ހަބަރު

އެއްވެސް މީހަކަށް އަޅުގަނޑު ހަދަންވީ ގޮތެއް ނުބުނެވޭނެ: އިސްގާޒީ

ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ގާޒީން ވަޑައިގެންނެވެނީ އޭނާގެ މައްޗަށް ހުކުމް ކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ޝަރީއަތުގައި ވިދާޅުވުމާ ގުޅިގެން ކޯޓުގެ އިސްގާޒީ އާދަމް އަރީފް އެއަށް ރައްދު ދެއްވައިފި އެވެ. އިސްގާޒީ ވިދާޅުވީ، އަދީބަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް މީހަކު އިރުޝާދު ނުދޭ ކަމަށާއި އިރުޝާދު ނުވެސް ދެވޭނެ ކަމަށެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ އާ ދެ ދައުވާ އަދީބުގެ މައްޗަށް ކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެންނެވެ. މީގެކުރިން ވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ އަށް ދައުވާއެއް އަދީބަށްކޮށް އެ މައްސަލާގެ ޝަރީއަތް މިދިޔަ ހަފުތާ ފެށި އެވެ.

އާ ދެ ދައުވާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަދީބަށް ވާހަކަ ދައްކަން ދިން ފުރުސަތު އަދީބު ވަނީ، މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފްއާމެދު ސުވާލު އުފައްދާފަ އެވެ. އަދީބު، މައްސަލަ ބައްލަވާ ގާޒީ އާރިފްއާމެދު ސުވާލު އުފެއްދެވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަ ބެއްލެވުމުގައި ޕީޖީ އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވެ އެވެ. އާދަމް އާރިފަކީ ކުރީގެ ދައުލަތުގެ ވަކީލެކެވެ.

އަދީބު ވިދާޅުވީ، ގާޒީ އާރިފް މައްސަލަ ބައްލަވާތީ، މައްސަލާގައި ކޮންފްލިކްޓް އޮފް އިންޓްރެސްޓް އުފެދޭ ކަމަށެވެ. މައްސަލައިން ގާޒީ އާރިފް ތަނާޒަލުވުމަށް ވެސް އަދީބު އެދިވަޑައިގަތެވެ.

އަދީބު ވިދާޅުވީ، އެއް ބާވަތެއްގެ ގިނަ ދައުވާތަކެއް އޭނާގެ މައްޗަށް ކުރާ ސަބަބެއް ނުވިސްނޭ ކަމަށެވެ. އެކަމަކީ ސިޓީތަކެއް ހަދައިގެން އޭނާ ސިޔާސީ ގޮތުން ފްރޭމްކުރުމަށް ސަރުކާރުން ކުރާ ކަމެއް ކަމަށް އަދީބު ތުހުމަތުކުރެއްވި އެވެ. އަދި އެއް ބާވަތެއްގެ ގިނަ މައްސަލަތަކެއްގެ ޝަރީއަތް އޭނާގެ މައްޗަށް ހިންގާއިރު އެއް ގާޒީއެއް ހުރިހާ މައްސަލައެއް ބައްލަވާތީ ވެސް އަދީބު ސުވާލު އުފެއްދެވި އެވެ.

"އެއް ބާވަތެއްގެ 10 މައްސަލައެއް އެއް ގާޒީއަކު ބެއްލެވުމަކީ އަޅުގަނޑުގެ ހައްގުތައް ގެއްލޭ ކަމެއް، އެކި ގާޒީން ބައްލާވަނަ އެއް ބާވަތެއްގެ މައްސަލައެއް ނަމަވެސް އަޅުގަނޑަށް ތަފާތު ހުކުމެއް އަތުވެދާނެ، ނަމަވެސް އެއް ގާޒީއަކު ބަލާނަމަ ހުރިހާ މައްސަލައެއް ވެސް ނިމޭނީ އެއްގޮތަކަށް، އަޅުގަނޑުގެ މައްސަލަތައް ބަލަން އެހެން ގާޒީއަކު ނެތީތޯ؟ ނޫނީ އަޅުގަނޑުގެ މައްސަލަތައް މަނިކުފާނު ބައްލަވަން އެއްވެސް ނުފޫޒެއް އޮންނަތީ، ތި މަގާމަށް ވަޑައިގެންނެވެނީ އަޅުގަނޑަށް ހުކުމްކޮށްގެންތޯ؟،" ކޯޓުގެ އިސްގާޒީ އާދަމް އާރިފަށް އަދީބު ސުވާލުތަކެއް ކުރިމަތިކުރެއްވި އެވެ.

