ރިޕޯޓް

ސަރުކާރަށް އެންމެ 28؟!

Aug 23, 2017
13

ރައްޔިތުން މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް، އިހުތިޖާޖު ކުރަމުން ދަނިކޮށް މިއަދު މިވަނީ މަޖިލީހުގެ ޖަލްސާ ބާއްވާ ވޯޓާ ހަމަޔަށް ގޮސްފަ އެވެ. އިދިކޮޅާ ގުޅިވަޑައިގަތް ގިނަ މެންބަރުންތަކެއްގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅުމާއި އިދިކޮޅު ބައެއް މެންބަރުން ފުލުހުން ބަންދުކޮށްފައިވާތީ މެޖޯރިޓީ އޮތީ ކޮން ފަޅިއެއްގައިކަން މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މަޖިލީހުގެ ޖަލްސަތައް އަލުން ފެށުމާއެކު ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވަނީ ޓްވިޓާގައި މެޖޯރިޓީ އޮތް ފަޅި ދައްކާލާ، ހިސާބުތަކެއް އާންމުކޮށްފަ އެވެ. ނިހާން ކުރި ޓްވީޓުގައި ބުނެފައި ވަނީ ޕީޕީއެމްގައި 43 މެންބަރުންނާއި އެމްޑީއޭގައި ފަސް މެންބަރުން ތިބޭ ކަމަށެވެ. އަދި އެމްޑީޕީގައި 21 މެންބަރުންނާ، ޖުމްހޫރީ ޕާޓީގައި ހަތް މެންބަރުންނާ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރުންނާއި އަދާލަތު ޕާޓީގައި މެންބަރެއް ހިމެނޭނެ ކަމަށެވެ.

އެހެންކަމުން ނިހާންގެ ހިސާބުތަކުން މަޖިލީހުގައި ނަގާ ވޯޓެއްގައި ސަރުކާރަށް 49 ވޯޓު ލިބޭނެ އެވެ. އަދި އިދިކޮޅު ފަރާތްތަކަށް ލިބޭނީ 30 ވޯޓެވެ.

ނަމަވެސް ލަންކާ ސަފީރު ކަމަށް މުހައްމަދު ހުސެން ޝަރީފް (މުންދު) އައްޔަން ކުރަން މިއަދު ނެގި ވޯޓުގެ ނަތީޖާ ނިކުތީ އެއާ މުޅިން ހިލާފަށެވެ. ސަރުކާރު ފަޅިއަށް ވޯޓު ދެއްވީ އެންމެ 28 މެންބަރުންނެވެ. މީގެ ކުރިން މަޖިލީހުގައި ނަގާ ވޯޓުތަކުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަންއިން ވޯޓު ދޭ މެންބަރުންގެ އަދަދު 40 އަށް ވުރެ މަދެއް ނުވެ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން މަޖިލީސް މެދުކަނޑާލާފައި އޮތުމަށް ފަހު މިއަދުގެ ބޭއްވި ވޯޓުގައި ނަތީޖާ މުޅިން ވަނީ އަނެއް ކޮޅަށް އެނބުރިފަ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ސަރުކާރަށް 28 ވޯޓު ލިބުނީ ބައެއް މެންބަރުން ރާއްޖެއިން ބޭރުގައި އުޅުއްވާތީއާ އަދި އިތުރު 10 މެންބަރުން ރާއްޖެ ތެރޭ ރަށްތަކުގައި މިވަގުތު ހުރުމުން ކަމަށެވެ. އަދި ވޯޓު ނެގުން އޮންނާނީ މާދަމާ ކަމަށް އެ މެންބަރުންނަށް ކުރިން އަނގާފައި އޮތުމުން މިއަދުގެ ޖަލްސާއަށް ވަޑައިނުގަނެވުނީ ކަމަށާއި ނަމަވެސް މެޖޯރިޓީ އޮތީ އަދިވެސް ސަރުކާރު ފަޅީގައި ކަަމަށް ނިހާން ވިދާޅުވި އެވެ.

"އިދިކޮޅު މެންބަރުންނަށް މަޖިލީހުގައި ހިނގި ވޯޓުގައި ބައިވެރިވެވަޑައިގެން ނަމަ ހަމަ ފަހަރެއްގާ ލިބުނީސް ފެއިލްކޮށްލުމުގެ ފުރުސަތު. އެއީ އިހުތިޖާޖު ކުރަން އެހާ މެންބަރުން ތިބި، ނަމަވެސް ރަތް ބަޓަނަށް ފިތާލުމުގެ ބަދަލުގައި އެ މެންބަރުން އިހުތިޔާރު ކުރީ ހަޅުތާލު ކުރަން، އެހެންވެ އެ ފުރުސަތު ވެސް އެ ގެއްލުނީ ޗާންސް، އެހެންވެ ސަރުކާރަށް މިއަދު ވަނީ 100 ޕަސަންޓުން ވޯޓު ކާމިޔަބު ކުރެވިފައި،" ނިހާން ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި އެ މެންބަރުން ވޯޓުގައި ބައިވެރިނުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވައިގެން ކުރިޔަށް ދާ ޖަލްސާތައް ސައްހަ ކަމަކަށް ގަބޫލު ނުކުރާތީ ކަމަށެވެ. އެހެންކަމުން ނަގާ އެއްވެސް ވޯޓެއްގައި ބައިވެރި ނުވާނެ ކަމަށާއި ބައިވެރިވެއްޖެ ނަމަ ވޯޓު ކާމިޔާބު ވާނެކަން މިއަދު ސާބިތުވެފައިވާ ކަމަށެވެ. އަދި ސަރުކާރަށް މަޖިލީހުގެ އޮތް ތާއީދު ކުޑަ ތާއީދު ހާމަވެފައިވާ ކަމަށް ވެސް އިދިކޮޅު މެންބަރުން އަންނަނީ ބުނަމުން އެވެ.