ވިޔަފާރި

ބޮޑު ޑިސްކައުންޓާއި، ގިނަ އިނާމުތަކާ އެސްޓީއޯ "ރަމަޒާން ބާޒާރު" ފަށައިފި

އެ ތަނުގައި ރޯދައިގެ ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނެއް އެބަ ހުއްޓެވެ. ޖޫސް ގިރުމަށް ޖޫސާ އެބަ ހުއްޓެވެ. މަސް ފިހުމަށް އަވަން އެބަ ހުއްޓެވެ. ބޯކިބާ ފިހުމަށް "އެއާ ފްރަޔާ" އެބަ ހުއްޓެވެ. މިފަދަ ގިނަ ސާމާނާއި، ބޮޑެތި އިނާމުތަކާއި އެކު "އެސްޓީއޯ ރަމަޒާން" ބާޒާރު މިއަދު މިވަނީ ފަށާފަ އެވެ.

އެސްޓީއޯ އިން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ކުރިއަށް ގެންދާ މި ސޭލް ފައްޓަވައި ދެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަހީރެވެ.

މި މަހުގެ 19 އިން ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ އިން މުޅިރާއްޖޭގައި ހިންގާ ހުރިހާ ފިހާރައެއްގައި ކުރިއަށްދާ މި ސޭލްގައި 30 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

މި ސޭލުގައި ފިލިޕްސް ބްރޭންޑުގެ ފިލިޕްސް "ބްލެންޑާ" ގެ އަގު 299-300ރ. އަށް ވަނީ ތިރިކޮށްފަ އެވެ. އަދި މި ޕްރޮމޯޝަންގައި ކުރާ ކޮންމެ 1000،ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ވެސް ލިބެ އެވެ. މި ސޭލްގައި ނަސީބުވެރި އަކަށް ހޮވޭ ފަރާތަކަށް 200،000ރ. ގެ އަގު ހުރި އިނާމެއް ލިބެ އެވެ. އަދި މި ސޭލް ކުރިއަށް ދާއިރު، ވަގުތުން ލިބޭ ހާއްސަ އިނާމު ތަކެއްވެސް ހުރެ އެވެ. އަދި ކޮންމެ ހަފުތާއަކުވެސް ގިނަ އިނާމުތަކެއް ލިބޭނެ އެވެ.

އެސްޓީއޯ "ރަމަޒާން ބާޒާރު" ގެ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ހިޓާޗީ އާއި ސެމްސަންގްގެ، ސީނިޔަ ބްރޭންޑް މެނޭޖަރު އިބްރާހިމް ނަޖާހު ވިދާޅުވީ މި އަހަރުގެ ސޭލް ކުރިއަށް ދާއިރު، އާ އުފެއްދުންތައް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މި ދުވަސް ވަރަކީ ހޫނު ދުވަސް ވަރެއް. އެހެންވެ އެއާކޯންގެ އާ ބްރޭންޑްތައް ވެސް ނެރޭނެ. ރެފްރެޖަރޭޓާގެ އާ ވައްތަރުތަކެއްވެސް ފެނިގެން ދާނެ. އާ އުފެއްދުންތަކެއް ފެނިގެން ދާނެ. މިއީ އެއާކޯނެއް ބައްލަވައި ގަންނަން ރަނގަޅު ދުވަސް ވަރެއް،" ނަޖާހު ވިދާޅުވި އެވެ.

ނަޖާހު ވިދާޅުވީ މި ސޭލް ކުރިއަށް ދާއިރު ހިޓާޗީގެ ގިނަ އިނާމުތަކެއް ވެސް ލިބޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ވެސް ފްރިޖާއި ދޮންނަ މެޝިން ފަދަ ތަކެތި ގެއާ ހަމައަށް ގެންގޮސް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަނަ ހާހުން ނޫނީ ތިރީސް ހާހުގެ ވިޔަފާރިއެއް ކުރުމުން ލިބޭ އިނާމުތަކެއް ވެސް އެބަހުރި،" ނަޖާހު ވިދާޅުވި އެވެ.

އެސްޓީއޯ އިން ފިލިޕްސް އާއި މަކިޓާ އަދި މަކްޓެކްގެ އިތުރުން ހިޓާޗީ ފަދަ މަޝްހޫރު ބްރޭންޑުތަކުގެ އެކި އުފެއްދުންތައް ވިއްކަ އެވެ.