ހަބަރު

މަޖިލިސް ތެރޭގައި މާރާމާރީ ހިންގައި ބިސް ޖަހައިފި

Aug 24, 2017
12

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން މިއަދު ހަޅުތާލު ކުރަން ފެށުމުން، އެކަން ހޫނުވެ މަޖިލީހުގެ މެންބަރުން ގަޔަށް ބިސްޖަހައި އިދިކޮޅު މެންބަރުންނާއި ސަރުކާރު މެންބަރުންނާ ދެމެދު މާރާމާރީ ހިނގައިފި އެވެ. އަދި މިއަދުވެސް މެންބަރުން ވަނީ އެއް މެންބަރަކު އަނެއް މެންބަރަކަށް އަވަގުރާނަ ގޮވައި ގަޔަށް ވެސް އަތްލައިފަ އެވެ.

ބިސް ޖަހާފައި ވަނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮޓަރި ތެރެއަށެވެ. ބިސް ޖެހި ވަގުތު އެތެރޭގައި އިބޫ އާއި އެކު ބައެއް އިދިކޮޅު އިއްތިހާދުގެ މެންބަރުން ތިއްބެވި އެވެ. އިދިކޮޅު މެންބަރުން ތުހުމަތު ކުރާ ގޮތުގައި ބިސް ޖެހީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ. އެހެން ނަމަވެސް ރޮޒައިނާ އާދަމްގެ ފޭސްބުކް ލައިވް އިން ފެނުނު ގޮތުގައި އެ ތުހުމަތުތައް މޫސަ ދޮގު ކުރައްވައި ވިދާޅުވަނީ އަހަރެން އެކަމެއް ނުކުރަން ކަމަށެވެ. އެހެން ނަމަވެސް އެ ކޮޓަރީގައި ތިއްބެވި ބައެއް އިދިކޮޅު މެންބަރުން ވިދާޅުވީ މޫސަ ބިސް ޖެހިތަން ތިމަންނާ ލޮލުން ފެނުނު ކަމަށެވެ.

"މޫސަ ހަމަ އައިގޮތަށް ވަދެ ގަނެގެން އައިސް ބިސް އެތްލާފައި ދިޔައީ ކޮޓަރި ދޮރަށާއެކު،" އިދިކޮޅު މެންބަރު ފަލާހް ވިދާޅުވި އެވެ.

އެ ވަގުތު އިބޫގެ ކޮޓަރިއާ ވަރަށް ކައިރީގައި މަޖިލީހުގެ ސެކިއުރީޓި ބަލަހައްޓާ ސިފައިން ތިއްބެވެ. އަދި އެއް މެންބަރަކު އަނެއް މެންބަރަކު ގަޔަށް އަތްލައި ހެދި އިރުވެސް ސިފައިން މާ ބޮޑު ކަމެއް ނުކޮށް މަޑުމަޑުން ތިބީ އެވެ.

ބިސްޖެހުމާ އެކު މައްސަލަ އިތުރަށް ހޫނުވެ މެންބަރު ފައްޔާޒު އިސްމާއިލް ސަރުކާރު ކޯލިޝަންގެ މެންބަރުންނާ ދިމާލަށް ދުއްވައި ގަންނަތަން ފެނުނެވެ. އަދި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން ވަނީ ފައްޔާޒު މައިތިރިކޮށްފަ އެވެ. ޗެމްބަރުގެ ތެރޭގައި ވެސް މިއަދު ވެސް އެއް މެންބަރަކު އަނެއް މެންބަރަކަށް، "ތޅއ"އޭ ކިޔައި ހުތުރު ބަހުން މުހާތަބުކޮށް ހަދާފައިވެ އެވެ. އަދި ދާންދޫ ދާއިރާގެ މެންބަރު އައްސަދާއި އިދިކޮޅު މެންބަރުން ޗެމްބަރު ތެރޭގައި ރުޅިގަދަވެ ގަޔަށް އަތްލައި ހެދި މަންޒަރު ބައެއް މެންބަރުން ކުރެއްވި ފޭސްބުކްލައިވްތަކުން ފެނެ އެވެ.

އިއްޔެ ވެސް އިދިކޮޅު މެންބަރުންނާއި ސަރުކާރު ކޯލިޝަންގެ މެންބަރުންގެ މެދުގައި ބޮޑެތި ބަހުގެ ހަމަލާތަކެއް ހިނގައި އެ މައްސަލަ ހޫނުވެ މާރާމާރީ ހިންގައި އެއް މެންބަރަކު އަނެއް މެންބަރަކަށް ވަނީ އަވަގުރާނަ ގޮވައިފަ އެވެ. މިއަދު މި ބޭއްވީ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިޔަކަށް ރިޔާސަތުން މިއަދު އިއުލާން ކުރި އެވެ.