ބޮލީވުޑް

"ޕަދްމާވަތީ" އާ ހެދި ދިޕިކާ އަށް ހޮލީވުޑް ފިލްމެއް ގެއްލިއްޖެ

Aug 23, 2017
1

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދިޕިކާ ޕަދުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު، "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" އަށް ފަހު އޭނާ އަށް އަންނަނީ ގިނަ ހޮލީވުޑް ފިލްމުތަކަކުން ފުރުސަތު ލިބެމުންނެވެ.

ނަމަވެސް އޭނާ މިހާރު ކުޅެމުން އަންނަ ހިންދީ ފިލްމު "ޕަދްމާވަތީ" ގެ ޝޫޓިން ނުނިމި ދިގުލައިގެން ގޮސްފައިވާތީ ހޮލީވުޑްގެ ފިލްމަކުން ލިބުނު ފުރުސަތެއް ވަނީ ގެއްލިފަ އެވެ.

ދެވަނަ ހޮލީވުޑް ފިލްމަކުން ފުރުސަތު ލިބި، ދޫކޮށްލަން ޖެހުނީ ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައި އޮތް "ޕަދްމާވަތީ" ގެ ޝޫޓިން އަދިވެސް ނުނިމޭތީ ކަމަށް ހަބަރުތައް ބުނެ އެވެ.

ދިޕިކާގެ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ހަބަރުތައް ބުނާގޮތުން އޭނާ އަށް ހުށަހެޅުން ލިބުނީ ލޯބީގެ ފިލްމެއް ކުޅޭށެވެ. މި މަހުގެ ތެރޭގައި އެ ފިލްމުގެ ތަރިން ޓްރެއިނިންތައް ހަދަން ފެށުމަށް ހަމަޖެހިފައިވާއިރު "ޕަދްމާވަތީ" ގެ ޝޫޓިންގެ ނުނިމޭތީ ދިޕިކާ އަށް އެ ފިލްމަށް ވަގުތު ދެވެން ނެތުމުން އެ ފިލްމު ދޫކޮށްލާފައިވާ ކަމަށެވެ.

ހޮލީވުޑް ފިލްމު ދޫކޮށްލަން ޖެހުނަސް ދިޕިކާ އެއްވެސް ވަރަކަށް ދެރަވެ، ހާހެއް ނުވެ އެވެ. ސަބަބަކީ "ޕަދްމާވަތީ" އާ މެދު އޭނާ އަށް އޮތް އިތުބާރު ބޮޑު ކަމުންނެވެ.

ސަންޖޭ ލީލާ ބަންސާލީ ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ "ޕަދްމާވަތީ" ގައި ދިޕިކާ އާއެކު ލީޑްރޯލުން ފެނިގެންދާނީ ލޯބިވެރިޔާ ރަންވީރު ސިންގް އާއި މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރެވެ.

މި ފިލްމުގެ އިތުރުން ދިޕިކާ ވަނީ އިންޑިއާގެ ނުރައްކާތެރި ގޭންގްސްޓާރެއް ކަމަށްވާ ސަޕްނާ ދީދީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ކުޅެން ވެސް ނިންމާފަ އެވެ. އެ ފިލްމުގައި ދިޕިކާ އާއެކު ފެނިގެންދާނީ "ޕީކޫ" ގައި އޭނާ އާއެކު ފެނިގެންދިޔަ ތަރި އިރްފާން ޚާން އެވެ.

ދިޕިކާ އާ އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވަނީ މިހާރު އޭނާގެ ދެވަނަ ހޮލީވުޑް ފިލްމުގެ ޝޫޓިން ވެސް ނިންމާލާފަ އެވެ. "ކުއަންޓިކޯ" ގެ ތިން ވަނަ ސީޒަންގެ ޝޫޓިން ވެސް ކުރިއަށް ކުޅެން ހަމަޖެހިފައި އޮތް އިރު، ތިން ވަނަ ހޮލީވުޑްގެ ފިލްމު ވެސް ވަރަށް އަވަހަށް ޕްރިޔަންކާ ފަށާނެ އެވެ.