ހަބަރު

ރައީސްގެ ކުރުކުރު ތަގުރީރުން ކުދިން ހެއްވާލައިފި!

ރައީސް އަބްދުﷲ ޔާމިންއަކީ އާންމުކޮށް ވަރަށް ދިގުކޮށް ތަގުރީރު ދެއްވާ ބޭފުޅެކެވެ. އެހެން ނަމަވެސް މާލޭގެ އެންމެ ބޮޑު ޕާކު ކަމުގައިވާ ސަލްޓަން ޕާކު ގިނަ ބަދަލުތައް ގެނެސް ތަރައްގީ ކުރުމަށް ފަހު "ރަސްރަނި ބަގީޗާ"ގެ ނަމުގައި ހުޅުވުމަށްފަހު އެ ރަސްމިއްޔާތުގައި ރައީސް މިވަނީ ކުޑަކުދިންނަށް ހާއްސަކޮށް ތަގުރީރެއް ކުރައްވާފަ އެވެ. އެ ތަގުރީރަކީ ރައީސްގެ އެހެން ތަގުރީރު ތަކާއި ބަލާއިރު ވަރަށް ކުރު ތަގުރީރެކެވެ.

ރައީސް ވިދާޅުވީ އެ ޕާކަކީ ސަރުކާރުގެ ފަރާތުން ދިވެހި ކުޑަކުދިން އުފާކުރާނެ ތަނެއް ހޯދައިދިނުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށެވެ. އަދި އިންޓްރޭކްޓިވް އެޑިއުކޭޝަން އެތަނުން ލިބޭނެ ކަމަށެވެ.

އެ ޕާކުގައި މަޖާކޮށްލާ ކުޅެލުމުގެ އިތުރުން ކުދިންނަށް ފަންނީ މަސައްކަތްތައް ކޮށް، ތައުލީމް އުނގެނެވި ރާއްޖޭގެ ތާރީހަށްވެސް ކޮންމެވެސް ވަރަކަށް ދަތުރުކުރެވޭ ކަހަަލަ ޕާކެކެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގެ ކުދިންނާ ހިލާފަށް ދިވެހި ކުދިންނަކީ ފިނި މޫސުން ތަޖުރިބާ ކޮށްލަން ނުލިބޭ ކުދިން ނަމަވެސް މި އަހަރު އެކުދިންނަށް އެފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މި އަހަރުގެ ޑިސެމްބަރު މަހު އެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

ރައީސް ވަނީ ރާއްޖޭގައި ކުރިން ވެރިކަން ކުރި ރަސްކަލުންނާއި ރަނިކަނބަލުން ތިއްބެވި ވާހަކަ ކުދިންނަށް ބުނެދީ ކުދިންނަށް ގަބޫލުކުރަން ފަސޭހަވާނެ ގޮތަކަށް ގެނެސްދެއްވާފަ އެވެ. ރަސްރަނި ބަގީޗާ ހަދާފައިވާ ބިމަކީ ރާއްޖޭގެ އެންމެ މުގައްދަސް އެއް ބިން ކަމަށާއި އެންމެ ވަރުގަދަ ބިނާތައް ހުރި ބިން ކަމަށް ބުނެދެއްވާފަ އެވެ. އަދި އެތަނަކީ ދިވެހި ރަސްކަލުންނާއި ރަނިކަނބަލުން ވެރިކަން ކުރައްވަން އުޅުއްވި ސަރަހައްދު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ ރަސްމިއްޔާތަށް އައިސް ތިބި ކުދިންނަށް އެޕާކަށް އައިސް ރައްޓެހި ކުދިންނާ އެކީ ކުޅެލާ މަޖާކޮށްލަން އެ ޕާކަށް އަންނަން ދައުވަތު ދީފަ އެވެ. އެ ޕާކަކީ ކުދިންނަށް އެންމެ ރައްކާތެރި ތަނެއްކަމަށް ވާނެ ކަމުގެ ޔަގީންކަން ބެލެނިވެރިންނަށް އަރުވާފަ އެވެ.

"މިތަނަށް އައިސް މައިންބަފައިން ކުޑަކުދިން ދޫކޮށްލެއްވިއްޔާ ވަރަށް ރަނގަޅު، ދެން ގައިޑުކޮށްލަދޭން ޓީޗަރުންގެ ތެރެއިން ނުވަތަ ބެލެނިވެރިންގެ ތެރެއިން ކޮންމެވެސް ވަރަކަށް ބޭފުޅުންކޮޅެއް އުޅުއްވީމަ ރަނގަޅުވާނެ، މިތަން ބެލެހެއްޓުމުގެ ކަންކަން ހިނގާނެ، އަޅުގަނޑު ބޭނުންވަނީ ކުދިންގެ އިހުސާސްތައް ވަރަށް މިނިވަންކަމާއެކީ ނުކުމެ އެކުދިން އެކުދިންގެ ހަރަކާތްތަކުން ދައްކުވައިދޭނެ ވަރަށް މަޖާ އަދި ސަލާމަތް އޮތްތަނަކަށް ވެެގެން ދިއުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަސްރަނި ޕާކު ހިމެނޭ ސަރަހައްދުގައި ދުއްވާ އެއްޗެހި ނުދުއްވާނެ ކަމަށާއި އެ ސަރަހައްދަކީ ހިނގާފައި އުޅޭ ސަރަހައްދެއް ކަމަށެވެ. އެތަނަށް ގެއްލުން ނުދީ އެތަނުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް އަދި ގޯސް އަމަލުތައް އެތަނުގައި ނުކުރުމަށް ހުރިހާ ފަރާތްތަކަށް ރައީސް އިލްތިމާސްކުރެއްވި އެވެ.