ހަބަރު

މާލެއަށް އުދަ އަރައި ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެ

މާލޭ އިރުމަތީ ފަރާތަށް ވަރަށް ބޮޑަށް އުދަައަރާ މަގުތައް ފެންބޮޑުކޮށްލައިފި އެވެ. ހުޅަނގު މޫސުމާ ގުޅިގެން އިއްޔެ ވެސް ވަނީ މާލެއަށް އުދާގެ އަސަރުކޮށްފަ އެވެ.

މިއަދު އުދަ އަރާފައި ވަނީ ހުޅުލޭ ފެރީޓާމިނަލް އާ ހަމައިން ފެށިގެން އާޓިފިޝަލް ބީޗު ކުރިމަތީ ބެންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއާ ހަމަޔަށެވެ. އޭގެ އިތުރުން އާޓިފިޝަލް ބީޗަށާއި ބްރިޖް ވިއުއިން ޕްލެޓްފޯމް ހުންނަ ސަރަހައްދަށް ވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރާފަ އެވެ. އުދަގެ ސަބަބުން މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންހެދިފަ އެވެ. އަދި ހެންވޭރު ލޮނުޒިޔާރަށް ކޮޅަށް ވެލިވެސް އަރި އެވެ.

އެމްޓީސީސީން ވަނީ އުދަ އަރާތީ ފެރީ ޓާމިނަލް ފަޅިން ފެރީތައް ވެސް ނެރެން ފަށައިފަ އެވެ. އަދި ބައެއް ފެރީތައް މިހާރު ވަނީ ފަޅުން ބޭރަށް ނެރެފަ އެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދު ރާއްޖެ ތެރެއާ ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން މާލޭގެ އިތުރުން ލ. އަތޮޅު ފަދަ ބޮޑެތި ރަށްތަކަށް އިއްޔެ ވެސް އުދަ އެރި އެވެ.