ހަބަރު

ރައީސް ނަޝީދު އިންޑިޔާއަށް ވަޑައިގަންނަވަނީ

Aug 23, 2017
13

އިންޑީޔާގައި ކުރިޔަށް ދާ "ސައުތު ސައުތު އެންޑް ޓްރޭންގިއުލާ ކޯޕަރޭޝަން" ޝަރަފުވެރި ކޮށްދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އިންޑިޔާގެ ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސް އިން އިންތިޒާމް ކުރާ އެ ކޮންފަރެންސަށް ރައީސް ނަޝީދު ވަޑައިގަންނަވަނީ އަންނަ ހުކުރު ދުވަހު އެވެ. އަދި އެ ދަތުރުފުޅުގައި ސައުތު ސައުތު އެންޑް ޓްރޭންގިއުލާ ކޯޕަރޭޝަންގައި ތަގުރީރު ކުރައްވާނެ އެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރުން މެދުކަނޑާލުމަށް ފަހު، އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދަވާފައިވާ ރައީސް ނަޝީދު މިވަގުތު ހުންނެވީ ސްރީލަންކާގަ އެވެ. މިއީ އޭގެ ފަހުން އެމަނިކުފާނު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭގެ ކުރިން އެކި ފަހަރުގެ މަތިން ވަނީ ލަންކާއަށް ވަޑައިގެންފަ އެވެ.

ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގުޅުމާއި، އިގްތިސާދީ ކުރިއެރުމާ ގުޅޭ ގޮތުން ދިއްލީގައި އޮންނަ މި ކޮންފަރެންސްގައި ދުނިޔޭގެ 40 ގައުމަކުން ބައިވެރިވެ އެވެ. އެ ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒްގެ ޖޮއިންޓް ސެކެޓަރީ ދެއްވާ ފަރިއްކޮޅަކާއި ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސްގެ ޗެއާޕާސަން އެމްބެސެޑާ ހަރްދީޕް ޕޫރީގެ ދެއްވާ ފަރިއްކޮޅަކަށް ރައީސް ނަޝީދަށް ވަނީ ދައުވަތު އަރުވާފައެވެ.