ހަބަރު

ފެނަކައިން ޝަރޫއަށް ދިން ފައިސާ އަނބުރާ ދައްކަން ހުކުމްކޮށްފި

ޑޮލަރު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން ޝަރޫ ލޯންޗް ސާވިސްއަށް ދޫކުރި 17 މިލިޔަން ރުފިޔާ، ފެނަކައަށް އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް މިއަދު ހުކުމް ކޮށްފިއެވެ.

ފެނަކައިން ޝަރޫ ލޯންޗު އަތުން 17 މިލިއަން ރުފިޔާ ހޯދުމަށް ދުއުވާކުރީ، އެއް މިލިއަން ޑޮލަރު ގަތުމަށް ފެނަކަ ކޯޕަރޭޝަންއިން ޝަރޫ ލޯންޗް ސާވިސްއަށް 17 މިލިއަން ރުފިޔާ ހަވާލުކުރިއިރު، ފެނަކައަށް ޑޮލަރު ގަންނަން ޝަރޫއަށް ފައިސާ ދިނުމުން ދިން ޑޮލަރު ޗެކްތައް ވަނީ ބައުންސްވެފައިވާތީ އެވެ.

މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެ 17 މިލިއަން ރުފިޔާއަކީ ޝަރޫ ލޯންޗު ކުންފުނިން ފެނަކައަށް ދޭންޖެހޭ ފައިސާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން ހަތަރު މަހަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.

ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތް ކުރެވޭނީ އެމްއެމްއޭ އިން އެކަން ކުރުމުގެ ލައިސެންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެމްއެމްއޭގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުން، ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ދީފައި ވަނީ 471 ކުންފުންޏަށް ކަމަށްވާ އިރު، އެ ކުންފުނިތަކުގެ ތެރޭގައި ޝަރޫ ލޯންޗް ސާވިސް އެއް ނުހިމެނެ އެވެ.