ކުޅިވަރު

ސެވިއްޔާ، ނަޕޯލީ އަދި ސެލްޓިކް ޗެމްޕިއަންސް ލީގަށް

Aug 23, 2017

ދެ ވަނަ ލެގް މެޗުތަކުން، ސްޕެއިންގެ ސެވިއްޔާ އާއި އިޓަލީގެ ނަޕޯލީ އަދި ސްކޮޓްލޭންޑްގެ ސެލްޓިކް ޔޫއެފްއާ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.

ޔޫރޮޕާ ލީގްގެ އެންމެ ކާމިޔަބު ޓީމު، ސެވިއްޔާ އަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބުނީ ހަމަ ކިރިޔާ އެވެ. ތުރުކީގެ އިސްތަންބޫލްގެ ބަޝަކްޝިއާ ދެކޮޅަށް ރޭ ސެވިއްޔާ ކުޅުނު މެޗު ނިމުނީ 2-2 ން އެއްވަރު ވެގެން ނެވެ. ސެވިއްޔާ ޗެމްޕިއަންސް ލީގުން ޖާގަ ލިބުނީ، ރަށުން ބޭރުގައި އެޓީމު 2-1 މޮޅުވެފައި ވުމުން، 4-3 ގެ އެގްރިގޭޓް ނަތީޖާއިން ނެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ ބަޝަކްޝިއާ އިން ނެވެ. އެ ލަނޑު ކާމިޔާބު ކުރި މެޗުގެ 17 ވަނަ މިނެޓްގައި އެލްޖޭރޯ އޭލިއާ އެވެ. މެޗުގެ 52 ވަނަ މިނެޓްގައި، ސެވިއްޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ސާޖިއޯ އެސްކްޑޭރޯ ޕަލޯމޯ އެވެ. އެ ޓީމަށް ލީޑް ނަގައިދިނީ، މެޗުގެ 75 ވަނަ މިނެޓްގައި ވިސާމް ބެން ޔާދެރު އެވެ. ބަޝަކްޝިއާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑެން ވިޝްކާ އެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗް ބްރެންޑެން ރޮޖާސް، ކޯޗް ކޮށް ދެމުން ގެންދާ، ސެލްޓިކް، ކަޒަކިސްތާންގެ އަސްޓާނާ އަތުން ރޭ ބަލިވީ 4-3 ން ނެވެ. މެޗުން ބަލިވިޔަސް،، ސެލްޓިކް ޗެމްޕިއަންސް ލީގުން ޖާގަ ހޯދީ، އެގްރިގޭޓް ނަތީޖާ 8-4 ން ކުރި ލިބުމުން ނެވެ. ފުރަތަމަ ލެގް މެޗު ސެލްޓިކް ކާމިޔާބު ކުރީ 5-0 ބޮޑު ނަތީޖާ އަކުން ނެވެ.

ރޭގެ މެޗުގައި އަސްޓާނާއިން ލީޑް ނެގި ލަނޑަކީ، ސެލްޓިކްގެ ކްރިސްޓޮފެރު އާޔޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސެލްޓިކަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކުރިން، ޗެލްސީ އާއި މެންޗެސްޓާ ސިޓީއަށް ކުޅުނު ފޯވަޑް ސްކޮޓް ސިންކްލެއާ އެވެ. ފުރަތަމަ ހާފު 1-1 ން އެއްވަރުވުގެން ނިމުނު ނަމަވެސް، ދެ ވަނަ ހާފު، އަސްޓާނާއިން ފެށީވެސް ގޯލަކުން ނެވެ. އެގޮތުން، ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި އެ ޓީމަށް އަލުން ލީޑް ނަގައިދިނީ، ސްރުކިޒާން މުޒިކޯވް އެވެ. އޭގެ އެއް މިނެޓް ފަހުން، ޕެޓްރިކް ޓިއުމެސީ ވަނީ ލީޑް ފުޅާ ކޮށްދީފަ އެވެ. އަދި 69 ވަނަ މިނެޓްގައި ވެސް އޭނަ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް ނަތީޖާ ފަރަގު ބޮޑު ކޮށްދީފަ އެވެ.

ސެލްޓިކުން ނަތީޖާގެ ފަރަގު އެންމެ ލަނޑަކަށް ކުޑަ ކުރީ، މެޗުގެ އެންމެ ފަހު ދިހަ މިނެޓްގައި ކާމިޔާބު ކުރި ދެ ލަނޑުން ނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، އޮލިވިއޭ އެންޗަމް އެވެ. ތިން ވަނަ ލަނޑު 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލީ ގްރެފިތުސް އެވެ.

ނަޕޯލީ، ފްރާންސްގެ ނީސްއާ ދެކޮޅަށް، ނިސްގެ ދަނޑުގައި ކުޅުނު މެޗުވެސް ކާމިޔާބު ކުރީ، 2-0 ން ނެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗުވެސް އެ ޓީމު ކާމިޔާބު ކުރީ 2-0 ން ނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ހޯސޭ ކަޔެހޮން އެވެ. ދެ ވަނަ ލަނޑު ކާމިޔަބު ކުރީ ލޮރެންޒޯ އިންސިންނިއާ އެވެ.

ޗެމްޕިއަންސް ލީގްގެ ޕްލޭ އޮފްގެ ދެ ވަނަ ލެގް މެޗުގައި، ލިވަޕޫލާއި ޖަރުމަންގެ ހޮފެންހަމް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:45 ގަ އެވެ.