މީގެކުރުން ކުރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ވެސް ވަނީ އަދީބުގެ ގިނަ މައްސަލަތަކެއް ބައްލަވާފަ އެވެ. ގާޒީ ބާރީ އެހެން ކޯޓަކަށް ބަދަލުކުރުމާ ގުޅިގެން ކޯޓުގެ އިސް ގާޒީގެ މަގާމު ހަވާލުކުރައްވާފައިވަނީ އާދަމް އާރިފަށެވެ.

އަދީބުގެ ވާހަކަތަކާ ގުޅިގެން ގާޒީ އާރިފް ވިދާޅުވީ، ކުރިމިނަލް ކޯޓުން އަމަލުކުރަމުންދާ އުސޫލަކީ އެއް ބާވަތެއްގެ މައްސަލަ ހުށަހެޅޭނަމަ އެ ހުރިހާ މައްސަލައެއް އެއް ގާޒީއަކުން ބެއްލެވުން ކަމަށެވެ. ނަމަވެސް އަދީބު އެކި ގާޒީން ބެއްލުމަށް އެދިވަޑައިގަންނަވާތީ އެފަދަ އުސޫލެއް އޮތްތޯ ބަލައި އޮތްނަމަ އެކި ގާޒީންނަށް މައްސަލަތައް ހަވާލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަދީބު ތި ދެއްކެވި ވާހަކަތަކުން އަޅުގަނޑު ހިތުގަ އެއްޗެއް ނެތް، މި މަގާމަށް އައުމަށް އަދީބަށް ވަކި ގޮތެއް ހެދުމަށް އަޅުގަނޑަށް އިރުޝާދު ދީފައެއް ނެތް، އަދި އިރުޝާދު ނުވެސް ދެވޭނެ،" ގާޒީ އާރިފް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، އަދީބުގެ ބައެއް މައްސަލަތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށެވެ. ނަމަވެސް އަދީބު އެކަން ފާހަގަކުރައްވާތީ، އެކަން ސާފުކުރުމަށްފަހު ތަނާޒުލްވާން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ދެ މުއައްސަސާއަކުން ތަހުގީގު ހިންގައި، ޕީޖީ އޮފީހަށް ހުށަހެޅި ކަމަށެވެ. އެއީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. އަދީބުގެ މައްޗަށް މިހާރު ދައުވާކުރާ މައްސަލަތަކަކީ އޭސީސީގެ ތަހުގީގު މައްސަލަ ބިނާކޮށް ކޮށްފައިވާ ދައުވާތަކެކެވެ. އެ ތަހުގީގުގައި ގާޒީ އާރިފް ބައިވެރިވެފައިވޭތޯ ބެލުމަށް އޭސީސީއަށް ފޮނުވާފައިވާނެ ކަމަށާއި އެ ލިޔުން ލިބުމުން ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ވަކީލަކު ބޭނުންވާ ކަމަށް އަދީބު މިއަދު ވިދާޅުވެފައިވާތީ، 10 ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދީފަ އެވެ. ދެން މައްސަލަ ތާވަލުކުރާނީ 10 ދުވަހަށްފަހު އެވެ.

އަދީބުގެ މައްޗަށް އާ ނުވަ ދައުވާއެއް އުފުލާފައިވާއިރު، މިހާރު ވެސް އަދީބު ގެންދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.