ރިޕޯޓް

މަޖިލީހުގެ މެޖޯރިޓީ ނިންމުން ސުޕްރީމް ކޯޓުގެ އަތްމަތީ!

ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ މެދު ތެރޭ، ޖުލައި ތިން ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ސާފު މެޖޯރިޓީއާއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅި އެވެ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީއާ މެދު ސަރުކާރު މެންބަރުންނާއި އިދިކޮޅު މެންބަރުން ކުރަމުން ދިޔަ ބަހުސްތަކަށް އެންމެ ފަހުން ނިމުމެއް އައެވެ. ނަމަވެސް އޭގެ ފަހުން މިވީހާ ދުވަހުގައި ވަނީ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލާ، ބާރުގަދަ ފަޅި ވޯޓުން ދައްކާލުމަށް ފުރުސަތެއް ނުލިބިފަ އެވެ.

އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ އެނބުރުމާ އެކު އެކަން ބަދަލުކޮށްލަން ސަރުކާރަށް ފެނުނު ހައްލަކީ އިދިކޮޅުގައި ބައެއް މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި މަސީހުގެ އިތުބާރު ނެތް މައްސަލަ ބޭރުކޮށްލުމެވެ. އަދި މަޖިލީހުގެ ތެރެއިން ސަރުކާރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް، ސިފައިން ބޭނުންކޮށްގެން މަސީހު ރިޔާސަތުގައި ބައިންދާ ގަދަބާރުން ޖަލްސާތައް މި ވަނީ ކުރިޔަށް ގެންދަން ފަށާފަ އެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބުނު ފަހުން، ފުރަތަމަ ފަހަރަށް ވޯޓަކާ ހަމަޔަށް ގޮސް އިއްޔެ ވަނީ ނަތީޖާ ހާމަވެފަ އެވެ. އެއް އިރެއްގައި 50 އިން މަތިން ވޯޓު ހޯދައިގެން އިދިކޮޅު ބަލި ކުރަމުން ދިޔަ ސަރުކާރުގެ މެންބަރުންނަށް ލިބުނީ 28 ވޯޓެވެ. މިއީ ޕީޕީއެމްގެ ތާރީހުގައި ވެސް މުހިންމު ދަނޑިވަޅުތަކުގައި އެ ޕާޓީއަށް އެންމެ މަދުން ވޯޓު ހޯދުނު ފަހަރެވެ. އިއްޔެ އަކީ، "ބޮޑު ފަޅި" ދައްކާލަން ސަރުކާރު ކޯލިޝަންއަށް ލިބުނު ރަނގަޅު ފުރުސަތެއް ނަމަވެސް، އިއްޔެ ފެނުނީ ސަރުކާރު ކޯލިޝަންގެ އަސްލު ސައިޒެވެ.

މި ނަތީޖާއާ ގުޅިގެން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވި ގޮތުގައި ސަރުކާރަށް މަދުން ވޯޓު ލިބުނީ ޕީޕީއެމް އާއި އެމްޑީއޭގެ ގިނަ މެންބަރުންތަކެއް ރާއްޖެއިން ބޭރުގައި އަދި މާލެއިން ބޭރުގައި އެ ވަގުތު ތިއްބެވީމަ އެވެ. އެހެން ނޫން ނަމަ ބޮޑު މެޖޯރިޓީއެއް އޮންނާނީ ސަރުކާރު ފަޅީގައި ކަމަށާއި އިދިކޮޅު ފަރާތްތަކަށް އިއްޔެ ލިބުނީ ސުން ޕަސަންޓު ކަމަށް ނިހާނު ވިދާޅުވި އެވެ.

"އިދިކޮޅު މެންބަރުންނަށް މަޖިލީހުގައި ހިނގި ވޯޓުގައި ބައިވެރިވެވަޑައިގެން ނަމަ ހަމަ ފަހަރެއްގާ ލިބުނީސް ފެއިލްކޮށްލުމުގެ ފުރުސަތު. އެއީ އިހުތިޖާޖު ކުރަން އެހާ މެންބަރުން ތިބި، ނަމަވެސް ރަތް ބަޓަނަށް ފިތާލުމުގެ ބަދަލުގައި އެ މެންބަރުން އިހުތިޔާރު ކުރީ ހަޅުތާލު ކުރަން، އެހެންވެ އެ ފުރުސަތު ވެސް އެ ގެއްލުނީ ޗާންސް، އެހެންވެ ސަރުކާރަށް މިއަދު ވަނީ 100 ޕަސަންޓުން ވޯޓު ކާމިޔަބު ކުރެވިފައި،" ނިހާން ވިދާޅުވި އެވެ.

