ވިޔަފާރި

އެއްބާރުލުން ނުލިބޭތީ ނައިޓް މާކެޓު ކެންސަލްކޮށްފި

  • ނައިޓް މާކެޓު ބާއްވަން އޮތީ ނޮވެމްބަރު މަހު
  • ނައިޓް މާކެޓަށް މިހާތަނަށް މޭޒެއް ނުވިއްކާ
  • ދެން މާކެޓު އޮންނާނީ އަންނަ އަހަރު

ހައުސިން މިނިސްޓްރީން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ، މި އަހަރުގެ ނައިޓް މާކެޓު ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ކެންސަލްކޮށްފި އެވެ.

ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު "އަވަސް" އަށް ވިދާޅުވީ ނައިޓް މާކެޓު ބާއްވަން ހުއްދަ ދިންނަމަވެސް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާ އެހެންވެ މި އަހަރުގެ ނައިޓް މާކެޓު ނުބޭއްވޭނެ ކަމަށެވެ.

"މިނިސްޓްރީން ހުއްދަ ދީފައިވަނީ. އެކަމަކު މިނިސްޓްރީން ނައިޓް މާކެޓު ކަންތަކުގައި އަންޔަން ކުރައްވާފައި ހުންނަވާ ބޭފުޅާ އެއްވެސް އެއްބާރުލުމެއް ނުލިބޭ. އެހެންވެ މި އަހަރުގެ ނައިޓް މާކެޓު ބޭއްވެން ނެތުމުން ކެންސަލް ކުރީ،" އާސިފު ވިދާޅުވި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ އިން މި އަހަރުގެ ނައިޓް މާކެޓު ބާއްވަން ރާވާފައިވަނީ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އަދި ނައިޓް މާކެޓު ބޭއްވުމުގެ ގޮތުން މޭޒު ވިއްކާނެ އަގުތައް ވެސް އެ ޖަމިއްޔާ އިން ވަނީ އިއުލާނުކޮށްފަ އެވެ.

އާސިފު ވިދާޅުވީ މޭޒު ވިއްކާގެ އަގުތައް އިއުލާނުކޮށް، މޭޒު ބުކްކުރަން ހުޅުވައިލިނަމަވެސް އެއްވެސް ފަރާތެއްގެ އަތުން މިހާތަނަށް ފައިސާ ނަގާފައި ނުވާނެ ކަމަށެވެ.

"ނައިޓް މާކެޓު މިހާރު ކެންސަލް ކުރީ އެކަން ނުވާނެ ކަމަށް ބަލާފަ. ފަހުން ކެންސަލް ކުރަން ޖެހިއްްޖެނަމަ މީހުންގެ އަތުން ހުންނާނީ ފައިސާވެސް ނެގިފައި. އެހެންވެއްޖެނަމަ މީހުންނަށްވެސް ގެއްލުންވާނެ،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެން ނައިޓް މާކެޓު ބާއްވާނީ އަންނަ އަހަރު ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އެއްބާރުލުން ނުލިބިގެން ނައިޓް މާކެޓު ކެންސަލްކުރި ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުނިނަމަވެސް، މިކަމުގައި ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް މިހާތަނަށް ވަނީ ނުވެފަ އެވެ.