ކުޅިވަރު

އިނގިރޭސި ގައުމީ ޓީމުން ރޫނީ ރިޓަޔާ ކޮށްފި

Aug 23, 2017

އިނގިރޭސި ގައުމީ ޓީމަށް ކުޅުން، ހުއްޓާލިކަން ވެން ރޫނީ އިއުލާން ކޮށްފި އެވެ. ރޫނީ އިނގިރޭސި ގައުމީ ޓީމަށް ކުޅުން ހުއްޓާލިރު، އެންމެ ފަހުން އެކުލަވާލި އިނގިރޭސި ގައުމީ ސްކޮޑްގައި ރޫނީއަށް ފުރުސަތު ދީފައެއް ނުވެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޖޫން މަހު، ސްކޮޑްލޭންޑާ ދެކޮޅަށް ކުޅުނު މެޗާއި، ފްރާންސާއި ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗަށް އެކުލަވާލި ސްކޮޑުން، ކޯޗް ގެރެތު ސައުތު ގޭޓް ރޫނީއަށް ފުރުސަތު ނުދިނީ، މިދިޔަ ސީޒަންގައި އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުމުން ނެވެ. މެންޗެސްޓާ ޔުނައިޓަޑްގައި، މިދިޔަ ސީޒަންގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ރޫނީ ވެސް ވަނީ، އެއްބަސް ވެފަ އެވެ.

ތޭރަ އަހަރަށްފަހު، އޭނާގެ ކުޑަ އިރުގެ ކުލަބު އެވަޓަން އަށް، މި ސީޒަން ފެށުމުގެ ކުރިން ބަދަލުވެ، ރުނީ ބުނީ، އިނގިރޭސި ގައުމީ ޓީމުން އޭނާ އަށް ޖާގަ ގެއްލުނީ އޭނާގެ ކުރީ ގެ ކުޅުން މިދިޔަ ސީޒަންގައި ނުދެއްކުމުން ކަމަށެވެ. އަދި އެވަޓަންއާ އެކު އޭނާގެ ކުރީގެ ކުޅުން، ދެއްކައި، ގައުމީ ޓީމުން އޭނާ އަށް ޖާގަ ހައްގު ކަން ސާބިތު ކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

އެވަޓަން އަށް އެނބުރި އައިސް، ރޫނީ ވަނީ، އެ ޓީމުން މިހާތަނަށް، ލީގްގައި ކުޅުނު ދެ މެޗުގައިވެސް، ލަނޑު ޖަހާފަ އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި، އެވަޓަންއަށް ރޫނީ ޖަހައިދިން ލަނޑަކީ ޕްރިމިއާ ލީގްގައި ރޫނީ ޖެހި 200 ވަނަ ލަނޑެވެ. އޭނާގެ ކުޑައިރުގެ ކުލަބަށް، ރޫނީ 200 ވަނަ ލަނޑު ޖެހުމާއި، އަދި ލީގްގައި ކުޅުނު ދެ މެޗުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު، 'ދަ ގާޑިއަން' ނޫހުގައި، މަޝްހޫރު ފުޓްބޯޅަ ކޮލަމިސްޓް ޖެމީ ޖެކްސަން ލިޔެފައި ވަނީ މިހެން ނެވެ.

"ރޫނީގެ 200 ވަނަ ގޯލާއި އަދި ސީޒަން ފެށުމުގައި އޭނާގެ ފަރާތުން ފެނުނު ތަފާތަކީ އިނގިރޭސި އިންޓަނެޝަނަލް ޓީމުގެ ކޯޗް ގެރެތު ސައުތު ގޭޓަށް ދިން މެސެޖަކަށް ނޫނީ ނުވާނެ އެވެ."

ސައުތުގޭޓަށް، މެސެޖް ލިބިއްޖެ އެވެ. އޭނާ ވަނީ، އިނިގިރޭސި ގައުމީ ޓީމުގައި އަލުން ރޫނީ ހިމަނަން ބޭނުންވާ ކަން ހާމަ ކޮށް ރޫނީ އަށް މެސެޖް ފޮނުވާފަ އެވެ. ނަމަވެސް ރޫނީ ނިންމީ އޭނާ އަށްވެސް ނިންމަން އެންމެ އުނދަގޫ ނިންމުމެވެ. އޭނާ އަށް ގައުމީ ޓީމުން ޖާގަ ހައްގުކަން އެންމެންނަށް ސާބިތު ކޮށްދިނުމަށްފަހު ރޫނީ، އިނގިރޭސި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ އެވެ.

އުމުރުން 31 އަހަރުގައި، އޭނާ އިނގިރޭސި ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، އިނިގިރޭސި ގައުމީ ޓީމުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ ރޫނީ އަތުގަ އެވެ. އޭނާ ވަނީ 119 މެޗުގައި، 53 ގޯލް އިނގިރޭސި ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.

މިއަހަރު ރޫނީ، ނިންމީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި އެންމެ އުނދަގޫ ނިންމުން ތެކެވެ. ދެހާސް ހަތަރު ވަނަ އަހަރު އެވަޓަން ދޫކޮށް، ޔުނައިޓަޑަށް ރުނީ ބަދަލުވީ އޭނާގެ އުމުރުން 19 އަހަރުގަ އެވެ. އެ ޓީމާއެކު އެތައް ކާމިޔާބު ތަކެއް ހޯދި ޓީމުން ރޫނީ އެކެހެރި ވުމުން، އެނބުރި ކުރީގެ ކުލަބަށް އައީ އެވެ. ރުނީ ބުނީ، އެ ކުަލަބާއެކު، އެތައް ކާމިޔާބު ތަކެއް ހޯދި ކުލަބު ދޫކޮށްލަން ޖެހުމަކީ، އޭނާގެ ކެރިއަރުގައި ނިންމި އުނދަގޫ ނިންމުމެއް ކަމަށެވެ.

ކުލަބު ލެވަލްގައި، ކިތަންމެ ކާމިޔާބެއް ހޯދުނު ނަމަވެސް، އިނިގިރޭސި ގައުމީ ޓީމަށް ރޫނީ އަކަށް މާ ބޮޑު ކަމެއް ނުކޮށް ދެވުނެވެ. އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު، ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރުން ފިޔަވައި، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި، އިނިގިރޭސިންނަށް ހޯދުނު ކާމިޔާބެއް ނެތެވެ. ހުދު ރޫނީއަށްވެސް އެކަން ބަދަލު ކޮށް ނުލެވުނެވެ.