ހަބަރު

އަންނަން އުޅޭ ގަވަރުނަރު އެނގެނީ ކިހާވަރަކަށް؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމުގައި އެތައް ހިދުމަތްތަކެއް ކުރެއްވުމަށްފަހު އަޒީމާ އާދަމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެމްއެމްއޭއަށް އާ ގަވަރުނަރެއް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހަށް މިހާރު ރައީސް އަބްދުﷲ ޔާމީން ވަނީ އެ މަގާމަށް ނަމެއް ފޮނުވާފަ އެވެ. އެއީ، އަހުމަދު ނަސީރެވެ.

އަލަށް ގެންނަން މިއުޅޭ ގަވަރުނަރާ ގުޅޭ ގޮތުން އެނގެނީ ކިހާ މައުލޫމާތެއް ހެއްޔެވެ؟ ކ. މާފުއްޓަށް އުފަން އަހުމަދު ނަސީރަކީ ރާއްޖޭގެ ގެސްޓްހައުސްގެ ވިޔަފާރީގެ ފެށުން ގޮތުގައި ފާހަގަކޮށްލެވޭ ނަމެވެ. މާފުށީ އެންމެ ފުރަތަމަ ގެސްޓްހައުސްއެއް ހުޅުވައި ހިނގަން ފެށީ ނަސީރެވެ. އެ ގެސްޓްހައުސްއަކީ މީހުން ދިރިއުޅޭ ރަށެއްގައި ހުޅުވި ފުރަތަމަ ގެސްޓްހައުސްއަށްވާއިރު ގެސްޓްހައުސް ޕޮލިސީ ރާއްޖޭގައި ތަންފީޒުކުރުމަށް ވެސް ނަސީރުގެ އިސް ދައުރެއް އޮތެވެ.

އަހުމަދު ނަސީރަކީ އެމެރިކާއިން ޕޮލިސީ އެކޮނޮމިކްސްއިން މާސްޓާސް ނަންގަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިކޮނޮމިކްސް އެންޑް މާކެޓިންއިން ބެޗްލާސް ވެސް ހާސިލުކޮށްފަ އެވެ.

މިހާތަނަށް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ އަހުމަދު ނަސީރު މިހާރު ހުންނެވީ، ވޯލްޑް ބޭންކްގެ ޕްރޮޖެކްޓެއް ކަމަށްވާ ޕަބްލިކް ފިނޭންސް މެނޭޖްމެންޓް (ޕީއެފްއެމް)ގެ ޕްރޮޖެކްޓް ޑިރެކްޓަރުގެ މަގާމަގަ އެވެ. އޭގެއިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިތީ (ސީއެމްޑީއޭ)ގެ ޗެއާމަން ކަން ވެސް ދަނީ ކުރައްވަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަސީރު ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. ނަމަވެސް އޭރު ވެސް އެއީ ސިޔާސީ ބޭފުޅެއް ނޫނެވެ. އެ މަގާމު ފުރުއްވިއިރު ވެސް އޭނާ ހުންނެވީ އެއްވެސް ޕާޓީއަކަށް ސޮއިކުރައްވާފައެއް ނޫނެވެ. އެ މަގާމުގައި ހުންނަވާ ރާއްޖޭގެ ޓެކްސްއާ ބެހޭ އޮނިގަނޑު ވަނީ އެކުލަވާފަ އެވެ. ރާއްޖެއަށް އައި އެ ބޮޑު ބަދަލުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ނަސީރެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ނަސީރުގެ ނަން ފޮނުވާފައިވާއިރު އޭނާއަކީ އެމްއެމްއޭގައި އިސް ދެ މަގާމެއް މީގެކުރިން ފުރުއްވި ބޭފުޅެކެވެ. އެގޮތުން އެމްއެމްއޭގެ ޑެޕިއުޓީ މެނޭޖަރުކަން 2008 ން 2010 ވަނަ އަހަރަށް އަދާކުރެއްވި އެވެ. މެނޭޖަރުކަން 2010 ން 2011 ވަނަ އަހަރަށް ކުރެއްވި އެވެ.

އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގަ މަސައްކަތް ކުރައްވާފައިވާ ނަސީރަކީ މަނިޓަރީ ޕޮލިސީ އަދި ފިސްކަލް ޕޮލިސާތަކަށް ފަރިތަ ބޭފުޅެކެވެ. އަދި ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނަށް ފަރިތަވެސް ބޭފުޅެކެވެ.