ކުޅިވަރު

އަނިޔާއިން ސަލާމަށްވެ، އިބްރަހިމްއޮވިޗް އަލުން ޔުނައިޓެޑަށް ސޮއިކުރަނީ

ޔޫރަޕާ ލީގުގައި ބެލްޖިއަމްގެ ކްލަބް އަނޑަލެކްޓްއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލުގެ ލިގަމެންޓްއަށް ލިބުނު އަނިޔާއަށްފަހު ގިނަ ބަޔަކު ގަބޫލު ކުރި ގޮތުގައި އުމުރުން 35 އަހަރުގެ އިބްރަހިމްއޮވިޗްގެ ކެރިޔަރު ނިމުމަކަށް އައީ އެވެ. ނަމަވެސް ކަކުލުގެ އޭސީއެލްއަށް ލިބުނު އަނިޔާއިން
ހަތަރު މަސްދުވަސް ތެރޭގައި ސަލާމަތްވެ އިބަރަހިމްއޮވިޗް މިވަނީ މިހާރު ޔުނައިޓެޑާއެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުމަށް ތައްޔާރު ވެފަ އެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ޕިޓްސްބާގެ ސްކޫލް އޮފް މެޑިސިންގައި އިބޮރަހިމްއޮވިޗްގެ ކަކުލުގެ އޮޕަރޭޝަން ކުރި ޑޮކްޓަރު ފްރެޑީ ފޫ ބުނިގޮތުގައި އެފަދަ ވަރުގަދަ ކަކުލެއް ދުވަހަކުވެސް އޭނާ ނުދެކެއެވެ. އިބްރާހިމްއޮވޮޗްއަށް ލިބުނު ފަދަ ކަކުލުގެ އަނިޔާތަކަށް އާމުކޮށް ކަކުލުގެ ދެ އޮޕަރޭސަން ކުރަންޖެހެއެވެ. ނަމަވެސް އިބަރަހިމްއޮވިޗް ކޮށްފައިވަނީ އެންމެ އޮޕަރޭޝަނެކެވެ. މިފަދަ އޮޕަރޭޝަނަކަށްފަހު އާމުގޮތެއްގައި އެންބުރި ކުޅުމުގެ ތެރެޔަށް އާދެވެނީ އާމުގޮތެއްގައި 9-7 މަހުގެ މުއްދަތެއްގެ ތެރޭގައެވެ. ނަމަވެސް އިބްރަހިމްއޮވިޗް މިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި ކުޅުމުގެ ތެރެޔަށް އެންބުރި އައުމަށް ތައްޔާރު ވެފަ އެވެ.

މިއަހަރުގެ ޖޫންމަހު އިބްރަހިމްއޮވިޗްގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުން ޔުނައިޓެޑުން ވަނީ އޭނާއަށް އާ ކޮންޓްރެކްޓެއް ނުދިނުމަށް ނިންމާފައެވެ. ޔުނައިޓެޑާއެކު ކޮންޓްރެކްޓުގައި ނެތް ނަމަވެސް އިބްރަހިމްއޮވިޗް އޭނާގެ ރީހެބިލިޓޭޝަން ކުރިޔަށް ގެންގޮސްފައިވަނީ ޔުނައިޓެޑްގެ ކެރިންގަޓަން ޓްރެއިނިން ގްރައުންޑްގަ އެވެ.

ޔުނައިޓެޑްގެ ބޯޑާއި ކޯޗިން ސްޓާފުންގެ ތެރޭގައި އިބްރަހިމްއޮވިޗްއަށް އެނބުރި ކުޅުމުގެ ތެރެޔަށް އާދެވިދާނެ ކަމާމެދު ސުވާލުތަކެއް އުފެއްދި ނަމަވެސް މޮރީނިޔޯއަށް އިބްރަހިމްއޮވިޗް އެންބުރި އަންނާނެ ކަމާމެދު ފުރިހަމަ ޔަގީންކަމެއް އަބަދުވެސް އޮތްކަމަށް އިންގިރޭސި މީޑިޔާ ރިޕޯޓުތަށް އޭރު ވެސް އައީ ބުނަމުންނެވެ. އިބްރަހިމްއޮވިޗް އިންޖަރީގައި ހުރިއިރު ވެސް އޭނާ އަލުން ޔުނައިޓެޑަށް އައުމަށް ދޮރު ހުޅުވިފައި ވާކަން މޮރީނިޔޯ ވަނީ އެތަށް ފަހަރެއްގެ މަތިން ހާމަ ކޮށްފަ އެވެ.

އިބްރަހިމްއޮވިޗް ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް 28 ގޯލު ކާމިޔާބު ކޮށްދީފައެވެ. މީގެތެރެއިން 17 ގޯލަކީ އޭނާ ޕްރިމިޔާ ލީގުގައި ކާމިޔާބުކޮށްދި ގޯލެވެ. ރިޕޯތުތަށް ބުނާގޮތުގައި އިބްރަހިމްއޮވިޗް އަލަށް ސޮއިކުރާ އިރު ލިބިގެންދާނީ މިދިޔަ ސީޒަނިގައި ލިބުނު މުސާރައަށްވުރެ ކުޑަ މުސާރައެކެވެ. އޭނާގެ މިދިޔަ ސީޒަންގެ މުސާރައަކީ 367,640 ޕައުންޑެވެ. ކުރިޔަށްއޮތް ދިހަ ދުވަހުގެ ތެރޭގައި އިބްރަހިމްއޮވިޗް އާ ކޮންޓްރެކްޓެއްގައި ސޮއި ކުރާނެކަމަށް ބެލެވެއެވެ.