑެތި ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ފަރާތްތަކުގެ އަތުގައި އަޅާ ކޮންމެ ލަގްޒަރީ ފްލެޓަކުން ދެތިން "ގަނެލައި" ގެން އުޅޭ އަޑު ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެ ފްލެޓުތައް އެހެން ފަރާތްތަކަށް ކުއްޔަށް ދީގެން ހުރިހާ މާލީ މަންފާއެއް ދެގުނަ އިތުރަށް ޖައްސާލަ އެވެ. މިއީ ގަބޫލު ކުރަން ދައްޗަސް ހިނގާ ކަންކަމެވެ.

"ގައުމެއްގައި އެކި ކްލާސްތަކުގެ ހައުސިން ޕްރޮޖެކްޓުތަކަކީ ހަމަހަމަޔަށް އޮންނަން ޖެހޭ އެއްޗެއް. އެކަމަކު ރާއްޖެއެކޭ އެއްފަދައިން ގާތްގަނޑަކަށް ހުރިހާ ގައުމުތަކެއްގައި ވެސް އެންމެ ބޮޑު ބޭނުމެއް ޖެހިފައި އޮންނަނީ ސޯޝަލް ހައުސިންތަކަށް، ނުވަތަ ކޮންމެ ސަރުކާރެއްގެ އަމާޒަކަށް ވަނީ ވެސް އެންމެ އާދައިގެ މީހުންނަށް ފަސޭހައިން ބީހިޔާވެހިކަން ފޯރުކޮށްދެވޭނެ ގޮތްގޮތް ހޯދަން، ރާއްޖެއަށް ވެސް މިވަގުތު ބޭނުން ވަނީ އެފަދަ ނިޒާމްތައް ގިނަ ކުރަން، ކުރިޔަށް އޮތްތާ ތާރީހު ނުދެކޭހާ ގިނަ ހައުސިން މަޝްރޫއުތައް ގެންނަން ސަރުކާރުން ރާވާފައިވާ އިރު އެ ހައުސިން މަޝްރޫއުތައް ޖެހޭ އާންމު ފަރުދުންގެ އަތް ފޯރާ ހިސާބަށް ވެސް ގެންނަން، އަދި ކެޕިޓަލް ސިޓީގައި މިވަގުތަށް ހަމަ އިސްކަމެއް ދޭންވީ ސޯޝަލް ހައުސިންގެ މަޝްރޫއުތަކަށް،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، މާލީ ދައިރާގެ ތަޖުރިބާ ކަރަކު "އަވަސް"އަށް ވިދާޅުވި އެވެ.

އޭގެ އިތުރުން މާލޭގައި ހުސްކޮަށް އޮތް 19 ބިމެއް ވިއްކަން ނިންމާ އެ ގަތުމުގެ ފުރުސަތު ވެސް ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ. ބިމުގެ ކޮންމެ އަކަ ފޫޓެއް ވިއްކަނީ 15،000 ރުފިޔާ އަށެވެ. އަދި 5000 އާއި 7000 އާ ދެމެދުގެ އަކަ ފޫޓު ހުންނަ މި ބިންތަކަށް މުޅިއަކު ދައްކަން ޖެހޭނެ ފައިސާގެ އަދަދު ވިސްނާލަބަލާށެވެ. އަދި އޭގެ ތެރެއިން ވެސް ބިންތައް ދެނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.

އެހެންކަމުން އެ ފްލެޓުތައް ގަނެވޭ ފެންވަރުގެ ކިހާ ދިވެހިންނެއް އުޅޭނެތޯ ވިސްނާލަން ޖެހެ އެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އެތަންތަނުގައި ފްލެޓު އެޅުން ނޫންތޯ އެވެ. އެ ނޫންނަމަ އަނެއްކާ ހުރިހާ މަންފާތައް ލިބޭނީ ހަމައެކަނި ބޮޑެތި މަހުޖަނުންނަށެވެ. ރާއްޖެއަށް މިވަގުތު އެންމެ މުހިންމީ، ބޮޑެތި ވިޔަފާރިވެރިންނާއި އިސް ފަރާތްތަކުގެ ޖީބަށް ބަރު ކުރުން ހެއްޔެވެ؟ ނުވަތަ ބޯހިޔާވެހިކަމުގެ މި ބޮޑު މައްސަލައަށް ހައްލެއް ގެނެސް، ބޭނުން ޖެހިފައި ތިބި އެތަށް ބައެއްގެ ދިރިއުޅުން ފަސޭހަކޮށްދިނުން ހެއްޔެވެ؟

މި މައްސަލަތަކުގެ ވާހަކަދައްކާއިރު މުޅިން ވެސް ހުރީ ގޯސްކަންތަކެއް ނޫނެވެ. ބޯހިޔާވެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ހުޅުމާލޭގައި އަޅާ 15،000 ހައުސިން ޔުނިޓުތަކާއި އެހެން ފްލެޓުތަކުގެ ވާހަކަ އެއްފަރާތްކޮށްލި ނަމަވެސް އުސޫލުތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނަ އެވެ. އެގޮތުން އަލާށް ފްލެޓު ގަންނަ ފަރާތްތައް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް މަޖިލީހުގެ ތެރެއިން އިސްލާހު ގެނެސް އެއަށް މިހާރު ދަނީ އަމަލު ކުރަމުންނެވެ. އޭގެ އިތުރުން ޕެންޝަން ސްކީމްގައި ހުރި ފައިސާއިން ވެސް ގެދޮރު ގަނެވޭ ގޮތަކަށް ހެދުމާއި ގެދޮރުވެރިކަމުގެ ލުއި ލޯނުތަކެއް ތާރަފްކޮށް ފަސޭހަ ގޮތްކެއް މަގުފަހިކޮށްދިނުމަށް މަސައްކަތް ކުރެ އެވެ. ނަމަވެސް އެކަށީގެންވާ ނަތީޖައެއް ނުނެރެވުމަކީ މައްސަލައެކެވެ. އަދި މިއީ ވަރަށް އަވަހަށް ހައްލު ކުރަން ޖެހޭ ސީރިޔަސް މައްސަލަ އެކެވެ.