ދެން އޮތީ އިދިކޮޅު ފަރާތްތަކެވެ. މަޖިލީހުގެ ޖަލްސަތައް ކުރިޔަށް ދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ މެންބަރުން ވަނީ މަސީހު ރިޔާސަތުގައި އިންނަވައިގެން ނަގާ ހުރިހާ ވޯޓެއް ބޮއިކޮޓް ކުރަން ނިންމާފަ އެވެ. އެހެންކަމުން އިއްޔެ ނެގި ވޯޓުގައި އިދިކޮޅު ފަރާތްތަކެއް ބައިވެރިއެއް ނުވެ އެވެ. އަދި އިދިކޮޅު މެންބަރުން ތަޅުމުގައި ތިއްބެވީ އިހުތިޖާޖުގަ އެވެ. އަދި ނިހާން ފާހަގަ ކުރި ގޮތައް ބައެއް އިދިކޮޅު މެންބަރުން ވެސް މިވަގުތު ރާއްޖެއިން ބޭރުގައި އެބަތިއްބެވެ.

"އަޅުގަނޑުމެން މަޖިލީހުގެ ވޯޓުގައި ބައިވެރިއެއް ނުވާނަން މަސީހުގެ އިތުބާރު ނެތް މައްސަލަ ނުނަގާހާ ހިނދަކު، އަދި ސުޕްރީމް ކޯޓުގެ މައްސަލަ ނިންމާ އެ މެންބަރުންނަށް ވެސް މަޖިލީހަށް ނުވަދެވޭހާ ހިނދަކު، އެއީ މުޅިން ގާނޫނާ ހިލާފަށް ހިނގާ މަޖިލީހެއް، އަޅުގަނޑުމެން ބައިވެރިވި ނަމަ އަދި މިއަށް ވުރެ ބޮޑުތަނުން ސަރުކާރު މެންބަރުން ބަލި ކުރާނަން،" ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި އެވެ.

ކޮންމެއަކަސް އަނެއްކާ ވެސް މި އޮތީ މެޖޯރިޓީގެ ބަހުސް ފެށިފަ އެވެ. ނަމަވެސް ކުރިޔާ ހިލާފަށް މިހާރު ސަރުކާރު ފަޅީގައި ތިބި މެންބަރުންނާއި އިދިކޮޅު ފަރާތްތަކުގައި ތިބީ ކޮން މެންބަރުންނެއް ކަން ވަރަށް ސާފެވެ. އެ މެންބަރުން ވަނީ ތާއީދު އޮތް ފަޅި ހާމަކޮށްފަ އެވެ. ސަރުކާރަށް އެންމެ ލޯޔަލްކޮށް މި ތިއްބެވީ، 29 މެންބަރުންނޭ ބުނެވިދާނެ އެވެ.

ހިސާބު ޖެހުމުން މެޖޯރިޓީ ލިބެނީ ކޮން ފަޅިއަކަށް؟

ހިސާބުތަކުން ދައްކާ ގޮތުގައި މަޖިލީހުގައި އެމްޑީޕީއާ، ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ އަދި ޕީޕީއެމް އިން އިދިކޮޅާ ގުޅުން ބައެއް މެންބަރުން ހިމަނައިގެން އިދިކޮޅު ފަރާތްތަކަށް ހަމަވަނީ 39 މެންބަރުންނެވެ. އެއީ މިހާރު ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން އިން ކަނޑައަޅާފައިވާ މެންބަރުންނާއި ބަންދުގައި ހުރި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ނުހިމަނާ އަންނަ އަދަދެވެ.

ސަރުކާރު ފަޅިން ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަން އެއްކޮށްލުމުން ވެސް އަންނަނީ ހަމަ 39 މެންބަރުންނެވެ. އެއީ މަސީހު ވެސް ހިމަނައިގެން އަންނަ އަދަދެވެ. އެހެންކަމުން މެންބަރުންނަށް ބަލާއިރު އިދިކޮޅު ފަރާތްތަކާއި އަދި ސަރުކާރު ފަޅި ވެސް މިއޮތީ އެއްވަރުވެފަ އެވެ.

ނަމަވެސް 85 މެންބަރުންގެ ތެރެއިން އެ މެންބަރުންތައް ނަގާފައި ދެން ބާކީ މިވަނީ ހަތް މެންބަރުންނެވެ. އެއީ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވާ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދައިރާގެ މެންބަރު މުހައްމަދު ވަހީދުއާ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަަތީފް މުހައްމަދު އެވެ. ބާކީ ދެން ހުންނެވި މެންބަރަކީ ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފާރިސް އެވެ.

ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ މައްސަލަ އަދިވެސް އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެ މެންބަރުންނާ މެދު ގޮތެއް ނުނިންމަވާ ނަމަވެސް މަޖިލީހާއި ފުލުސް އޮފީހުން އެ މެންބަރުންނާ މެދު އަމަލު ކުރަނީ ގޮނޑި ގެއްލިފައި ތިބި މެންބަރުންގެ ގޮތުގައި ބަލައިގެން އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓްގައި ކުރިއަށްދެ އެވެ.

އެހެންކަމުން މަޖިލީހަށް ކުރިމަތިވެފައިވާ މިއޮތް ހާލަތު ރަނގަޅުކޮށް މަޖިލީސް އަލުން ހަމަޔަކަށް އެޅުވުމާއި ހަގީގީ މެޖޯރިޓީ އޮތީ ކޮން ފަޅިއެއްގައި ކަން ނިންމުން އޮތީ މިހާރު ސުޕްރީމް ކޯޓުގެ އަތްމަތީގަ އެވެ. ސަބަބަކީ އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ކަނޑައަޅައިފި ނަމަ ސަރުކާރަށް 39 މެންބަރުން އަދި އިދިކޮޅަށް 43 މެންބަރުން ހަމަވާނެ އެވެ. ނަމަވެސް ގޮނޑިގެއްލިއްޖެ ކަމަށް ނިންމައިފި ނަމަ ދެން އިންތިޒާރު ކުރަން ޖެހޭނީ އެ ދާއިރާތަކުގެ ބައި-އިލެކްޝަންގެ ނަތީޖާއަށެވެ.

ގަދަ ބާރުން މެޖޯރިޓީ ވެސް ހޯދަނީތަ؟

ނަމަވެސް އެހާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. މިސާލަކަށް ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އިސް މެންބަރުން ހިމެނޭ ގޮތަށް 12 މެންބަރެއްގެ މައްޗަށް ވަނީ ތަފާތު ޖިނާއި ދައުވާތައްކޮށްފަ އެވެ. އަދި އެ މެންބަރުންގެ ޝަރީއަތްތައް ފެށުމަށް މި ވަނީ ތައްޔާރީތައްވެފަ އެވެ.

މިއީ އިދިކޮޅު ފަރާތްތައް މަޖިލީހުން "ފޮހެލުން" ފަދަ ކަމެކެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ގިނަ މެންބަރުންގެ މައްޗަށް އެއްފަހަރަ ޖިނާއީ ދައުވާ ކުރާ ފުރަތަމަ ފަހަރެވެ. އެއް ފަހަރަކާ މިހާ ގިނަ މެންބަރުންނަށް ދައުވާ ކުރުމަކީ މަސްރަހު ވަރަށް ބޮޑަށް ގަޑުބަޑުވެގެން ދާނެ ކަމެކެވެ. އަދި މިކަމުން ތަރުޖަމާ ވަނީ އިންސަފުން ބޭރުން ގަދަ ބާރުން މަޖިލީހުގެ މެޖޯރިޓީ ހޯދަން ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. އެ މެންބަރުން ޖަލަށް ލާ ބަންދުކޮށްފި ނަމަ ޑިމޮކްރަސީގެ އެއްބާރުން އަނެއްބާރުގެ މައްޗައް ގަދަވެ ގަތުމުގެ ސިފަ ޖެހޭނެ އެވެ. އެއީ ސިޔާސި ގޮތުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތި ކުރުވާ އަދި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ވެސް އުފެދި، ގައުމު އިތުރަށް ހަލަބޮލިކަމަކަށް ވެއްޓޭނެ ކަމެކެވެ.

ކޮންމެއަކަސް މެޖޯރިޓީގެ ބަހުސް މިއަދު މި އޮތީ ސުޕްރީމް ކޯޓާ ހަމައިން ހުއްޓިފަ އެވެ. އަދި މަޖިލީހުގެ ޖަލްސާތައް ގަދަބާރުން ކުރިޔަށް ގެންދާނީ ކިހާ ދުވަހެއް ވަންދެއް ހެއްޔެވެ؟ މިކަންކަމަށް ހައްލެއް ގެނެސް އުސޫލުގެ ތެރެއިންކަންކަން ގެންދިޔުމަށް ސުޕްރީމް ކޯޓްގެ ހުކުމް ވީހާ ވެސް އަވަހަށް އިންސާފުވެރިކޮށް ނިންމުން މި ވަނީ މުހިންމުވެފަ އެވެ.